މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 62.34 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ، މި އަހަރުގެ ފުރަތަމަ ކުއާޓާގެ މާލީ ނަތީޖާ އިއްޔެ ކުންފުނީގެ ވެބްސައިޓްގައި އާންމުކޮށްފައި ވާނެ ކަމަށެވެ. އެ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓާގެ މާލީ ނަތީޖާ ދައްކާގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެގޮތުގައި 62.34 މިލިއަން ރުފިޔާ ވަނީ ވަނީ ލިބިފައިކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އެއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގެ ނަތީޖާއާ އަޅާބަލާއިރު 310.54 ޕަސެންޓް އިތުރު އަދަދެކެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓާގެ އެމްޓީސީސީގެ މާލީ ނަތީޖާގެ ތަފްސީލަށް ބަލާއިރު، ފުރަތަމަ ކުއާޓާގައި ޖުމުލަ 353.54 މިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެން 72.45 މިލިއަން ރުފިޔާ ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ ލިބިފައެވެ. ނަމަވެސް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި 210.99 މިލިއަން ރުފިޔާ ވިޔަފާރި ކޮށްގެން 17.97- މިލިއަން ރުފިޔާގެ ހިންގުމުގެ ގެއްލުމެއް ވަނީ ލިބިފައެވެ.
އެމްޓީސީސީން ބުނީ، މި އަހަރުގެ ފުރަތަމަ ކުއާޓާގައި ހާސިލްކޮށްފައިވާ ލަނޑުދަނޑިތަކަށް ބަލާއިރު، އެ ކުންފުންިން ވަނީ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކާމިޔަބުކަމާއެކު ހިންގާފައި ކަމަށާއި އެގޮތުން 35 މަޝްރޫއެއްގައި މަސައްކަތްކުރެވި 4 މަޝްރޫއެއްގެ މަސައްކަތް ވަނީ ކަމިޔާބުކަމާއެކު ނިންމާލެވިފައި ކަމަށެވެ. އަދި 11 ރަށަކަށް ވަނީ މިކުއާޓާގެ ތެރޭގައި މޮބިލައިޒްކުރެވިފައި ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން އެ ކުންފުނީގެ އެކި ވިޔަފާރިތަކަށް ކުރަމުންދާ އަސަރު ކުޑަކުރުމަށް އަޅަޏްޖެހޭ އެންމެހާ ފިޔަވަޅުތަކާއި އިސްތިރާޖީ ޕްލޭންތައް އެކުލަވާލައި، ހާލަތު ބަދަލުވަމުންދާ މިންވަރަށް ރިއާޔަތްކޮށް މުރާޖައާ ކުރަމުން ގެންދާ ކަމށް ވެސް އެ ކުންފުނިން ބުނެއެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ކުންފުނީގެ ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން ހާސިލްކުރަން ބޭނުންވާ ލަނޑުދަޑިތަކާއި މާލީ ނަތީޖާ ހޯދުމަށް މިއަހަރުގެ ކުރިއަށް އޮތް ބައިގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް ބެލެވޭ ކަމަށް ވެސް އެ ކުންފުންިނ ބުނެއެވެ.
އިގްތިސޯދީ ގޮތުން ދިމާވެފައިވާ ގޮންޖެހުންތަކާއެކު ވެސް ކުންފުނީގެ މަގްސަދުތައް ހާސިލްކުރުމަށް ކުންފުނީގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އީޖާދީ ތަރައްގީއަށް ހިތްވަރުދިނުމާއި، ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކުންފުނީގެ ކަންކަން އިސްލާހުކުރުމުގައި މެދުނުކެނޑި މަސައްކަތް ކުރާނެކަމުގައި އެމްޓީސީސީން ބުނެއެވެ.