މާދަމާ މަސް މާރުކޭޓުން މަސް ޑެލިވަރީ ކޮށްދޭން ފަށާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި ޓްވީޓެއްގައި ބުނީ މަސް މާރުކޭޓު ބޭނުންކުރާ މީހުން މާރުކޭޓު ސަރަހައްދު އެއްކޮށް ސާފުކޮށްފައިވާ ކަމަށާއި މަސް ޑެލިވަރީ ކުރަން ބޭނުންވާ މީހުންނަށް މިއަދު ހުއްދަތައް ދޫކޮށްފައިވާ ކަމަށެވެ.

މަސް މާރުކޭޓާއި ލޯކަލް މާރުކޭޓު އަދި ދަތުރުވެރިންގެ މާރުކޭޓު ބަންދުކޮށްފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެ ލޮކްޑައުން ކުރުމާ ގުޅިގެންނެވެ.

މާދަމާ މަސްމާރުކޭޓް ހުޅުވުމަށް ތައްޔާރުވެފައި ވާއިރު، ނިއު ނޯމަލް ނުވަތަ ދިރިއުޅުމުގެ އާ ވައްޓަފާޅި އަށް މާލެ ތައްޔަރު ވުމުގެ ގޮތުން އާންމު ތަންތަނުގައި ސޯޝަލް ޑިސްޓެންސިންގެ މިންގަނޑު ހިފެހެއްޓުމަށް އަންގައިދޭން، މަގުތަކުގައި ޖަހާ ފާހަގަ ތަކެއް އިއްޔެ ވަނީ ޖަހަން ފަށާފައެވެ.

އެގޮތަށް އެ ފާހަގަ ޖަހަން ފަށާފައި ވަނީ އާންމުންގެ ގިނަ ބަޔަކު އެކަމަށް އެދެމުން ދާތީ ކަމަށް މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއެވެ. ފާހަގަ ތައް ޖަހުމުގައި އެންމެ އިސްކަމެއް ދެނީ އާންމުން އެންމެ ގިނައިން އެއްވެ އުޅެ، ޒަރޫރީ ބޭނުންތަކަށް ގޮސް އުޅޭ ތަންތަނުގައި ކަމަށް ޝިފާ ވިދާޅުވިއެވެ. އޭގެ ތެރެއިން މާރުކޭޓް ތަކާއި މޯލް ފަދަ ތަންތަން ހިމެނެއެވެ.

ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފަށާފައި ވާއިރު އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވް ވެފައި ވަނީ މަލެއިންނެވެ. މާލެ ލޮކްޑައުން ކޮށްފައި ވީ ނަމަވެސް ވިޔަފާރި ކުރުމަށް ހުއްދައެއް ދޫކުރިއެވެ. ނަމަވެސް ފަހުން ވިޔަފާރި ކުރުމުގެ ހުއްދަ ފުލުހުން މެދުވެރިކޮށް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް ފަހު މިހާރު ވަނީ ހަފްތާއަކު އެއް ދުވަހު ދެވޭގޮތަށް ބަދަލު ކޮށްފައެވެ.