ކޮވިޑަށް ޕޮޒިޓިވްވެ ފިލައިގެން އުޅުނު ބިދޭސީ ދެ މީހުންގެ ތެރެއިން އެކަކު ހޯދައިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިައެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްވަމަުން ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ފިލި މީހުންގެ ތެރެއިން މިހާތަނަށް ފެނިފައި ނުވާ ދެ މީހުންގެ ތެރެއިން އެކަކު ފުލުހުން ހޯދާފައިވާ ކަމަށެވެ.

އެމީހާ ފެނިފައި ވަނީ ވިލިމާލެ ޑިޓެންޝަން ސެންޓަރުން ޕޮޒިޓިވް ވި ދެ މީހުންނާ ގުޅިގެން ހެދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިންނެވެ. ވިލިމާލެ ޑިޓެންޝަން ސެންޓަރުން ޕޮޒިޓިވް ވި ދެ މީހުން ކުރިން އުޅެފައި ވަނީ ޕޮޒިޓިވް ވީ ފަހުން ފިލައިގެން އުޅެނިކޮށް ފެނުނު މީހާ ދިިރިއުޅެމުން ދިޔަ ލިވިން ބްލޮކުގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެހެން ކަމުން މިހާތަނަށް ނުފެނި ވަނީ އެކަކެވެ.

ޖުމްލަ ހަތް މީހަކު ފިލައިގެން ހޯދުމުގެ މަސައްކަތް ފުލުހުން ކުރާ އިރު، އެމީހުންގެ ތެރެއިން ހަތަރު މީހަކު ފުލުހުން ވަނީ ހޯދާފައެވެ. އޭގެ ތެރެއިން އެކަކު، ހޯދަމުން ދަނިކޮށް، އޭނާ އޮތީ ޓްރީޓޮޕް ހޮސްޕިޓަލްގައި ވެންޓިލޭޓަރުގައި ކަން ވަނީ އެނގިފައެވެ. އަދި ނުފެނިވާ ތިން މީހުންގެ ތެރެއިން އެކަކު އިއްޔެ ވަނީ ހޯދާފައެވެ.

ސައިޓްތަކާއި ރެންޑަމްކޮށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން ހަތް މީހެއްގެ ސާމްޕަލް ޕޮޒިޓިވް ވެފައި ވި ނަމަވެސް އެމީހުން ދިން ނަންބަރުތަކަށް ނުގުޅުމުން ފުލުހުންނަށް އެ މައުލޫމާތު ހިއްސާކޮށް އެ މީހުން ހޯދުމުގެ މަސައްކަތް ފެށިކަން ހާމަކުރީ މިމަހުގެ 13 ވަނަ ދުވަހެވެ.

ހޯދަމުންދާ މީހުން ފުލުހުން ކުރަމުން ދާ މަސައްކަތުން ނުފެނިއްޖެ ނަމަ ޑިރެކްޓަރު ޖެނެރަލް އޮފް ޕްބަލިކް ހެލްތަށް ލިބިވަޑައިގެންފައިވާ ބާރުގެ ބޭނުން ކުރައްވައިގެން ވަނަވަރު ހާމަކުރައްވާނެ ކަމަށް އެޗްޕީއޭން ބުނެއެވެ. އެޗްޕީއޭން މިރޭ ބުނީ ވަނަވަރު އާންމު ކުރާނީ އެ މީހާ ނުފެނުނު ކަމަށް ފުލުުހުން ޑިރެކްޓަރު ޖެނެރަލް އޮފް ޕްބަލިކް ހެލްތަށް އެންގުމުން ކަމަށެވެ.