މޮނިޓަރިންގެ ހާލަތު ނެތް ރަށްރަށުގައި މާދަމާ ހުކުރު ނަމާދުން ފެށިގެން މިސްކިތްތައް ހުޅުވާލަން ނިންމައިފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ ކޮވިޑް-19ގެ ބަލި ނެތް ރަށްރަށުގައި މާދަމާގެ ހުކުރު ނަމާދުން ފެށިގެން އާންމުކޮށް މިސްކިތްތައް ހުޅުއްވާލައްވާނެ ކަމަށެވެ.

ކޮވިޑާ ގުޅިގެން މިސްކިތުގެ ޖަމާއަތް މެދުކަނޑާލީ ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން ކަަމަށާއި ކޮވިޑްގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ކަމަށް ޑޮކްޓަރުން ލަފާ ދެއްވުމުން އެ ފިޔަވަޅު އެޅުމުގެ ކުރިން ރާއްޖޭގައި ތިއްބެވި ދީނީ އިލްމުވެރިންނާވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ޑޮކްޓަރުންގެ ބަސް އެއީ އެންމެ ފަހު ބަސްކަމަށް އަޅުގަނޑުމެން ބަލަނީ. އެގޮތުން މިސްކިތްތަކުގެ ޖަމާއަތް މެދުކަނޑާލީވެސް ޑޮކްޓަރުންގެ ލަފަޔާ އިރުޝާދުގެ ދަށުން"
އިސްލާމިކް މިނިސްޓަރު

ކޮވިޑް ނެތް ރަށްރަށުގެ މިސްކިތްތަށް ހުޅުވާލި ނަމަވެސް ޖަމާއަތުގެ ނަމާދު ކުރާއިރު ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަން މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.

އެގޮތުން ފާހަގަ ކުރެއްވި ބައެއް ކަންކަމަކީ:

  • ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުން.
  • ދުވަސްވީ މީހުން މިސްކިތަށް ނުދިއުން.
  • މިސްކިތުގައި ގިނަ ވަގުތު ހޭދަ ނުކުރުން.
  • މުސައްލައެއް ހިފައިގެން މިސްކިތަށް ދިއުން.
  • މިސްކިތުގައި ކާޕެޓް އަޅާފައި ނުބޭއްވުން.
  • ރޯގާގެ އަލާމާތްތައް ހުންނަ މީހުން މިސްކިތަށް ނުދިއުން.
  • މިސްކިތަށް ދާއިރު މާސްކް އެޅުމެވެ.

ކޮވިޑް ފެނި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވަނީ 6 ރަށެކެވެ. އެއީ ހއ. އުލިގަމާއި އެއަތޮޅު ތަަކަންދޫ އާއި ށ. ނަރުދުއާއި އެ އަތޮޅު މިލަންދު އާއި ނ. މަނަދޫގެ އިތުރުން މާލެ އަތޮޅު ތުލުސްދޫއެވެ.