ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާ ގުޅުން ހުރި ކަންކަމުގައި ޗައިނާއިން އަބަދުވެސް އަމަލު ކުރަމުންދަނީ ދެފުށް ފެންނަ، ހާމަކަން ބޮޑު ސިޔާސަތަކަށް ކަމަށް އެގައުމުގެ ރައީސް ޝީ ޖީންޕިންގް ވިދާޅުވެއްޖެއެވެ.
ޝީ މިފަދަ މޭރުމަކުން ވާހަކަފުޅުދައްކަވާފައި ވަނީ މިހާރު ކުރިއަށްދާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ މެމްބަރު ގައުމުތަކުގެ ސިއްހީ އެންމެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާ ވޯލްޑް ހެލްތް އެސެމްބްލީގައެވެ.
ވާޗުއަލް ވީޑިއޯ ލިންކެއް މެދުވެރިކުރައްވާ ބައްދަލުވުމުގެ ބައިވެރިންނާ މުހާތަބުކުރައްވާ ވާހަކަފުޅުކުރިއަށް ގެންދަވަމުން ޝީ ވަނީ ކޮވިޑް-19ގެ އެހީގެ ގޮތުގައި ކުރިއަށް އޮތް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ޗައިނާއިން ބައިނަލްއަގުވާމީ މުޖުތަމައަށް 2 ބިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
އަދި ކޮވިޑް-19އާ ދެކޮޅަށް އުފައްދާ ވެކްސިންއަކީ، މުޅި ދުނިޔެއަށްވެސް ފަސޭހައިން ލިބޭނެ "ޕަބްލިކް ގުޑް"އަކަށް ހައްދަވާދެއްވާނެ ކަމަށްވެސް ޝީ ވަނީ ވިދާޅުވެފައެވެ.
މިމޭރުމުން ވާހަކަފުޅުދައްކަވަމުން ޝީ ވަނީ، ކޮވިޑް-19އާ ގުޅޭ އިންކުއަރީއެއް ހިންގުމަށް ޗައިނާއިން އެއްބާރުލުން ދޭނެ ކަމަށާ، ނަމަވެސް އެކަން ވާން އޮތީ ފުރަތަމަ ކަމަކަށް ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ފަހުގައި ކަމަށެވެ.
ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓްކުރަން ފެށި ޗައިނާގެ ރައީސް މިފަދަ ރޫޙެއްގައި ބައިނަލްއަގުވާމީ ޕްލެޓްފޯމެއްގައި ވާހަކަފުޅުދައްކަވާފައި މިވަނީ، ކޮވިޑް-19އާ ގުޅުންހުރި ކަންކަމުގައި ޗައިނާއިން މަކަރު ހަދާ، އޮޅުވާލުންތަކެއް ގެންގުޅޭ ކަމަށް ބައެއް ފަރާތްތަކުން، ވަކިން ހާއްސަކޮށް ޗައިނާގެ ޒަމާންވީ އަދުއްވު އަދި ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުގެ މަގާމުގައި އޮތް އެމެރިކާއިން ދަނީ ވަކާލާތު ކުރަމުންނެވެ. އަދި މި ބަލި ޖައްސާ ވައިރަހަކީ ޗައިނާގެ އުފެއްދުމެއް ކަމަށް އެމެރިކާގެ ލީޑާޝިޕުންވެސް ވަނީ ތުހުމަތު ކޮށްފައެވެ.
ކަންމިހެން އޮތްއިރު، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވީ ކޮވިޑް-19ގައި އެކި ގައުމުތަކުން އަމަލު ކުރަމުންދަނީ އެކި އިސްތިރާޖުތަކަށް ކަމަށާ، ބައެއް ފަހަރު އިސްތިރާޖުތަކުގެ ފުށޫ އެރުންތަކެއްވެސް ހުންނަ ކަމަށާ، މިކަމުގެ ސަބަބުން ލިބޭ ގެއްލުމުގެ އަގު އިންތިހާއަށް ބޮޑުވެގެންދާ ކަމަށެވެ.
ޑަބްލިއު.އެޗް.އޯގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސްގެ ވާހަކަވެސް ހުރީ މިފަދަ ރޫޙެއްގައެވެ. އެގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިރުޝާދުތަކަށް ބައެއް ގައުމުތަކުން ބީރު ކަންފަތެއް ދިނުމުގެ ސަބަބުން، މިއަދު ދުނިޔެއިން އެކަމަށް ބޮޑު އަގެއް ދައްކަން ޖެހިފައިވާކަން ޑރ ޓެޑްރޯޒްވެސް ވަނީ ފާހަގަ ކުރައްވާފައެވެ.
މިހާރު ކުރިއަށްދާ ވޯލްޑް ހެލްތް އެސެމްބްލީގައި، ކޮވިޑް-19އަށް ގައުމުތަކުން އިޖާބަ ދިން ގޮތުގެ މިނިވަން ތަހުގީގެއް ހިންގުމަށް ވިލާތުގެ އިއްތިހާދު އިސްވެ ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.