ކޮވިޑް19 ފެތުރުން ހުއްޓުވުމުގެ ގޮތުން މިދިޔަ މަހުގެ 15ވަނަ ދުވަހުން ފެށިގެން މާލޭ ލޮކްޑައުން ކުރުމާއި އަދި ސަރުކާރު އޮފީސްތައް ބަންދުކުރުމާ ގުޅިގެން އެ މުއްދަތުގެ ތެރޭގައި ދިވެހިރާއްޖޭގެ ހައިކޯޓުން އޮންލައިން ކޮށް މައްސަލަތައް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 22 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެކޯޓުން ބުނެފިއެވެ.

ހައިކޯޓުން ބުނީ ހުށަހެޅި މައްސަލަތަކުގެ ތެރެއިން 17 މައްސަލައެއް ބަލައިގެންފައިވާ ކަމަށެވެ.

އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވިފައި ވާ މުއްދަތުގައި ބަންދު އަމުރުގެ މައްސަލައެއް، ހައިކޯޓު ދެކުނު ބްރާންޗަށް ހަސްމުން ހާޒިރުކޮށްގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހިންގައި މޮނިކޮމް އަމުރުގެ 7 އަމުރު ނެރެފައިވާ ކަމަށް އެ ކޯޓުން ބުންޏެވެ.

ކޮވިޑް19 ފެތުރުން ހުއްޓުވުމުގެ ގޮތުން ސަރުކާރު އޮފީސްތައް ބަންދުކުރުމާއި ގުޅިގެން އެ މުއްދަތުގެ ތެރޭގައި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ހިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމަކުން އަންގަވާފައިވާތީ، ކޮވިޑް19 ރޯގާއާ ގުޅިގެން ސަރުކާރު ބަންދުކުރެވިފައިވާ ދުވަސްތަކުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅޭ މައްސަލަތައް ކުރިއަށް ގެންދާނެ ގޮތް ކަނޑައެޅުމާބެހޭ އުސޫލެއް ވަނީ އާއްމުކޮށްފައެވެ.

އެ އުސޫލުގެ ދަށުން ހައިކޯޓުގައި ހިންގުމަށް ހަމަޖެހިފައިވާ މައްސަލަތައް ތަފްސީލްކޮށް ބަޔާންކޮށްފައިވެއެވެ. އެގޮތުން ބަންދު އަމުރުގެ މައްސަލަތަކާއި ވަގުތީ އަމުރުގެ މައްސަލަތަކާއި ކޯޓު އަމުރުތަކާއި އިސްތިއުނާފު ކުރެވިފައިވާ މައްސަލަތަކުގެ ތެރެއިން ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަށް އެދިފައިވާ މައްސަލަތަކާއި މައްސަލައިގެ އަޑުއެހުންތައް ނިމިފައިވާ މައްސަލަތަކާއި ގެވެށި އަނިޔާއާގުޅޭ މައްސަލަތަކާއި ކުޑަކުދިންގެ ހައްގުތަކާ ގުޅުންހުރި މައްސަލަތައްކަމަށް އެ އުސޫލުގައި ކަނޑައަޅާފައިވެއެވެ.

އަދި، މައްސަލައިގެ ބާވަތަށާއި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންތައްތަކަށް ރިއާޔަތްކޮށް، އެމައްސަލައަކީ އަވަހަށް ޝަރީއަތް ހިންގަންޖެހޭ މައްސަލައެއް ކަމަށް އެމައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗަށް އިއްތިފާގު ވެވިއްޖެނަމަ އެމައްސަލައެއް ކޯޓުގައި ހިންގިދާނެ ކަމަށް އެ އުސޫލުގައި ބަޔާންކޮށްފައި ވެއެވެ.

އަޑުއެހުން ބޭއްވުމަށް ތާވަލުކުރެވޭ މައްސަލަތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޝަރީއަތް ހިންގުމަށް ގާނޫނީ ހުރަހެއް ނެތް މައްސަލައެއް ނަމަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ނަމަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށްކަމަށް އެ އުސޫލުގައިވެއެވެ.

އެފަދަ ވަސީލަތެއްނެތް ނަމަ ޝަރީއަތަށް މީހުން ވެއްދުމާއި ނެރުމަށް ހަމަޖެހިފައިވަނީ އާންމު ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ކަމަށް އާއްމުކުރެވިފައިވާ އުސޫލުގައި ބަޔާންކޮށްފައި ވެއެވެ.

އޮންލައިންކޮށް މައްސަލަތައް ގެންދިއުމުގައި ލިބުނު ތަޖްރިބާއަށް ބަލައި މާފުށީ ޖަލާއި އަދި ޕޮލިހުންގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކުގެ މައްސަލަތައް ވީޑީއޯ ކޮންފަރެންސް މެދުވެރިކޮށް ހިންގުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްއާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އާއެކު ދަނީ މަޝްވަރާކުރަމުން ކަމަށް ހައިކޯޓުން ބުނެއެވެ.