ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން 2021 ގެ ނިޔަލަށް އެ ގައުމުން ކްރޫޝިޕްގެ ފަތުރުވެރިކަން ކުރިއަށް ނުގެންދިއުމަށް ސީޝެލްސްއިން ނިންމައިފިއެވެ.

މި ނިންމުމަކީ ސީޝެލްސްގެ ފަތުރުވެރިކަމާ، ސިވިލް އޭވިއޭޝަން އަދި ޕޯޓްތަކާ ކަނޑުގެ ސަރަހައްދާ ބެހޭ ވަޒީޜު ޑިޑިއޭ ޑަގްލީގެ ނިންމެވުމެއް ކަމަށް، އެ ގައުމުގެ އެންމެ ވަރުގަދަ އެއް ދުވަހު ނޫސް ކަމަށްވާ ސީޝެލްސް ނޭޝަންއާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.

ވޯލްޑް ބޭންކްއިން ބުނާ ގޮތުގައި ފަތުރުވެރިކަމުގެ ސިނާއަތަކީ ސީޝެލްސްގައި 2 ވަނައަށް އެންމެ ބޮޑު ސިނާއަތެވެ. ސީޝެލްސްގައި 1 ނަމްބަރު ސިނާއަތަކީ މަސްވެރިކަމުގެ ވިޔަފާރިއެވެ.

ސީޝެލްސްއަކީ މަޝްހޫރު ސެލެބްރިޓީއިންގެ މެދުގައި މަޝްހޫރު ފަތުރުވެރި މަންޒިލެކެވެ. 2011 ވަނަ އަހަރު ޕްރިންސް ވިލިއަމް އާއި ކޭޓް މިޑްލްޓަން ހަނީމޫންއަށް ވަޑައިގަތީ ސީޝެލްސްއަށެވެ. އޭގެ ފަހުން 2014 ވަނަ އަހަރު، ޖޯޖްއާއި އަމާލް ކްލޫނީވެސް ވަނީ ސީޝެލްސްގައި ޗުއްޓީ ހޭދަކުރައްވާފައެވެ.

ކަންމިހެން އޮތްއިރު، ވައިގެ މަގުން ފަތުރުވެރިންނަށް މަރުހަބާ ކިއާނެ ކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެއެވެ. ނަމަވެސް ކްރޫޝިޕް ޓުއަރިޒަމް މެދުކަނޑާލުމަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހޭނެ ކަމަކަށް ވާއިރު، ފަތުރުވެރިކަމާ ބެހޭ ވަޒީރު ވަނީ، މިފަދަ ކުންފުނިތަކަށް އެހީގެ ޕެކޭޖުތަކެއް ހުށަހަޅުއްވާފައިކަމަށް މައުލޫމާތު ލިބެއެވެ.