ބަރަކާތްތެރި ރަމަޟާން މަހުގެ އެންމެ ފަހު ހުކުރު ދުވަހުގެ މެންދުރު ފަހުގެ ވަގުތެވެ. ޕާކިސްތާނުގެ ކަރާޗީއަށް ދަތުރުކުރަމުން ދިޔަ ޕާކިސްތާނު އިންޓަނޭޝަނަލް އެއާލައިންސްގެ ފްލައިޓް ޕީކޭ8303، އާންމުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓުނު ޚަބަރާއެކު މުޅި ދުނިޔެ ސިއްސުވާލިއެވެ. 100 އެއްހާ މީހުންނާއެކު ދަތުރު ކުރަމުން ދިޔަ އެ ފްލައިޓް ވެއްޓުނީ، އާންމު ގެތަކެއް ހުރި ސަރަހައްދަކަށް ކަން އެނގުނު ހިސާބުން ހާދިސާގެ ސީރިއަސްކަން އިތުރުވިއެވެ.
މި ބިރުވެރި ހާދިސާގައި ފުރާނަ ސަލާމަތްވި އެކަކީ މުޙައްމަދު ޒުބައިރުއެވެ. އޭނާއަކީ އެއާބަސް އޭ-380 ވެއްޓުނު ހިތްދަތި ހާދިސާގައި ފުރާނަ ސަލާމަތްވި 2 ފަސެންޖަރުންގެ ތެރެއިން އެކަކެވެ. ޕާކިސްތާނުގެ ސިންދް ޕްރޮވިންސްގެ އޮފިޝަލުންވަނީ، މި ހާދިސާގައި 97 މީހެއްގެ ފުރާނަ ގެއްލިފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.
ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދިވެސް ސާފުވާ ގޮތެއް ނުވެއެވެ.
ނަމަވެސް ރޮއިޓާޒްއަށް ދެއްވި ބަސްދީގަތުމެއްގައި، ޕާކިސްތާނުގެ ސިވިލް އޭވިއޭޝަންގެ އޮފިޝަލަކުވަނީ ފްލައިޓްގެ އަންޑާކެރިޖް ތިރިކުރުމުގައި މައްސަލަތަކެއް އުޅުނީ ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މަންޒަރުތަކަށް ބަލާއިރު ބޯޓުގެ އިންޖީނުތަކުގެ ދަށުގައި ބޮޑެތި ފާހަގަތަކެއް ފެންނަން ހުއްޓެވެ. އަންޑާޖެރިޖެއްގެ ނިޝާނެއްވެސް ފެންނާކަށް ނެތެވެ.
މި ހާދިސާ ހިނގާފައި މިވަނީ، ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ލޮކްޑައުންއަށްފަހު ކޮމާޝަލް އުދުހުންތަކަށް ޕާކިސްތާނުން ވައިގެ ސަރަހައްދު ހުޅުވާލިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.
މުޙައްމަދު ޒުބައިރު ސަލާމަތްވީ ކިހިނެއް؟
ފްލައިޓް ޕީކޭ8303، 91 ފަސެންޖަރުންނާ 8 ކުރޫއިންނާއެކު ދަތުރު ކުރަމުންދިޔައިރު އޭގައި ގިނަ އާއިލާތަކެއް ތިއްބެވެ. އެއީ އާދީއްތަ ދުވަސް އިސްލާމީ އުއްމަތާ ބައްދަލުކުރާ، ބަރަކާތްތެރި ފިޠްރު ޢީދުގެ މުނާސަބާއަށް އާއިލާތައް އެއްތަންވުމުގެ ފޮނި އުއްމީދުގައި ލާހޯރްއިން ކަރާޗީއަށް ދަތުރު ކުރަމުން ދިޔަ މީހުންނެވެ.
ހާދިސާ ހިނގީ ޕާކިސްތާނު ގަނޑިން މެންދުރުން އަނބުރާ 14:30 ހާއިރުއެވެ. ކަރާޗީގެ ޖިނާހު އިންޓަނޭޝަނަލް އެއާޕޯޓަށް ބޯޓު ޖައްސަން އުޅުމުގެ ތެރޭގައެވެ.
މިހާދިސާގައި ކުދިކުދި ޒަޚަމްތަކަކާއެކު ސަލާމަތްވި މުޙައްމަދު ޒުބައިރު ކިޔައިދިން ގޮތުގައި ބޯޓު ވެއްޓުމުގެ 10-15 މިނެޓް ކުރިންވެސް އެއާޕޯޓަށް ބޯޓު ޖެއްސުމަށް ޕައިލެޓް މަސައްކަތް ކުރިއެވެ. ނަމަވެސް އެފަހަރުވެސް އެކަން ކާމިޔާބު ވާ ގޮތެއް ނުވިއެވެ. ބޯޓު ވެއްޓުނީ ދެނެވެ.
