ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމަށް ބައިނަލްއަގުވާމީ ފެންވަރުގައި އިޖާބަ ދިން ގޮތުގެ މިނިވަން ތަހުގީގެއް ހިންގުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ މެމްބަރު ގައުމުތަކުން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

ޑަބްލިއު.އެޗް.އޯގެ ވޯލްޑް ހެލްތް އެސެމްބްލީގައި މި ގަރާރު ބަލައިގަތުމަށް، މެމްބަރު 194 ގައުމުން ވަނީ ރުހުން ދީފައެވެ. ދިވެހި ރާއްޖެއަކީ މި ގަރާރުގެ ކޯ-ސްޕޮންސަރެއް ކަމަށް، ދިވެހި ރާއްޖޭގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ސުވިޓްޒަލަންޑްގެ ޖެނީވާގައި ވާޗުއަލް ޕްލެޓްފޯމެއްގައި ކުރިއަށްދާ ވޯލްޑް ހެލްތް އެސެމްބްލީގައި މެމްބަރު ގައުމުތަކުން ބަލައިގަނެ ރުހުން ދިން މި ގަރާރަކީ، ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ޑަބްލިއު.އެޗް.އޯއިން އަދާކުރާ ދައުރުގެ އިންކުއަރީ ހިންގަން ބާރުދޭ ގަރާރެކެވެ.

ވޯލްޑް ހެލްތް އެސެމްބްލީގެ ތަޅުމަށް މި ގަރާރު ހުށަހަޅާފައިވަނީ ވިލާތުގެ އިއްތިހާދުންނެވެ.

މިއީ ކޮން ގަރާރެއް؟

ރާއްޖެއިން ކޯ-ސްޕޮންސާކޮށްފައިވާ ގަރާރަކީ، ކޮވިޑް-19އަށް ބައިނަލްއަގުވާމީ ފެންވަރުގައި ދިން އިޖާބައާއި ގުޅޭ، ވަކި ފަރާތަކަށް ނުޖެހޭ، މިނިވަން އަދި ފުރިހަމަ އިވަލުއޭޝަންއެއް ހެދުމަށް ގޮވާލާ ގަރާރެކެވެ.

މި ގަރާރުން ބަލާނެ މައިގަނޑު ކަންކަމުގެ ތެރޭގައި، ކޮވިޑް-19ގެ ބަލިމަޑުކަމަށް ޑަބްލިއު.އެޗް.އޯއިން އިޖާބަދިން ހަލުވިމިންވެސް ހިމެނެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް (ކ) އަދި އެއިދާރާގެ ކުއްލި ނުރައްކާތަކާ ބެހޭ އިސްވެރިޔާ ޑރ މައިކް ރާޔަން/ފޮޓޯ: ޑެނިއަލް ބެލިބޫސް

ކޮވިޑް-19އަކީ ބައިނަލްއަގުވާމީ ފެންވަރުގައި ސިއްހީ ކުއްލި ނުރައްކަލުގެ ދަރަޖައަށް ފެތުރިފައިވާ ބަލިމަޑުކަމެއް ކަމުގައި ކަނޑައެޅުމުގައި ޑަބްލިއު.އެޗް.އޯއިން ލަސްތަކެއް ވި ކަމަށް ބުނެ އެ އިދާރާއަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ.

މި ގަރާރު ގޮވާލާ އިތުރު ކަންކަމުގެ ތެރޭގައި، ކޮވިޑް-19އަށް ކަނޑައަޅާ ފަރުވާއާއި ވެކްސިންއާއި ގުޅުންހުރި މައުލޫމާތާ، ކަންކަން ވަގުތުން ވަގުތަށް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ހުރިހާ އެންމެނަށްވެސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާ، ކޮވިޑް-19 ޖައްސާ ވައިރަހުގެ ހަގީގީ މަސްދަރަކީ ކޮބައިކަން ބެލުމަށް ޑަބްލިއު.އެޗް.އޯއިން ތަހުގީގެއް ހިންގުމާ، އިންސާނީ ދަރިފަސްކޮޅާ ހިސާބަށް ވައިރަސް އައި ގޮތުގެ ރާސްތާ ހޯދުމަށް ތަހުގީގު ހިންގުން ފަދަ ކަންކަން ހިމެނެއެވެ.

