ރޭ ދަންވަރު ތ. ގުރައިދޫގައި މީހަކަށް ހަމަލާދީ މަރާލި ހާދިސާއަކާއި އިތުރު މީހަކަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ނުކުރެވޭ ކަމަށް ފުލުހުން ބުނެފިއެވެ.
ރޭ ހިނގި ފުރަތަމަ ހާދިސާގައި މަރާލާފައި ވަނީ ބިދޭސީއެވެ. ދެވަނަ ހަމަލާގައި ޒަމަހްކޮށްލާފައި ވަނީވެސް ބިދޭސީއެވެ. ފުރަތަމަ ހާދިސާ ހިނގައިގެން ފުލުހުން، ހާދިސާ ހިނގި ސަރަހައްދު ބަންދުކޮށްގެން ތަހުގީގަށް ބޭނުންވާ މަސައްކަތްތައް ކުރިއެވެ. އަދި ޒަހަމްތަކާއެކު ރޭ ފެނުނު ދެވަނަ މީހާއަށް ފަރުވާ ދިނުމަށް ފަހު، އޭނާއަށް ހޭވެރިކަން ވުމުން ފުލުހުން އޭނާއާ ސުވާލު ކުރަމުން ދާ ކަމަށް ގުރައިދޫ ކައުންސިލްގެ ރައީސް އަލީ ރަޝީދު "ދަ ޕްރެސް" އަށް ވަނީ މައުލޫމާތު ދެއްވާފައެވެ.
ފުލުހުން ބުނީ، ރޭ ހިނގި ހާދިސާގެ މައުލޫމާތު ލިބިގެން ބެލި އިރު އެމީހާ މަރުވެފައި ވާކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ސިއްހީ މަރުކަޒަށް ގެންގޮސްފައި ވާކަމަށާއި، އެކަން ރޭ ހިނގައި ވަނީ ދަންވަރު 1 ހާއިރު ކަމަށެވެ.
ރޭ ޒަހަމްތަކާއެކު ފެނުނު ދެވަނަ މީހާ ފެނިފައިވަނީ ފަތިހު 3 ޖެހިފަހުން ކަމަށާއި، އޭނާގެ ބޮލަށް ހަމަލާ ދީފައިވާކަމަށް ފުލުހުން ބުނެއެވެ.
ރޭގެ ހާދިސާއާ ގުޅެ ގޮތުން މައުލޫމާތު ދެއްވަމުން އަލީ ރަޝީދު އިތުރަށް ވިދާޅުވީ، މީހާ މަރުވެފައި އޮތް ސަަރަހައްދަކީ އެ ރަށުގައި އުމްރާނީ އެކިއެކި މަަސައްކަތް ކުރާ "ކަންދަރު އަވަށް" ކަމަށާއި އެތާނގައި ތަފާތު އެކި ބާވަތްތަކުގެ މަސައްކަތް ހިންގާ 50 ސައިޓް ހުންނާނެ ކަމަށެވެ. އަދި އެ 50 ސައިޓުގައި މަދުވެގެން 50 އަކަށް ބިދޭސީން މަސައްކަތް ކުރާ ކަމަށާއި، ރޭ މަރުވެފައި އޮތް މީހާއާއި ޒަހަމްވެފައި އޮތް މީހާއާ ގުޅުމެއް ހުރިކަމަށް ބެލެވޭ ކަމަށެވެ.
"އެއީ ރޭ ޒަހަމްވެފައި އޮއްވާ ފެނުނީ ބިދޭސީއެއް. މަރުވި މީހާވެސް އޮތީ ޒަހަމްވެފައި، އެހެންވީމައި ލަފާ ކުރެވެނީ ދެމީހުންދެ ދެމެދުގައި ގުޅުމެއް އޮތް ކަމަށް"
އަލީ ރަޝީދު ވިދާޅުވީ ރޭ ޒަހަމްވެގެން ފަރުވާ ދެމުން ދާ މީހަކީ އެރަށަށް ވަރަށް ފަހުން ދިޔަ މީހެއް ކަމަށެވެ. އޭނާ ކުރިން އެރަށުގައި އުޅެ އަދި ފަހުން މާލެ ގޮސް އަނެއްކާ އެރަށަށް ދިޔައީ ކަމަށް އޭނާ ވިދާޅުވިއެވެ.
ތ. ގުރައިދޫއަކީ 2125 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެ ރަށުގައި ފުލުހުންގެ މަރުކަޒެއްވެސް ހުރެއެވެ. އެތާނގައި 10 ފުލުހުން މަސައްކަތް ކުރާ ކަމަށް ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ.