ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ދެކޮޅަށް ކުރާ ހަނގުރާމައިގެ އެންމެ ކުރީ ސަފުގައި އަވަށްޓެރި އިންޑިއާގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިންގެ ހަށި ރައްކަލަށް ބޭނުން ކުރާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އެކަށީގެންވާ ގޮތެއްގައި ލިބެމުން ނުދާކަމުގެ ޝަކުވާ އުފުލައިގެން ގިނަ ބައެއްގެ ސަމާލުކަން ހޯދި ޑޮކްޓަރު، ނަފްސާނީ ބަލީގެ ހާލު އެންމެ ދެރަ ޕޭޝަންޓުންނަށް ހާއްސަ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފިއެވެ.

ހޭނައްތާ ޑޮކްޓަރެއްގެ ގޮތުގައި 20 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވާ ޑރ ސުދާކަރު ރާއޯ، ނަފްސާނީ ބަލި މީހުންނަށް ހާއްސަ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައިވަނީ އިންޑިއާގެ އޮފިޝަލުން ކަމަށް ޚަބަރު ލިބެއެވެ.

ޑރ ރާއޯ ދިރިއުޅުއްވާ، އަދި މަސައްކަތް ކުރައްވަމުން ގެންދަވާ ވިސާކަޕަޓްނަމް ސަރަހައްދުގެ ހައިވޭއެއްގެ މަތީގައި ފުލުހުންނާ އޭނާއާއި ދެމެދު ކުރިމަތިލުމެއް ހިންގާތީ ފެންނަ ވީޑިއޯއެއްވެސް ދާދިފަހުން ވަނީ ވައިރަލްވެފައެވެ. ނަފްސާނީ ބަލީގެ މީހުންނަށް ހާއްސަ ހޮސްޕިޓަލަކަށް ޑރ ރާއޯ ފޮނުވާލެވުނީ އެ ހާދިސާގެ ފަހުން ކަމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިންޑިއާގެ ފިލްމް ސިޓީ މުމްބާއިގެ މަގުތައް ޑިސްއިންފެކްޓް ކުރަނީ/ފޮޓޯ: ރަފީގު މަގުބޫލް

ޑރ ރާއޯއާއި ފުލުހުންނާ ދެމެދު ހިންގާ ކުރިމަތިލުމުގައި ޑރ ރާއޯ ފެންނަނީ ހުސްގަޔާ ހުއްޓާއެވެ. އޭގެ ފަހުން ފެންނަނީ ރިކްޝޯއަކަށް އޭނާ އަރުވާ މަންޒަރެވެ. އެ ގެންދިޔަ ތަނަކަށް އޭނާ ގެންދިއުމުގެ ކުރިން ޑރ ރާއޯވަނީ އެ ސަރަހައްދުގެ ބައެއް ނޫސްވެރިންނާ ވާހަކަ ދައްކާފައެވެ. އެގޮތުން ކާރުގައި އޭނާ އިންދާ، ކާރުން ފޭބުމަށް ފުލުހުން މަޖުބޫރު ކުރި ކަމަށާ، ފޯނާ ވޮލެޓްވެސް އަތުލާފައިވާކަމަށާ، ފުލުހުންގެ ފަރާތުން އަނިޔާވެސް ލިބިފައިވާކަމަށް ޑރ ރާއޯ ވިދާޅުވިކަމަށްވެއެވެ.

ޑރ ރާއޯއާއި ގުޅިގެން މިފަދަ ވާހަކަތަކެއް ފެންމަތިވެފައި މިވަނީ، ކޮވިޑް-19އާ ދެކޮޅަށް މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންނަށް އެކަށީގެންވާ ގޮތެއްގައި ޕީޕީއީ ލިބެމުން ނުދާ ކަމުގެ ޝަކުވާއާއި، ހޮސްޕިޓަލުތަކުން އެކަށީގެންވާ ތައްޔާރިތައް ނުވާކަމުގެ ޝަކުވާ އުފުލާ ޑޮކްޓަރުންނާ ދެކޮޅަށް އިންޑިއާގައި ފުރައްސާރަކުރުންތަކެއް އާންމުވެފައިވާ ދަނޑިވަޅެއްގައެވެ.

މި ހާދިސާ ހިނގިއިރުވެސް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ޑރ ރާއޯގެ ލައިސަންސް ސަސްޕެންޑްކޮށްފައެވެ. އެއީ އެއް މާސްކެއް 15 ދުވަސް ވަންދެން ބޭނުން ކުރަން މަޖުބޫރު ކޮށްފައި އޮތުމުން، އަމިއްލަ ނަފުސު ނުރައްކަލަށް ލައިގެން ބަލި މީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ކިހިނެއްތޯ އާންމު ޓީވީ ރިޕޯޓަރުންނާ ޑރ ރާއޯ ސުވާލު ކުރައްވާ ވީޑިއޯއެއް ވައިރަލް ވި ހިސާބުންނެވެ. އިންޑިއާ ސަރުކާރުން ވަނީ މިމައްސަލައިގެ އިންކުއަރީއެއް ފެށުމަށް އަމުރުކޮށްފައެވެ. އަދި ރަސްމީކޮށް ޝަކުވާ ހުށަހެޅުމުގެ ބަދަލުގައި އަންމުންނާ ހަމައަށް މައްސަލަ ގެންދިޔައީ ކަމަށް ބުނެ ޑރ ރާއޯގެ ލައިސަންސް ސަސްޕެންޑްކުރީއެވެ. އޭގެ ފަހުން ޑރ ރާއޯވަނީ ސަރުކާރުގެ ކިބައިން މައާފަށް އެދި، އޭނާގެ ލައިސަންސް ދޫކުރުމަށް ގޮވާލާފައެވެ. ނަމަވެސް ސަރުކާރުން އޭނާއަށް އެއްވެސް އިޖާބައެއް ދީފައެއް ނުވެއެވެ.

