ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އިއުލާން ކޮށްފައިވާ ލޮކްޑައުންގެ ހަރުކަށި އަމުރުތަކަށް ލުއިދީ، އޮފީސްތައް ހުޅުވާއިރު ފްލެކްސިބަލް އުސޫލަކުން މަސައްކަތްތައް ބައްޓަން ކުރުމަށް އެންމެ ފުޅާދާއިރާއެއްގައި ވަކަލާތު ކޮށް، އެކަމަށް ތާއީދު ކުރަމުން ދަނީ ފޭސްބުކް ކުންފުނީގެ އިތުރުން ނިއުޒީލަންޑްގެ ބޮޑުވަޒީރު ޖެސީންޑާ އެޑާންއެވެ.

ދިގު މުއްދަތުގެ ރާސްތާއަށް ބަލާއިރުވެސް ވީހާވެސް އެކަހެރި ލޮކޭޝަންތަކުން އޮފީސް ހިންގުމަށް ތާއީދު ކުރާކަން ފޭސްބުކް ކުންފުނިން ހާމަކޮށްފައި ވާއިރު، ފަތުރުވެރިކަން ނެގެހެއްޓުމަށް ގައުމުގެ ބައެއް މަސައްކަތްތައް އަލުން ހިންގައިގަންނަން ފަށާއިރު މަސައްކަތު ހަފުތާގެ މުއްދަތަކީ 4 ދުވަސް ކަމުގައި ޖެސީންޑާ އެޑާން ވަނީ ހުށަހަޅުއްވާފައެވެ.

ގޭތެރޭގައި ދަރިން ގޮވައިގެން ރަސްމީ މަސައްކަތެއް ކުރަން އިން މީހެއް/ފޮޓޯ: ހާވަޑް ބިޒްނަސް ރިވިއު

ލޮކްޑައުން ނިންމާ އޮފިސްތައް އަލުން ހުޅުވާއިރު މަސައްކަތްކުރާނެ އާ ގޮތްތައް ހޯދުމަށް މުވައްޒަފުންވެސް ވަނީ ކެތްމަދުވެފައެވެ.

ފޭސްބުކްގެ ބާނީ މާކް ޒަކަބާގު ބުނާ ގޮތުގައި ކުރިއަށް އޮތް 5 އަހަރާ 10 އަހަރާ ދުވަހުގެ މުއްދުގައި އެކުންފުނީގެ މުވައްޒަފުންގެ ތެރެއިން ދެބައިކުޅަ އެއްބައި މުވައްޒަފުން މަސައްކަތް ކުރާނީ ރަސްމީ އޮފީސްތަކުން ބޭރުގައެވެ. ކަންމިހެން އޮތްއިރު، ޓްވިޓާ ކުންފުނިންވެސް ވަނީ، އެ ކުންފުނީގެ މުވައްޒަފުން އެދޭހާ މުއްދަތެއް ވަންދެން ގޭގައި ތިބިގެން ވަޒީފާ އަދާކުރުމަށް ފުރުސަތު އޮތްކަން ހާމަކޮށްފައެވެ.

ފްލެކްސިބަލް އުސޫލުން ވަޒީފާއަށް ނިކުތުމުގެ ފަލްސަފާއަކީ ފަސޭހައިން ފެތުރޭ ކޮވިޑް-19ގެ ބަލިމަޑުކަމަށް އަދި ހައްލެއް ހޯދިފައި ނުވާ ދަނޑިވަޅުގައި އޮފީސްތައް ހުޅުވާއިރު ގެންގުޅުން ކޮންމެހެންވެސް މުހިންމު އުސޫލެކެވެ.

ކޮވިޑް-19ގެ ލޮކްޑައުންގައި ހާސްވެ މާޔޫސްވެފައި އިން މީހެއް ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: އާރްއެފްއައި

މަސައްކަތު ހަފުތާގެ މުއްދަތަކީ 4 ދުވަސް ކަމުގައި ހެދުމަށް ޖެސީންޑާ އެޑާން ހުށަހަޅުއްވަނީވެސް މިސަބަބާ ހެދިއެވެ. ކަންމިހެން އޮތްއިރު، މައިކްރޮސޮފްޓް ފަދަ ކުންފުނިން ވަނީ ކޮވިޑް-19 އައުމުގެ މާ ކުރިންވެސް 4 މަސައްކަތު ދުވަހުގެ ތަހުލީލުތައް ކޮށްފައެވެ. އަދި އެ ތަޖުރިބާ ކާމިޔާބު ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. މައިކްރޮސޮފްޓްއިންވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށްވެސް ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ ފުރުސަތު، މަސައްކަތްތެރިންނަށް އޮތް ކަމަށް ބުނެއެވެ.

ހިއުމަން ރިސޯސަސްގެ ރޮނގުން ތަޖުރިބާ ހާސިލުކުރައްވާ ސިންގަޕޫރުގެ ކޮންސަލްޓަންޓެއް ކަމަށްވާ އަލީން އިބްރާހީމްވެސް މިކަމަށް ތާއީދު ކުރެއެވެ. އޭނާ ބުނާ ގޮތުގައި ހަފުތާއަކު 4 ދުވަހު މަސައްކަތް ކުރުމާ، ގޭގައި ތިބެގެން މަސައްކަތް ކުރުމަކީ މަސައްކަތާ ޒާތީ ދިރިއުޅުމުގެ އެންމެ ރަނގަޅު ބެލަންސްއެއް ގެނެވޭނެ ކަމެކެވެ. ވަކިން ހާއްސަކޮށް ޕާޓްޓައިމްކޮށް ތައުލީމު ހާސިލުކުރާ މުވައްޒަފުންނާ، ދަރިން ތިބޭ މުވައްޒަފުންނަށް މިކަމުގައި ފައިދާ ބޮޑުކަން އޭނާ ފާހަގަކުރައްވައެވެ.

އޮފީހުގެ ނަޒަރުން ބަލާއިރު މިއީ ޚަރަދުވެސް ކުޑަވާނެ ކަމެކެވެ. އޮފީސް އިމާރާތުގެ ޖާގައަށްވެސް ތަނަވަސްކަން ލިބުމާ، އޮޕަރޭޝަނަލް ޚަރަދުތައްވެސް ކުޑަވެގެންދާނެ ކަމެކެވެ.