"އެއްވެސް މީހަކަށް އިހުސާސްވެސް ނުވޭ ބޯޓު ވެއްޓެން އުޅޭ ކަމެއް. އެހާވެސް އޮމާންކޮށް އެމީހުން (ޕައިލެޓުން) ބޯޓު ދުއްވަމުން ދިޔައީ" ޒުބައިރު ކިޔައިދިނެވެ.
ބޯޓު ވެއްޓުމާއެކުގައި ހެން ޒުބައިރުގެ ހެޔަށް ގޮތްވިއެވެ.
"ހުރިހާ ދިމާލަކުން އިވެމުންދިޔައީ ރުއިމުގެ އަޑު. ބޮޑެތި މީހުންނާ ކުޑަކުދިންގެ ރުއިމާ ގިސްލުމުގެ އަޑު. ފެނުނުހާވެސް އެއްޗަކީ ރޯވެފައިވާ ބޮޑު އަލިފާންގަނޑު. އެއްވެސް މީހަކު ނުފެނޭ. އިވެނީ ރޯ އަޑު" ހަމަހޭވެރިކަން އައި ވަގުތުގެ ތަޖުރިބާތައް ހިއްސާކުރަމުން ޒުބައިރު ކިޔައިދިނެވެ.
"އަހަރެން އިށީނދެ އިން ގޮނޑީގެ ސީޓް ބެލްޓް ނައްޓާލިން. އޭރު ކޮންމެވެސް ވަރަކަށް އަލިކަމެއް ފެނޭ. އަހަރެން މިސްރާބު ޖެހީ އެ ދިމާލަށް. ރައްކާތެރި ތަނަކަށް ފޭބުމަށް ގާތްގަނޑަކަށް 3 މީޓަރު އުސްމިން ހުރި ތަނަކުން ފުންމާވެސް ލިން" ހާދިސާގެ ތަޖުރިބާތައް ކިޔައިދެމުން ޒުބައިރު ބުންޏެވެ.
ހާދިސާ ހިނގީ ކިހިނެއް؟
މޮޑެލް ކޮލޮނީ ރެސިޑެންޝަން ސަރަހައްދަށް ބޯޓު ވެއްޓުނުއިރު ރަންވޭ އޮތީ މާ ދުރަކު ނޫނެވެ. ޓީވީ މެދުވެރިކޮށް ފެންނަ މަންޒަރުތަކަށް ބަލާއިރު މަގުމަތީގައި ހުރި ވެހިކަލްތަކުގައިވެސް ވަނީ ރޯވެފައެވެ.
މަންޒަރު ދުށް އެކަކީ މުޙައްމަދު އުޒައިރު ހާންއެވެ. އޭނާ ކިޔައިދިން ގޮތުގައި ބާރުގަދަ އަޑު ފަށްގަނޑެއް އިވުނެވެ. ގެއިން ނިކުތީ ދެން ކަމަށް އޭނާ ބުންޏެވެ.
ބޯޓުގެ ކެޕްޓަންއާއި އެއާ ޓްރެފިކް ކޮންޓްރޯލަރުންނާ ދެމެދު ދެކެވުނު ވާހަކަތަކަށް ބަލާއިރު، އިންޖީނުތަކުގެ ކޮންޓްރޯލް ގެއްލިޖެ ކަމަށް ޕައިލެޓް ބުނާތީ އިވެއެވެ. އަދި "މޭޑޭ" ނުވަތަ މަތިންދާ ބޯޓެއްގެ ދަތުރުގައި ދިމާވާ އެންމެ ނުރައްކާ ވަގުތާ ކުރިމަތުވުމުން އިއުލާން ކުރާ އިންޒާރުގެ މެސެޖުވެސް ޕައިލެޓްދޭ އަޑު އިވެއެވެ.
ތަހުގީގު ޓީމުން ބުނީ އަދިވެސް ކަޅުފޮށި ނުލިބޭ ކަމަށާ، އިތުރު ދިރާސާތައް ކުރެވޭނީ އެ ލިބެގެން ކަމަށެވެ.