ޑރ ރާއޯއާއި އޭނާގެ އައިލާއިން ބުނާ ގޮތުގައި ޕީޕީއީގެ ޝަކުވާ އުފުލިފަހުން އެމީހުންނަށް އިންތިހާ ފުރައްސާރަ ކުރިމަތިވެއެވެ. ފޯނުން ގުޅައިގެންވެސް މީހުން ބިރުދައްކާ ކަމަށް ޑރ ރާއޯ ވަނީ މީގެ ދުވަސްކޮޅެއް ކުރިން ވިދާޅުވެފައެވެ.

ޑރ ރާއޯގެ ހާދިސާއާއި ގުޅިގެން އިންޑިއާގެ ފުލުހުން ދައްކަނީ އަދި މުޅިން ތަފާތު ވާހަކައެކެވެ. ފުލުހުން ބުނާ ގޮތުގައި އެމީހުން ސީންއަށް ހާޒިރުވީ، މަސްތުގެ ހާލުގައި މީހަކު އުޅޭ ކަމުގެ ޚަބަރު ލިބިގެންނެވެ. އެމީހަކީ ޑރ ރާއޯކަން އެނގުނީ ސީންއަށް ދިޔަ ފަހުންކަމަށް އެ ސަރަހައްދުގެ ޕޮލީސް ކޮމިޝަނަރު އާރްކޭ މީނާ ވަނީ ވިދާޅުވެފައެވެ.

އިންޑިއާ ފުލުހުން ބުނި ގޮތުގައި ޑރ ރާއޯވަނީ މަގުމަތީގައި ހުރި ބެރިކޭޑެއް ނަގަން މަސައްކަތްކޮށްފައެވެ. އަދި މަގުމައްޗަށް ރާ ފުޅިއެއްވެސް އެއްލިކަމަށް ބުނެއެވެ. އަދި ފުލުހުންނަށް ދެވުނުއިރުވެސް އާންމުންގެ ބަޔަކު ވެގެން އޭނާ ކޮންޓްރޯލް ކުރުމަށް ދެއަތް ބަނދެ ހަދާފައިވާކަމަށް ފުލުހުން ބުނެއެވެ.

ޑރ ރާއޯއާއި ދެކޮޅަށް ދައުވާ ކުރަނީ ފުލުހުންނަށް ހުރަސް އެޅުމާ، ގެއްލުން ދިން ކަމުގެ ކުށުގައެވެ. ނަމަވެސް އެއީ ކާކު ހުށަހެޅި ދައުވާއެއްކަން ހާމަކޮށްފައެއް ނުވެއެވެ. އަދި މި ބަޔާނަށް އެއްވެސް ހެއްކަކުވެސް އެއްބަސްވެފައެއް ނުވެއެވެ. ސޯޝަލް މީޑިއާގައި ދައުރުވާ މަންޒަރަށް ބަލާއިރު ޑރ ރާއޯގެ އަތް ބަންނާތީ ފެންނަނީ ފުލުހެކެވެ. އަދި އެ ފުލުސް މީހާ އެކަން ކުރަނީ އާންމުންގެ މީހެއްގެ އެހީތެރިކަމާއެކުގައެވެ.

ޕޮލީސް ކޮމިޝަނަރު މީނާ ވިދާޅުވީ ޑރ ރާއޯ ފުރަތަމަ ގެނެވުނީ ޕޮލީސް ސްޓޭޝަނަށް ކަމަށާ، އޭނާ އެޑްމިޓް ކުރެވުނީ ތަހުލީލުތަކެއް ހެދުމަށް ކަމަށެވެ. ނަފްސާނީ ބަލީގެ ހާލު ދެރަ މީހުންނަށް ހާއްސަ ހޮސްޕިޓަލު ނުވަތަ މެންޓަލް އިންސްޓިޓިއުޝަންއެއްގައި ޑރ ރާއޯ އެޑްމިޓްކުރުމަށް ލަފާދިނީ އެ ހޮސްޕިޓަލުން ކަމަށްވެސް މީނާ ވިދާޅުވެއެވެ. އަދި ޑރ ރާއޯ ދަނީ ނަފްސާނީ ނުތަނަވަސްކަމުގެ މައްސަލަތަކެއް ތަހައްމަލު ކުރައްވަމުން ކަމަށްވެސް މީނާ ވަނީ ވިދާޅުވެފައެވެ.

ޑރ ރާއޯ އެޑްމިޓް ކުރެވިފައިވާ މެންޓަލް އިންސްޓިޓިއުޝަންގެ ސުޕްރިންޓެންޑެންޓް ޑރ ރާދާ ރާނީ ވިދާޅުވީ، ޑރ ރާއޯގެ ހާލު ސްޓޭބަލް ކަމަށާ، ނަމަވެސް އޭނާގެ ހާލަތު މުޅިން ވިލަރެސް ކުރެވެންދެން، 2 ހަފުތާއެއްހާ ދުވަހަށް އެ ތަނުގައި ޑރ ރާއޯ އެޑްމިޓްކޮށްފައި ބާއްވަންޖެހޭނެ ކަމަށެވެ.