ކޮވިޑް-19 ގެ ސަަބަބުން ރާއްޖޭގެ އިގްތިސާދު ދަށަށް ދާނެ ކަމަށް އަންދާޒާ ކޮށްފައި ވާއިރު، އެކަން ރަނގަޅު ކުރުމުގެ ގޮތުން ޓޫރިސްޓުން ރާއްޖެ ގެންނަން ފަށަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މި ހާލަތުން އަރައިގަތުމަށް ބޯޑަރުތައް ހުޅުވާލާ ފަތުރުވެރިން ގެންނަން ޖެހޭ ކަމަށާއި ރާއްޖޭގެ އިގްތިސާދަށް އާމްދަނީ ލިބެން އޮތީ ޓޫރިސްޓުން ގެނެސްގެން ކަމަށެވެ. އެހެން ކަމުން މިހާރު އޮތް އިގްތިސާދީ ހާލަތު ރަނގަޅު ކުރެވެން އޮތީ އަންނަ މަހު ޓޫރިސްޓުން ގެންނަން ފަށައިގެން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީގެ ސިނާރިއޯތަކަށް ބަލާއިރު މި ވަގުތު އިގްތިސާދު އޮތީ ހަތަރުވަނަ ސިނާރިއޯގައި ކަމަށް ބެލެވޭ ކަމަށެވެ. އެއީ ތިންވަނަ ސިނާރިއޯގައި ލަފާ ކޮށްފައިވާ މިންވަރަށް މިހާތަނަށް އާމްދަނީ ލިބިފައި ނުވާތީ ކަން ފާހަގަ ކޮށް ރައީސް ނަޝީދު ވިދާޅުވީ، ސިނާރިއޯ ތިނެއްގައި އޭޕްރީލް މަހު 880 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ކުރިން އޮތް ކަމަށެވެ. ނަމަވެސް އޭޕްރީލް މަސް ނިމުނުއިރު ލިބުނީ 527.5 މިލިއަން ރުފިޔާ ލިބިފައިވާތީ މިހާރު މި ތިބީ ހަތަރުވަނަ ސިނާރިއޯގައި ކަމަށައި ގާތްގަނޑަކަށް މި ދަނީ ފަސްވަނަ ސިނާރިއޯއާ ހަމައަށް ކަމަށެވެ.
ސިނާރިއޯ ތިނެއްގައިވާ އިގްތިސާދީ ހާލަތުގައި ތިބުމަށް ވެސް މި އަހަރުގެ ތެރޭގައި 845،000 ޓޫރިސްޓުން ރާއްޖެ އަންނަން ޖެހޭ ކަމަށްވާއިރު، ރާއްޖޭގެ ބޯޑަރު ބަންދު ކުރުމުގެ ކުރިން ތިން ލައްކައެއްހާ ޓޫރިސްޓުން އައިސްފައިވާ ކަމަށާއި އިތުރު ފަސް ލައްކަ ޓޫރިސްޓުން ގެންނަން ޖެހޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެގޮތުން ފަސްވަނަ ސިނާރިއޯއަކީ އަންދާޒާ ކުރެވޭނެ އެންމެ ގޯސް ހާލަތު ކަމަށް ވުމުން އެ ހާލަތަށް ދާން އެއްވެސް މީހަކު ބޭނުން ނުވާނެ ކަމަށާއި އޭގެ ކުރިއަށް އެންމެ ކުޑަމިނުން ތިންވަނަ ސިނާރިއޯގައިވާ ހާލަތުގައިވާ ކަންކަމަށް ދާން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ މިއަދު މަޖިލިސް އަށް "ސޭފް ޓޫރިޒަމްގެ" ގައިޑްލައިން ދިރާސާ ކުރުމަށް މަޖިލީހުގެ ލަފަޔަކަށްވެސް ފޮނުވާފައެވެ.