ކޮވިޑް-19 އަށް ޕޮޒިޓިވްވި އިތުރު 3 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
މިކަން ހާމަކޮށްފައި ވަނީ ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުުމަށް މިހަރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 3 މީހަކު ބަލިން ރަނގަޅުވެފައިވުމާއެކު، ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިވަނީ 112 އަށް އަރާފައެވެ.
ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 112 މީހަކު ރަނގަޅުވެފައިވާއިރު، މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 4 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރު 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޖުމްލަ 1313 މީހަކު ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 1198 ކޭސްތަކަކީ އެކްޓިވް ކޭސްތަކެވެ.
ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދިއުމާގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތަކަށް ގެނެސްފައިވާތާ މަހަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. ނަމަވެސް، ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދު މަދު ނުވި ކަމުގައި ވިޔަސް މިމަހު 28 ވަނަ ދުވަހު ލޮކްޑައުންގެ މުއްދަތު ހަމަވުމާއެކު، ލޮކްޑައުން އަށް ލުޔެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.