ޕާކިސްތާނު އިންޓަނޭޝަނަލް އެއާއިލައިންސް ބުނާ ގޮތުގައި ވެއްޓުނު ފްލައިޓްއަކީ 2014 ވަނަ އަހަރު އެ އެއާލައިންގެ ފްލީޓްއާއި ގުޅުނު ބޯޓެކެވެ. އަދި މިއީ ކޮންމެ އަހަރަކު އެއްފަހަރު ހަދާ އެއާވާދިނަސް ޓެސްޓުން މިދިޔަ ނޮވެމްބަރު މަހު ފާސްވެސް ވެފައިވާ ބޯޓެއް ކަމަށް ޚަބަރު ލިބެއެވެ.
މަރުވި މީހުންނާ މެދު އެނގެނީ ކޯއްޗެއް؟
ކަމާބެހޭ ފަރާތްތަކުންވަނީ 97 މީހެއްގެ ފުރާނަ ގެއްލިފައިވާކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އޭގެ ތެރޭގައި ހިމެނެނީ ކިހާ ފަސެންޖަރުންނެއް ކަމެއް، ނުވަތަ ބޯޓު ވެއްޓުނު ސަރަހައްދުގައި ދިރިއުޅުނު މީހުންގެ ތެރެއިން ކިތަށް މީހުން ކަމެއް ތަފްސީލެއް ނުކޮށްދެއެވެ. މަރުވި މީހުންގެ ތެރެއިން އެއީ ކޮންބައެއްކަން ދެނެގަނެވިފައިވަނީ 19 މީހެކެވެ.
ބޯޓު ވެއްޓުނު ހާދިސާއިން ސަލާމަތްވި 2 ވަނަ ފަސެންޖަރަކީ ބޭންކް އޮފް ޕަންޖާބުގެ ރައީސް ޒަފަރު މައްސޫދުއެވެ. ޒުބައިރު އާއި ޒަފަރު އަކީވެސް ބޯޓުގެ ކުރީކޮޅުގެ ސީޓުތަކުގައި ތިބި މީހުން ކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާއިން އިތުރު ބަޔަކު ސަލާމަތްވި ކަމަށްވެސް އަޑު ފެތުރުނެވެ. ނަމަވެސް އެކަމުގެ ކަށަވަރު ރިޕޯޓެއް އަދި ނުލިބެއެވެ.
ފްލައިޓް މެނިފެސްޓް ނުވަތަ ދަތުރުކުރި މީހުންގެ ލިސްޓަށް ބަލާއިރު މަޝްހޫރު ޓީވީ ޗެނަލް 24 ނިއުސްގެ ސީނިއާ ޖާނަލިސްޓެއް ކަމަށްވާ އަންސަރު ނަގުވީއާއި، ޕާކިސްތާނުގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ކުރީގެ އިސްވެރިޔާ ޚާލިދު ޝަރުދީލްގެ ނަންވެސް ހިމެނެއެވެ.
މި ހާދިސާއާއި ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވީ ސިހުމާ ހިތާމަ ލިބިވަޑައިގެންނެވި ކަމަށެވެ. އަދި މި ހާދިސާ ހިނގަން މެދުވެރި ގޮތުގެ ތަހުގީގެއް ހިންގަވާނެ ކަމަށްވެސް އިމްރާން ވަނީ ވައުދުވެވަޑައިގެންފައެވެ.
ވައިގެ އުދުހުންތަކުގެ ތާރީހަށް ބަލާއިރު ޕާކިސްތާނަކީ ހިތްދަތި ރެކޯޑްއެއް އޮތް ގައުމެކެވެ. 2010 ވަނަ އަހަރު އެއާބްލޫގެ ފްލައިޓެއް އިސްލާމްއާބަދްއަށް ވެއްޓި 152 މީހުންގެ ފުރާނަ ގެއްލުނު ހާދިސާއަކީ ޕާކިސްތާނުގެ ވައިގެ އުދުހުންތަކުގެ ތާރީޚު ދުށް އެންމެ ކަޅު ހާދިސާއެވެ. މީގެ އިތުރުން 2012 ވަނަ އަހަރު ޕާކިސްތާނުގެ ބޯޖާ އެއާގެ ފްލައިޓެއް ރާވަލްޕިންޑީއަށް ވެއްޓި 121 މީހުންގެ ފުރާނަ ގެއްލުނު ހާދިސާއާއި، 2016 ވަނަ އަހަރު ޕާކިސްތާނު އިންޓަނޭޝަނަލް އެއާލައިންސްގެ ފްލައިޓެއް ގޮވާ، 47 މީހުން މަރުވި ހާދިސާގެ ހަނދާންތައް އަދި ފިލާ ނުދެއެވެ.