ޑަބްލިއު.އެޗް.އޯ އިން ބުނީ ކީކޭ؟

ޑަބްލިއު.އެޗް.އޯއިން ކޮވިޑް-19ގެ ބަލިމަޑުކަން މެނޭޖު ކުރަމުންދާ ގޮތުގެ މުރާޖައާއެއް ކުރެއްވުމަށް ތައްޔާރަށް ހުންނެވިކަން، އެ އިދާރާގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވަނީ ހާމަކުރައްވާފައެވެ. ނަމަވެސް، އެ އިދާރާ އޯވާހޯލް ކުރަން ޖެހޭ ކަމަށް ދެކެވޭ ވާހަކަތަކަށް ޑރ ޓެޑްރޯޒް ވަނީ އިންކާރު ކުރައްވާފައެވެ.

ޑރ ޓެޑްރޯޒް ވިދާޅުވީ، މިފަދަ ކަމުން ލިބިގަންނަންޖެހޭ މުހިންމު ފިލާވަޅުތަކެއް ލިއްބައިދޭނެ މުރާޖައާ، ލިބިނު އެންމެ އަވަސް ފުރުސަތެއްގައި ފެށިގެންދާނެ ކަމަށެވެ.

ޑަބްލިއު.އެޗް.އޯގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް/ފޮޓޯ: ޕޮލިޓިކޯ

ހަމަ މިއާއެކު ޑަބްލިއު.އެޗް.އޯއާއި އެފަދަ އެހެން އިދާރާތަކާ ޖަމިއްޔާތައް މިހާރަށްވުރެ ހަރުދަނާ ވާންޖެހޭ ކަމަށްވެސް ޑރ ޓެޑްރޯޒް ވަނީ ގޮވާލައްވާފައެވެ.

ރާއްޖޭގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ކީކޭ؟

ރާއްޖެއިން ކޯ-ސްޕޮންސާ ކުރި ކޮވިޑް-19 އިޖާބަ ގަރާރު ބަލައިގަތުމާއެކު ސަރުކާރާ މުޖުމައުން ވަށާޖެހޭ އިޖާބައެއް ދިނުމަށް މެމްބަރު ގައުމުތަކުން އެއްބަސްވުމަކަށް އައީ ކަމަށް ދިވެހިރާއްޖޭގެ ސިއްހަތާ ބެހޭ ވުޒާރާއިން ކުރި ޓްވީޓްއެއްގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ވީހާވެސް ފުޅާދާއިރާއެއްގައި، ހާލަތާ ވަގުތަށް އެންމެ އެކަށޭނަ، ހުރިހާ އުމަރަކާ ޖިންސެއްގެ އިތުރުން، ކުޅެދުމާ ނުކުޅެދުންތެރިކަމަށްވެސް ރިއާޔަތް، ހުރިހާ ސެކްޓަރެއް ހިމެނޭނެ ފަދަ ނިޒާމަކަށް މި ގަރާރު ގޮވާލައެވެ.

މީގެ އިތުރުން ކޮވިޑް-19ގެ އިޖާބައިގެ ތެރޭގައި ހިމެނޭ ހުރިހާ ޕޭޝަންޓުން ޓެސްޓު ކުރުމާ، ޓްރޭސް ކުރުމާ ޓްރީމަންޓް ނުވަތަ ފަރުވާއަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށާ، ވަކިން ހާއްސަކޮށް، ސިއްހީ އެހެން ބަލިތައް ހުންނަ ފަރާތްތަކާ، ދޮށީ އުމުރުގެ މީހުންނާ، ނުރައްކާ ގިންތިއަށް ހާއްސަ އަހައްމިއްޔަތުކަމެއް ދޭނެކަމުގެ ޔަގީންކަންވެސް ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ އަރުވާފައެވެ.

ހަމަމިއާއެކު ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާ، ހަށި ރައްކަލަށް ބޭނުންވާ ޕީޕީއީ ފޯރުކޮށްދިނުމާ، އެނޫންވެސް އާލާތްތައް ފޯރުކޮށްދިނުމާ، ތަމްރީނު ދިނުމުގެ މަސައްކަތްތައް ކުރިއަށްދާނެކަމުގެ ޔަގީންކަންވެސް ދިވެހި ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ދީފައެވެ.

ޑަބްލިއު.އެޗް.އޯގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ވާޗުއަލް ޕްލެޓްފޯމެއްގައި ކުރިއަށް ގެންދިޔަ ވޯލްޑް ހެލްތް އެސެމްބްލީ ރޭގެ ވަގުތެއްގައި ވަނީ ނިންމާލާފައެވެ. މި އެސެމްބްލީ ދެން އޮންނަނީ މީގެއް 1 އަހަރު ފަހުންނެވެ.