ރާއްޖޭގައި ކޮވިޑް-19 ޖެހި، ރަނގަޅުވެފައި ތިބި މީހުން ހޯދަން ޓެސްޓު ކުރަން ފަށާފައި ވާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ތޮއްޖެހިގެން ބިދޭސީން އުޅޭ ސައިޓަތަކުގައި މިހާރު ބަލި ހުރި މީހުން ދެނެގަތުމަށް މީގެ ކުރިން ހެދީ ޕީސީއާރް ޓެސްޓް ކަމަށެވެ.
ނަމަވެސް، މީގެ ކުރިން ބަލި ޖެހި ރަނގަޅުވެފައި ތިބި ބަޔަކު އެމީހުންގެ ތެރޭގައި ތިބިތޯ ބެލުމަށް ޓެގް ޓީމްގެ ފަރާތުން އިތުރަށް ދިރާސާ ކުރަން ބޭނުންވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި ބަލި ޖެހި ރަނގަޅުވެފައި ތިބި މީހުންގެ އަދަދެއް ބެލުމަށްޓަކައި ތޮއްޖެހިގެން ބިދޭސީން އުޅެމުން ދާ ތަންތަން ޓެސްޓު ކުރަން ނިންމާފައިވާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ، އެފަދަ ސައިޓުތަކުގައި ތިބި މީހުންގެ ގައިގައި އެންޓި ބޮޑީސް ހުރިތޯ ބެލުމަށްޓަކައި މިއަދު 2 ސައިޓަކުން ސާމްޕަލްތައް ނަގާފައިވާ ކަމަށެވެ.
ކޮންޓެއިންމަންޓް ސައިޓް ނުވަތަ ތޮއްޖެހިފައިވާ ސައިޓުތަކުަގއި ތިބި މީހުންގެ އެންޓިބޮޑީސް ހުރިތޯ ޓެސްޓު ކުރުމަށް ނިންމާފައި ވާއިރު، ރާއްޖޭގައި ކޮވިޑް-19 ޖެހި ރަނގަޅުވާ މީހުންގެ ލޭގެ ދިރާސާއެއް ހަދަމުންދާ ކަމަށް އެންއީއޯސީން ވަނީ މީގެ ކުރިން 'ދަ ޕްރެސް' އަށް މައުލޫމާތު ދީފައެވެ.
އެންއީއޯސީން ބުނީ، ކޮވިޑް-19 ޖެހި ރަނގަޅުވެފައިވާ މީހުންގެ ލޭގައި ބަލީގެ އެންޓިބޮޑީޒް ހުރިތޯ ބެލުމަށް ޓެސްޓްތައް ހަދާފައިވާ ކަމަށެވެ. މިގޮތުން މިކަމަށް ބޭނުންވާ ލޭގެ ސާމްޕަލްތައް ނަގާފައިވާ ކަމަށާއި މިއީ ދިރާސާއެއް ހެދުމަށް ނަގާފައިވާ ސާމްޕަލްތަކެއް ކަމަށް ވެސް އެންއީއޯސީން ބުނެފައިވެއެވެ.
ދުނިޔޭގެ ގިނަ ސަރަހައްދަކަށް ފެތުރިފައިވާ ކޮވިޑް-19 އަކީ މިހާތަނަށް އެއްވެސް ވެކްސިނެއް ހޯދިފައިވާ ބައްޔަކަށް ނުވާ އިރު ކުރިއަރާފައި ވާ ގައުމުތަކުން ދަނީ ބަލި ޖެހި ރަނގަޅުވާ މީހުންގެ ލޭގައި ބައްޔަށް ހަނގުރާމަ ކުރާ އެންޓިބޮޑީޒް ހުރިތޯ ބަލާ އެއިން ބަލީގެ ފަރުވާ ހޯދުމަށް ދިރާސާތައް ކުރަމުންނެވެ.