ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ފަރުވާއެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ބުރަވާ ހައިޑްރޮކްސިކްލޮރޮކުއިންއަކީ މިކަމަށް އެންމެ އެކަށީގެންވާ ބޭސްތޯ ކަށަވަރު ކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށް ގެންދާ ތަހުލީލުގައި، އިނގިރޭސިވިލާތުގެ ސިއްހީ ހިދުމަތްތެރިންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެއްޖެއެވެ.

މެލޭރިއާއާއި ދެކޮޅަށް ބޭނުން ކުރަމުން އަންނަތާ އަހަރުތަކެއް ވެފައިވާ މި ޑްރަގްއާއި މެދު ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ.

ކަންމިހެން އޮތްއިރު، ކޮވިޑް-19ގެ ޕޭޝަންޓުންނާ އެންމެ ގާތުން މަސައްކަތްކޮށް، ކްލޯސް ކޮންޓެކްޓްވެފައިވާ 40000 އެއްހާ ފްރަންޓްލައިން ހިދުމަތްތެރިންނާ މުވައްޒަފުން މި ދިރާސާގައި ބައިވެރިވާނެ ކަމަށް މައުލޫމާތު ލިބެއެވެ. މީގެ ތެރޭގައި ވިލާތާ، އެފްރިކާ، އޭޝިއާ އަދި ދެކުނު އެމެރިކާ ސަރަހައްދުގެ ފްރަންޓްލައިން ހިދުމަތްތެރިން ހިމެނެއެވެ.

މެހިޑޯލް އޮކްސްފޯޑް ޓްރޮޕިކަލް މެޑިސިން ރިސާޗް ޔުނިޓް (މޯރޫ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ލެބޯޓްރީ ނަތީޖާއަށް ބަލާއިރު، މިފަދަ ޑްރަގްތަކަކީ ކޮވިޑް-19އަށް ފަރުވާ ކުރުމަށް ނުވަތަ އެ ބަލިން ދިފާއުވުމަށް އިފެކްޓިވް ޑްރަގްތަކެއް ނަމަވެސް، ސާބިތު ނަތީޖާއެއް އަދި ނެރެވި، ގޮތެއް ނިންމިފައި ނުވާ ކަމަށެވެ.

ދިރާސާ ކުރިއަށް ގެންދަން ހަމަޖެހިފައިވާ ގޮތަށް ބަލާއިރު އޭޝިއާ ގައުމުތަކުން މި ދިރާސާގައި ބައިވެރިވާ ފަރާތްތައް 2 ގުރޫޕަކަށް ބަހާލާނެއެވެ. މީގެ ތެރެއިން އެއް ގުރޫޕަށް ދޭނީ ޕްލަސީބޯ ނުވަތަ އަސްލު ނޫން ބޭސް ގުޅައެކެވެ. އަނެއް ގުރޫޕަށް ދިނުމަށް ހަމަޖެހިފައިވަނީ ކްލޮރޮކުއިން ބޭހެވެ. އިނގިރޭސިވިލާތް، ވިލާތުގެ ގައުމުތަކާ އެފްރިކާގެ ގައުމުތަކުން ބައިވެރިވާ ޓީމުވެސް 2 ގުރޫޕަކަށް ބައިކޮށް އެއް ގުރޫޕަށް ޕްލަސީބޯ ގުޅަ ދެއެވެ. އަދި އަނެއް ގުރޫޕަށް ދެނީ ހައިޑްރޮކްސިކްލޮރޮކުއިންއެވެ. މި ދިރާސާ މިގޮތަށް، 3 މަސް ދުވަސް ވަންދެން ކުރިއަށް ގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މެހިޑޯލް އޮކްސްފޯޑް ޓްރޮޕިކަލް މެޑިސިން ރިސާޗް ޔުނިޓްގެ ބަޔާން ބުނާ ގޮތުގައި ދިރާސާގެ ނަތީޖާ ލިބޭ ވަރު ވާނީ މިއަހަރުގެ ފަހުކޮޅުއެވެ.