ކޮވިޑްއާ ގުޅިގެން އެކަހެރި ކުރެވޭ މީހުން ބޭތިއްބުމަށް ހުޅުމާލޭގައި ހެދި 800 އެނދުގެ ލޭބާ ކުއާޓާ ފުރާލުމުގެ ވިސްނުމެއް ނެތް ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް މިހެން ވިދާޅުވީ، 'ދަ ޕްރެސް' ގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މަބްރޫކް ވިދާޅުވީ، މިއަދު މި ނިމުނު ސައިޓަށް އިތުރަށް މީހުން ގެންދާނެ ކަމަށާއި ނަމަވެސް، ހުރިހާ އެނދެއް ފުރާލުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

މަބްރޫކް ވިދާޅުވީ، މި މަސައްކަތް ކުރަން ފެށިއިރު ފާހަގަ ކުރެވިފައި ހުރި ކޮންޓެއިންމަންޓް ސައިޓްތައް ނުވަތަ ތޮއްޖެހިފައިވާ ތަންތަނުން މީހުން މަދުކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައި ވާނެ ކަމަށެވެ. ނަމަވެސް ވަކި އަދަދެއްގެ މީހުން ގެންދިއުމުގެ ބަދަލުގައި ތޮއްޖެހިފައިވާ ތަންތަނުން ހާލަތަށް ބަލައިގެން ގެންދަން ޖެހޭ މީހުން ގެންދަނީ ކޮމިއުނިޓީ ސްޕްރެޑެއް އޮތް ވަގުތަކަށް ވާތީ އިތުރު ޖާގަ ފެސިލިޓީގައި ބަހައްޓައިގެން ކަމަށެވެ.

800 އެނދުގެ ލޭބާ ކުއާޓާއެއް ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖީނިއަރިން ކޮމްޕެނީއާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ތައްޔާރުކޮށް ނިންމާފައި ވަނީ މިއަދެވެ. މިތަނުގެ ގިނަ މަސައްކަތްތައް ކޮށްދީފަ ވަނީ ޗައިނާ ކުންފުނިން އެއްވެސް އަގަކާއި ނުލައެވެ. މި ފެސިލިޓީ ނިންމާފައި ވަނީ 22 ދުވަހުގެ ތެރޭގައެވެ.

800 އެނދުގެ ޖާގައިގެ މި ފެސިލިޓީ 4 ބްލޮކަކަށް ބެހިފައި ހުންނައިރު، މެސް ހޯލު ނުވަތަ ކާތަނަކާއި ބަދިގެއެއްގެ އިތުރުން 2 ފާހާނާ ބްލޮކް ވެސް އެތަނުގައި ހުރެއެވެ.

ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ދަތި ހާލުގައި އުޅޭ 2700 އެއްހާ ބިދޭސީން ކަރަންޓީނު ކުރުމަށް އެންއީއޯސީން ވަނީ ނިންމާފައެވެ.