ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ގައުމާ މުހާތަބު ކުރައްވާ އިއްވެވީ "ކޮވިޑް ކޮރަޕްޝަން ރިޕޯޓް" ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު ވިދާޅުވީ، އެތައް މިލިއަނެއްގެ ކޮވިޑް ކޮރަޕްޝަންގެ ރިޕޯޓް މިރޭ ރައީސް ސޯލިހް އިއްވެވި އިރު، ވެންޓިލޭޓަރާއި ވަސީލަތްތައް އަދި ގާއިމް ކުރެވިފައި ނެތް ކަމަށެވެ. އަދި ގައުމު ހުޅުވަން ތައްޔާރު ވާއިރު، ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ބިޔަވެ، ފަލަވެ، ރައްޔިތުން އަނަރޫފަ ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޖަމީލު އެހެން ވިދާޅުވި އިރު ކިތާބީ އެއްވެސް ހެއްކަކަށް ރިޔާއަތް ކުރައްވާފައެއް ނުވެއެވެ.

ކޮވިޑާ ގުޅިގެން ސަރުކާރުން ހިންގާފައިވަނި ހިޔާނާތެއް ކަމަށް ތުހުމަތު ކުރައްވަމުން ޑރ. ޖަމީލު ވިދާޅުވީ، ކޮވިޑް-19އާ ގުޅިގެން ހިންގެވި ހިޔާނާތަށް ރައީސް ސޯލިހް ޖަވާބުދާރީ ކުރެވޭނެ ކަމަށެވެ.

ޑރ. ޖަމީލު މިހެން ވިދާޅުވެފައި ވާއިރު، މިރޭ ގައުމާ މުހާތަބު ކުރައްވާ ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި، ލޮކްޑައުންގެ މުއްދަތު ހަމަވުމުން ލުއިތަކެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ވިޔަފާރި ކުރުމާއި، މިސްކިތްތަކުގައި ނަމާދު ކުރުމާއި، ސައިހޮޓާ ރެސްޓޯރަންޓުތަކާއި އޮފީސްތަކާއި ސްކޫލުތައް ހުޅުވުމުގައިވެސް ލުއިތަކެއް ދެއްވާނެ ކަަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާލުވީ ލޮކްޑައުން ނިމުމާއެކު ލުއިތައް ދެއްވާނީ މަރުހަލާތަކަކަށް ބައްސަވާލައްގައިގެން ކަމަށެވެ. އެގޮތުން ގެއިން ނުކުތުމާއި، ވިޔަފާރި ކުރުމަށް ފިހާރަތަކަށް ދިއުމާއި މިސްކިތްތަކަށް ނަމާދަށް ދިއުމުގެ އިތުރުން ސައި ހޮޓާ ރެސްޓޯރަންޓް ތަކާއި ސްކޫލުތަކާއި އޮފީސްތައްވެސް ހުޅުއްވާ ލައްވާނެ ކަމަށެވެ. ނަމަވެސް އެއިން ކޮންމެ ކަމެއްވެސް ކުރައްވާނީ މަރުހަލާތަކަކަށް ބައްސަވާލައްވައިގެން ކަމަށެވެ.

ރައީސް ވިދާޅުވީ، މިއިން ކޮންމެ ކަމަކަށްވެސް ލުއިތަކެއް ދެއްވާނީ ވަކިވަކި އިންތިޒާމްތަކެއްގެ ދަށުން ކަމަށާއި، އެ ލުއިތަކާ ގުޅޭ ތަފްސީލުތައް ކުރިއަށް އޮތް ތަނުގައި ސަރުކާރުން ހާމަކުރަމުން ގެންދާނެ ކަމަށެވެ.