ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ނިމެން އަދި ދިގު ރާސްތާއެއް އެބަ އޮތް ކަމުގެ އިންޒާރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް އަނެއްކާވެސް ދެއްވައިފިއެވެ.

ޓެޑްރޯޒް މި އިންޒާރު ތަކުރާރު ކުރައްވާފައި ވާއިރު، މި ދަނޑިވަޅަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ރެކޯޑް އަދަދަކަށް ކޮވިޑް-19ގެ ކޭސްތައް އިތުރުވެފައިވާ ދަނޑިވަޅެއްކަންވެސް ފާހަގަ ކުރަންޖެހެއެވެ.

ޑަބްލިއު.އެޗް.އޯއިން ބުނި ގޮތުގައި ފާއިތުވީ 24 ގަޑިއިރެއްހާއިރު ތެރޭގައި އެކަނިވެސް 106000 މީހަކު ބައްޔަށް ޕޮޒިޓިވް ވެގެން ރެކޯޑް ކޮށްފައިވާ ކަމަށެވެ. މިއީ ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު ފަހުން 1 ދުވަހާ މިހާ ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވި ދުވަސް ވެސްމެއެވެ.

ކަންމިހެން އޮތްއިރު ޑރ ޓެޑްރޯޒް ވަނީ ދަށް އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގައި ބަލިމަޑުކަން އިތުރުވަމުންދާ ދިއުމާ މެދު ވަކިން އިތުރަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 5 މިލިއަނަށްވުރެ މައްޗަށް އަރާފައެވެ. މި އަދަދު 5 މިލިއަނަށް އަރާފައި މިވަނީ، 4 މިލިއަނަށް އެރިތާ އެންމެ 2 ހަފުތާވެސް ނުވަނީހެވެ.

ކޮވިޑް-19 އަށް ޓެސްޓުކުރުން ބައެއް ގައުމުތަކުގައި އެކަށީގެންވާ މިންވަރެއްގައި ކުރިއަށް ނުގެންދާއިރު، ބަލިޖެހިފައިވާ މީހުންގެ ހަގީގީ އަދަދު މިއަށްވުރެވެސް އިތުރުވުން އެކަށީގެންވާކަމުގެ އިންޒާރު، ތަޖުރިބާކާރުން ގެންދަވަނީ ދެއްވަމުންނެވެ.

އެއް ދުވަހާ ރެކޯޑް އަދަދަކަށް ކޭސް ރިޕޯޓްކުރިކަން ފާހަގަ ކުރައްވަމުން ޑރ ޓެޑްރޯޒް ވަނީ، މި ކޭސްތަކުގެ ތެރެއިން ގާތްގަނޑަކަށް 3 ބައިކުޅަ 2 ބައި ކޭސްތަކަކީ އެންމެ 4 ގައުމަކުން ރެކޯޑްކުރި ކޭސްތަކެއްކަން ފާހަގަ ކުރައްވާފައެވެ.

ކަންމިހެން އޮތް ނަމަވެސް، ބައެއް ގައުމުތަކުން މިހާރު ދަނީ ކޮވިޑް-19ގެ ކޮންޓްރޯލް ކުރުމަށް ފާއިތުވީ ދުވަސްތަކުގައި އަޅަމުންދިޔަ ހަރުކަށި ފިޔަވަޅުތަކަށް ދޫދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮވިޑް-19އަށް ފަރުވާއެއް އަދި ވެކްސިންއެއްވެސް ހޯދިފައި ނުވާއިރު، ބަލިން ދިފާއުވެވެން އޮތް އެންމެ ރައްކާތެރި ގޮތަކީ އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމާ، ލޮކްޑައުންގެ އަމުރު ދެމެހެއްޓުމެވެ.