ރާއްޖޭގައި އުޅޭ ގިނަ އަދަދެއްގެ ބަންގްލަދޭޝްގެ މަސައްކަތްތެރިން އަނބުރާ އެމީހުންގެ ގައުމަށް ގެންދަން ހަމަޖެހިފައި އޮތް މޯލްޑިވިއަންގެ މާދަމާގެ ފްލައިޓް ކެންސަލް ވެއްޖެއެވެ.

ފޮރިން މިނިސްޓްރީގެ ފަރާތުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެ މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މުހައްމަދު މިއުވާން ވިދާޅުވީ، ބަންގްލްދޭޝްގެ ޑާކާ އަށް ދިއުމަށް ހަމަޖެހިފައިވާ ފްލްއިޓް ކެންސަލް ވެފައި ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.

މި ފްލައިޓްތަކަކީ ޝެޑިއުލް ފްލައިޓް ތަކެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މާދަމާގެ ފްލައިޓް ކެންސަލް ވި އިރު ދެން އަލުން ފުރާނެ އިރެއް އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ބަންގްލަދޭޝް މަސައްކަތްތެރިންގެ ތެރެއިންް އެނބުރި ގައުމަށްދާން ބޭނުންވާ 200 އެއްހައި މީހުންނާއެކު އެ ފްލައިޓު ފުރުމަށް މިއަދު ހަމަޖެެހިފައި އޮތް ނަމަވެސް މޫސުން ގޯސްވެ، ފްލައިޓު ވަނީ ލަސްވެފައެވެ.

ރާއްޖޭގައި އުޅޭޭ ބަންގްލަދޭޝްގެ މަސައްކަތްތެރިންގެ ތެރެއިން ސައްހަ ލިޔެކިޔުން ނެތް 67 މީހަކު އިއްޔެ ވަނީ އެގައުމުގެ އަސްކަރީ މަތިންދާބޯޓެއްގައި ފުރުވާލައިފައެވެ. އޭގެ އިތުުރުން 68 މީހުން ވެސް އަސްކަރީ މަތިންދާބޯޓެއްގައި ފުރުވާލިއިރު ހޮނިހިރު ދުވަހުވެސް ވަނީ ދިވެހި ސަރުކާރުން ޗާޓަރުކުރި ބަންގްލަދޭޝްގެ މަތިންދާބޯޓުގައި އެ ގައުމުގެ 353 މީހަކު ފުރުވާލައިފައެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ 1500 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިމަހުގެ ކުރީ ކޮޅުގައި ވިދާޅުވެފައެވެ.