ކޮވިޑާ ގުޅިގެން މާލޭގައި ގިނަ ބަޔަކު ތާށިވެފައި ތިބި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައި ރައްޔިތުން އެދޭ ކަންތައްތައް ނުވަންޏާ ފަހަރަކު މީހެއްގެ އިތުބާރު ނެތްކަމަށް ނަންގަވަން ޖެހިވަޑައިގެންފާނެ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވައިފިއެވެ.

އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރައްވާފައި ވަނީ އިއްޔެ ބޭއްްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ނަޝީދު ވިދާޅުވީ، އެމަނިކުފާނަށްވެސް މެންބަރުންގެ ކެތްތެރިކަން ކޮޅުން ލަމުންދާތަން ފެނިވަޑައިގަންނަވާ ކަމަށާއި، އެމަނިކުފާނުގެ ވެސް ކެތްތެރިކަން ވެސް ހިފެހެއްޓޭނީ ވަކި މިންވަރަކަށް ކަމަށެވެ.

ނަޝީދު ވިދާޅުވީ، އެމަނިކުފާނު ތަކުރާރުކޮށް ދަންނަވަމުން ދަނީ ވަރަށް ގިނަ މީހުން މިރަށުގައި (މާލޭގައި) ވަރަށް ހާލުގައި ތިބި ކަމަށެވެ. އަދި އެކަން ހިތްޕުޅަށް ގެނެވި އެއަށް ހައްލެއް ހޯދުން އެއީ މުހިންމު ކަމެއްކަން ނުފެންނަ ސަބަބެއް އެމަނިކުފާނަށް ވެސް ވިސްނި ވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މަޖިލިސް މެންބަރުގެ ބާރު ހުންނާނެ ކަމަށާއި، މެންބަރުން ބޭނުންވީމައި އެކި އެކި ބޭފުޅުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަންގަވާ ހެއްދެވޭނެ ކަމަށެވެ. ނަމަވެސް އަމާޒަކީ އެއީ ނޫން ކަމަށާއި، އަމާޒަކަށް ވާންވީ ވެސް އެއީ އެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މަޖިލީހުގައި ގިނަ މެންބަރުން ވަކި ގޮތަކަށް ކަމެއް ފާހަގަ ކުރަން ފެށީމައި އެކަން ކަމާ ގުޅޭގޮތުން ސަރުކާރުގައި ހަވާލުވެ ތިއްބަވާ ފަރާތްތަކުން އެކަންކަމުގެ މައްޗަށް އަމަލު ނުކޮށް ތިއްބަވަންވީ ސަބަބެއް ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެއީ އެމަނިކުފާނު ވެސް ދެރަވެ، ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށާއި، މާލޭގައި އެތައް ހާސް ބަޔަކު ތާށިވެފައި ތިބުމަކީ އެތައް ބަޔަކަށް ވަރަށް ބޮޑު ގެއްލުމެއްކަން ހުރިހާ ބޭފުޅުންނަށް ވެސް އަދި ރައީސުލްޖުމްހޫރިއްޔާއަށް ވެސް އެނގިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވެފައި ވާއިރު، ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން އެކި އެކި ސަބަބުތަކާ ހުރެ މާލެ އައިސް ރަށަށް ނުދެވި މާލޭގައި ތާށިވެފައި 5000 އަށް ވުރެ ގިނަ ރައްޔިތުން ތިބި ކަމަށް އެންއީއޯސީން ވަނީ ބުނެފައެވެ.