ކޮވިޑާ ގުޅިގެނ ބަންދުކޮށްފައިވާ ރާއްޖެ ފަރުރުވެރިކަން ހުޅުވާލުމާބެހޭ ގޮތުން ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ ސޭފް ޓޫރިޒަމްގެ ގައިޑްލައިނަށް ރައްޔިތުންގެ މަޖިލީހުގެ ލަފައެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން މަޖިލީހުގައި އެދިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުއްވާފައި ވާކަމަށާއި އެއީ "މޯލްޑިވްސް ސޭފް ޓޫރިޒަމް" ގައިޑްލައިނާ ބެހޭ ސިޓީއެއްކަން ހާމަކުރެއްވިއެވެ.

ޓޫރިޒަމް މިނިސްޓައރު މަޖިލީހަށް ފޮނުވިއް ސިޓީގައި ބުނެފައި ވަނީ ފަތުރުވެރިކަން އަލުން ފެށުމަކީ ކޮންމެހެންވެސް މުހިންމު ކަމެއް ކަމަށް އެ މިނިސްޓްރީއާއި ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކުން ގަބޫލު ކުރާކަމަށެވެ.

އެެހެން ކަމުން ސޭފް ޓޫރިޒަމް ގައިޑްލައިން އެކުލަވާލާފައި ވާކަމަށާއި، އަދި އެ ގައިޑްލައިން އެކުލަވާލާފައި ވަނީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ބަލައިގެން ކަމަށް ސިޓީގައި ފާހަގަ ކޮށްފައި ވެއެވެ. އެ ގައިޑްލައިނަށް މަޖިލީހުން ގެންނަން ބޭނުންވާ އިސްލާހުތަކާއެކު މަޖިލީހުގެ ލަފައެއް މި މަހުގެ 25 ވަނަ ދުވަހުގެ ކުރިން ފޮނުވުމަށް އެދޭ ކަމަށް ވެސް އެ ސިޓީގައިވެއެވެ.

އެ ގައިޑްލައިނަށް މަޖިލީހުން ފެންނަ ލަފާ އެރުވުމަށް ސިޓީގައި އެދިފައި ވުމުން މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އެ ގައިޑްލައިން ދިރާސާކޮށް އެ ކަމުގައި ގޮތެއް ނިންމުމަށް މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ފޮނުއްވަން ނިންމަވާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް މިއަދު ފެށުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.

ސޭފް ޓޫރިޒަމް ޑްރާފްޓް އުސޫލުތަކުގައި ބުނެފައިވާ ގޮތުން ޓޫރިސްޓުން ގެނެވޭނީ، ސޭފް ޓޫރިޒަމް ރިސޯޓް ލައިސަންސް ދޫކުރާ ރިސޯޓްތަކަށް އެކަނިއެވެ. ލައިސަންސެއް ނަގަން ޖެހޭ އިރު، ރާއްޖެ ވަނުމުގެ ހުއްދަ ޓޫރިސްޓުންނަށް ދޭނީ، ރާއްޖެ އައުމުގެ ހަތް ދުވަސް ކުރިން ހަދާފައި ވާ ޕީސީއާރު ޓެސްޓެއްގެ ނަތީޖާ ނުވަތަ އެންޓި ބޮޑީ ޓެސްޓެއްގެ ނަތީޖާ ދެއްކުމުންނެވެ.

ލައިސަންސަށް އެދޭ ރިސޯޓުތަކުގައި ނަރުހަކާއި ޑޮކްޓަރަކު ހުންނަން ޖެހޭނެ ކަމަށް ބުނެފައި ވާއިރު އެ ލައިސަންސް ދޫކުރާނީ 50،000 ޑޮލަރުގެ ފީއަކަށެވެ.

ޓޫރިސްޓުން އެއާޕޯޓަށް ފައިބާ ތަނުން ޕީސީއާރު ޓެސްޓް ހަދާނެ ކަމަށާއި ރިސޯޓްގެ ކޮޓަރިން ނިކުމެވޭނީ ޓެސްޓްގެ ނަތީޖާ ނެގެޓިވް ވުމުން ކަމަށާއި އަދި ރިސޯޓްތަކުގައި ހުންނަން ޖެހޭނީ ސެލްފް-ސާވިސް ޗެކިން އެއް ކަމަށް ވެސް އެ އުސޫލުގައި ބުނެއެވެ.

ރާއްޖެ އައުމުގެ ހުއްދަ ދެވޭނީ އެންމެ މަދުވެގެން 14 ދުވަހުގެ ޗުއްޓީއެއް ބުކްކުރުމުން ކަމަށާއި އެގޮތުން އަންނަ ޖޫންގައި ހުޅުވާލަން ވަނީ ނިންމާފައެވެ. އަދި ޖޫންގައި ހުޅުވާލާނީ ސުޕަ ޔޮޓުތަކާއި ޖެޓުތަކުން އަންނަ ޓޫރިސްޓުންނަށް ކަމަށްވެސް އެ އުސޫލުގައި ބުނެއެވެ.