ސްޓެލްކޯ ކުންފުނިން މަޖިލީހަށް ފޮނުވި ސިޓީއާ ގުޅިގެން އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެކަމާ ގުޅިގެން ނަޝީދު މިއަދު ވިދާޅުވީ ސިޓީ ފަދަ ލިޔުންތަކާއި ގުޅޭ ގޮތުން 1968 ވަނަ އަހަރު ފާސްކޮށްފައިވާ ގާނޫނެއް އޮތް ކަމަށާއި އެ ގާނޫނުގައިވާ ގޮތުން، "އިންޖީނު ގެއިން" މަޖިލީހަށް ސިޓީ ނުފޮނުވޭނެ ކަމަށެވެ.

އިތުރަށް ނަޝީދު ވިދާޅުވީ ގ. ކެނެރީގޭ މުހައްމަދު ނަޝީދަށް ކޮންމެ މީހަކަށް ވެސް ސިޓީ ލިޔެވޭނެ ކަމަށެވެ. އަދި ބޭނުންވާ އެއްޗެއް ވެސް ބުނެވޭނެ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެގޮތަށް ސިޓީ ފޮނުވަން ގާނޫނުން ޖާގަ ނުދޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އިންޖީނުގެ ކުދިންނަށް އެނގެން ޖެހޭ މިތަނަށް އެބޭފުޅުންނަށް ސިޓީ ނުލިޔުއްވޭނެކަން. މިތަނުން އަހާ އެއްޗެއްގެ ޖަވާބު އެބޭފުޅުންނަށް ދެއްވޭނެ އެހެންވީމާ އިންޖީނުގޭ ހުރިހާ ކުދިން ވެސް، އަދި ޖައްރާފު ކުއްޖަކަށް ވިޔަސް އަދި އެހެން ތަނެއްގައި މަސައްކަތް ކުރާ ކުއްޖަކަށް ވިޔަސް ހުރިހާ ކުދިންނަށް ރަނގަޅަށް ރީތިކޮށް އެނގިލައްވަން ޖެހޭނެ މިތަނަށް ސިޓީ ފޮނުވާނީ ވަޒީރުން ކަން
ނަޝީދު

ސްޓެލްކޯއިން މަޖިލީހަށް ފޮނުވި ސިޓީއެއް އާންމުވުމާ ގުޅިގެން އެކަން ހިނގި ގޮތް އޮޅުންފިލުވައި ދިނުމަށް އެ ކުންފުނީގެ ފަރާތުން އެދުނީ މި މަހުގެ ހަ ވަނަ ދުވަހެވެ. ސްޓެލްކޯ އިން ބުނެފައި ވަނީ ސިޓީ އާންމުވެ އެ ކުންފުންޏާއި ކުންފުނީގެ ވެރިންނާއި، މުވައްޒަފުން ރެއާއި ދުވާލު ކުރާ މަސައްކަތުގެ އަގުވައްޓާލައި، އަދި އެ ކުންފުންޏާ މެދުގައި އޮތް ތަސައްވަރު ކިލަނބު ކުރުމަށް ރައްޔިތުންގެ ތެރެއިން ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ހަމައެއާ އެކު މުސްތަގުބަލުގައި މަޖިލީހަށް ފޮނުވާ ލިޔެކިޔުން ތަކަކީ އާންމު ކުރާނެ ތަކެތިކަން ކުރިން އެންގުމަށް ވެސް އެދިފައިވެއެވެ.

ސިޓީގެ މައްސަލާގައި އިންފޮމޭޝަން ކޮމިޝަނާ ހުސައިން ފިޔާޒް މޫސާ ވިދާޅުވީ ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ އެއްވެސް އިދާރާއެއްގެ މުވައްޒަފެއްގެ މުސާރަ އާއި އިނާޔަތަކީ ރައްޔިތުންނަށް ސިއްރުވާން ޖެހޭ މައުލޫމާތެއް ނޫން ކަމަށެވެ. އެއީ އެ މުއައްސަސާގެ އަމިއްލަ އިސްނެގުމުގެ މަތިން ހާމަ ކުރަންޖެހޭ މައިލޫމާތު ކަމަށް ވާއިރު ސަރުކާރުގެ 100 ޕަސެންޓު ހިއްސާ އޮތް ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރުގެ މުސާރަ ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި އާންމުވާން ޖެހުނު ސަަބަބު ހޯދުމަށް މަސައްކަތް ކުރުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއްް ކަމަށްވެސް ފިޔާޒް ވަނީ ވިދާޅުވެފައެވެ.

އެ މައްސަލައިގައި ސްޓެލްކޯއިން އެންމެ ފަހުން ބުނެފައިވަނީ ސްޓެލްކޯގެ އެމްޑީގެ މުސާރަ ކަނޑައަޅަނީ ފިނޭންސުން ކަމަށާއި އެއީ "އޭ" ކެޓަގަރީގެ ހުރިހާ ކުންފުނިތަކެއްގެ އެމްޑީންނަށް ކަނޑައަޅާ މުސާރައާއި އިނާޔަތް ކަމަށެވެ.

ސްޓެލްކޯގެ އެމްޑީއަށް މުސާރައާއި އިނާޔަތުގެ ގޮތުގައި 98000 ހާސް ރުފިޔާ ލިބެއެެވެ.