ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި ރެކޯޑް އަދަދަކަށް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވެފައިވާ ކޭސް ފެނިފައިވާކަމަށް އަވަށްޓެރި އިންޑިއާއިން ރިޕޯޓްކޮށްފިއެވެ.

އިންޑިއާގެ ސިއްހަތާ ދުޅަހެޔޮކަމާ ބެހޭ ވުޒާރާއިން މިއަދު އާންމު ކުރި މައުލޫމާތަށް ބަލާއިރު ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި 6000 އަށްވުރެ ގިނަ މީހުން ވަނީ އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

އެންމެ ފަހުން ޕޮޒިޓިވްވި 6088 ކޭހާއެކު އިންޑިއާއިން މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 118447 އަށް އަރާފައެވެ. މިއީ އިންޑިއާއިން ކޮވިޑް-19ގެ ކޭސްތައް ފެންނަން ފެށި ފަހުން، އެއް ދުވަހާ މިހާ ގިނަ އަދަދެއްގެ ބަޔަކު މި ބައްޔަށް ޕޮޒިޓިވްވި ދުވަހުގެ އާ ރެކޯޑެކެވެ.

ކޮވިޑް-19ގެ ޝިކާރައަކަށްވެ، އިންޑިއާއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 3583 އަށް އަރާފައެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި އެގައުމުން ބަލިޖެހުނު މީހުންގެ ތެރެއިން 48500 އަށްވުރެ ގިނަ މީހުންނަށް ވަނީ ޝިފާ ލިބި، ބަލިން ރަނގަޅުވެފައެވެ.

އިންޑިއާގެ މެޑިކަލް ރިސާޗް ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، އެ ގައުމުގެ އެކި ހިސާބުތަކުގައި މިހާރު 2.7 ސާމްޕަލްއެއް ވަނީ ކޮވިޑް-19އަށް ޓެސްޓު ކޮށްފައެވެ. ނަމަވެސް މިއީ 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮތް އިންޑިއާއަށް ބަލާއިރު، އާބާދީގެ ނިސްބަތުން އިންތިހާއަށް ދަށް މިންވަރެކެވެ.