ރާއްޖޭގައި ކޮވިޑް19 ކޮމިއުނިޓީ ސްޕްރެޑެއްގެ ގޮތުގައި ފެތުރެން ފެށި ފަހުން 600 އަށް ވުރެ ގިނަ ފުލުހުން އައިސޮލޭޝަނަށް ދިޔަ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

"ރާއްޖެޓީވީ" އަށް ރޭ ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ ކޮމިއުނިޓީ ސްޕްރެޑް ފެތުރެން ފެށިފަހުން އައިސޮލޭޝަންއަށް ލީ 680 ފުލުހުން ކަމަށެވެ. އޭގެތެރެއިން 14 ދުވަސް ހަމަ ކުރުމަށް ފަހު 391 ފުލުހަކު އަލުން ހިދުމަތާ މިހާރު ގުޅިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް ޖުމްލަ 23 ފުލުހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވިކަން މީޑިއާ އަށް ސީޕީ ހަމީދު ވަނީ ދާދިފަހުން އިއުލާން ކުރައްވާފައެވެ. ރޭ ސީޕީ ވިދާޅުވީ ޕޮޒިޓިވްވި ފުލުހުންގެ އަދަދަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. ސީޕީ ވިދާޅުވީ ކަރަންޓީން ކުރި އެއްވެސް ފުލުހަކު ކޮވިޑަށް ޕޮޒިޓިވް ނުވާ ކަމަށެވެ.

ކޮވިޑް19 އަށް 23 ފުލުހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ސީޕީ ހާމަކުރެއް ވީ މިމަހުގެ 17 ވަނަ ދުވަހުއެވެ. އެދުވަހު ސީޕީ ވިދާޅުވީ ކޮވިޑް19ގެ ސަބަބުން ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވީ ނަމަވެސް، އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ފުލުހުން ކުރަމުން ގެންދާނެ ކަމަށެވެ. އަދި މިކަމުގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދު މަދުވިޔަ ނުދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަށް 1،216 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައި ވާއިރު 104 މީހަކު ވަނީ ބަލިން އެއްކޮށް ރަނގަޅު ވެފައެވެ. އަދި މިބަލީގައި މިހާތަނަށް ރާއްޖެއިން ހަތަރު މީހަކު ވަނީ މަރުވެސްވިއެވެ.