އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ ދާޝްތީ ބާޗީ ހޮސްޕިޓަލުގެ މެޓާނިޓީ ވޯޑަށް ގަދަކަމުން ވަދެގަނެ، ބަރު ހަތިޔާރުގެ ބާރުގެ ބޭނުންކޮށްގެން ބަޔަކު ލާއިންސާނީ ޖަރީމާއެއް ހިންހަމުންދާ އަޑު އިވުނު ވަގުތު ފައިރޫޒާ އުމުރު އިނީ އޭނާގެ ގޭގައެވެ.

ހަތިޔާރު އަޅައިގެން ތިބި ބަޔަކު މެޓާނިޓީ ވޯޑަށް ވަދެ، ދިން ރަހުމުކުޑަ ހަމަލާތަކުގައި 24 މީހަކު މި ދުނިޔެއާއި ވަކިވެގެންދިޔައިރު އޭގެ ތެރޭގައި އަލަށް އުފަންވި ތުއްތު ކުދިންނާ، އެ ދަރިންގެ މައިންވެސް ހިމެނެއެވެ.

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ ދާޝްތީ ބާޗީ ހޮސްޕިޓަލުގެ މެޓާނިޓީ ވޯޑަށް ދިން ހަމަލާގެ ތެރެއިން/ފޮޓޯ: ބޮސްޓަން

"އަހަރެން އޭރު އިނީ އަހަރެންގެ ދަރިފުޅަށް ގާތުން ކިރު ދޭން. ވަރަށް ފުން އިހުސާސްތަކެއް ކުރެވުނު ވަގުތެއް އެއީ. އެ ކުދިން (ހޮސްޕިޓަލުގައި ތިބި ތުއްތު ކުދިން) އުފުލަމުންދާނެ ވޭން އަހަރެންގެ ލޮލު ކުރިމަތީގައި ސިފަވެގެންދިޔަ" އެ ހަމަލާގެ އަޑު އިވުނު ވަގުތު ކުރެވުނު އިހުސާސްތައް ބަޔާންކޮށްދެމުން، އުމުރުން އެންމެ 27 އަހަރުގެ ސައިކޭޓްރިސްޓް، ފައިރޫޒާ ކިޔައިދިނެވެ.

ވެވުނު ކޮންމެ ގޮތަކުން އެކަމުގައި އެހީވުމަށް، 4 މަހުގެ ދަރިއެއް އޮތް ފައިރޫޒާ ތެދުވިއެވެ. އޭނާއަށް ހާއްސަ ޒިންމާއެއް އަކަމުގައި އޮތް ކަމުގެ އިހުސާސް ކުރެވުނު ކަމަށް ފައިރޫޒާ ބުންޏެވެ. މިއާއެކު، ހަމަލާގައި މައިން މަރުވެދިޔަ ތުއްތު ކުދިންނަށް އޭނާގެ ގާތުން ކިރު ދިނުމަށް، ދަރުމަވެރިއެއްގެ ގޮތުގައި ފައިރޫޒާ ނިކުތެވެ.

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ ދާޝްތީ ބާޗީ ހޮސްޕިޓަލުގެ މެޓާނިޓީ ވޯޑަށް ދިން ހަމަލާގައި މަންމަ ނިޔާވި ކުއްޖަކަށް ފައިރޫޒާ އުމަރު އޭނާގެ ގާތުން ކިރު ދެނީ/ފޮޓޯ: ހެޑްޓޮޕިކްސް

މިވަގުތު އަތާތުރުކު ޗިލްރަންސް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ތުއްތު ކުދިންނަށް ހިދުމަތް ކުރުމަށް ފައިރޫޒާ ދާ ވަގުތުތަކުގައި އޭނާގެ އުފަން ދަރިފުޅު ބެލުމުގެ ހުރިހާ ކަމެއް ކޮށްދެނީ ފައިރޫޒާގެ ފިރިމީހާއެވެ. މި ހޮސްޕިޓަލު ހުންނަނީ ފައިރޫޒާގެ އާއިލާ ދިރިއުޅެމުންދާ ގެއާ ގާތްގަނޑަކަށް އެންމެ 2 ކިލޯމީޓަރެއްހާ ހިސާބުގައި ކަމަށް ވީ ނަމަވެސް، ނުރައްކާތެރި ހަމަލާގެ ސިހުމާއެކު މަސްރަހު އޮތީ ނާމާން ކަމެއްގެ ތެރޭގައެވެ. ރާސްތާ އަކީ ބިރުވެރި ރާސްތާއަކަށް ވަނީ ވެފައެވެ.

"ހޮސްޕިޓަލަށް ގޮސް ބެލިއިރު އަހަރެންނަށް 20 ކުދިން ފެނުނު. ބައެއް ކުދިން އޮތީ ޒަހަމްވެސް ވެފަ" އެންމެ ފުރަތަމަ އެ ކުދިން ފެނުނު ވަގުތުކޮޅުގެ ވާހަކަތައް ފައިރޫޒާ ހިއްސާކުރިއެވެ.

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ ދާޝްތީ ބާޗީ ހޮސްޕިޓަލުގެ މެޓާނިޓީ ވޯޑަށް ދިން ހަމަލާއަށްފަހު ސިއްހީ ފަރުވާ ހޯދާ ތުއްތު ކުދިންތަކެއް/ފޮޓޯ: ހެޑްޓޮޕިކްސް

އޭރު ސިއްހީ ހިދުމަތްތެރިން ދިޔައީ ފޯމިއުލާ މިލްކު ދީގެން ކުދިން ބަނޑުފުރާ މުއްތި ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ބައެއް ކުދިން ދިޔައީ އެ ކިރު ބުއިމަށް އިންކާރު ކުރަމުންނެވެ. އެހެންކަމުން ނަރުސްކުދިންނާ ފައިރޫޒާ ވާހަކަ ދެއްކިއެވެ. އަދި އެންމެ ގަދައަށް ރޮމުންދާ ކުދިންނަށް ފައިރޫޒާގެ ގާތުން ކިރު ދިނުމަށް ނަރުސް އިރުޝާދު ދިން ކަމަށް ފައިރޫޒާ ބުންޏެވެ.

ދަރުމަވެރި ކިރުމައެއްގެ ގޮތުގައި ފައިރޫޒާ ހޭދަކުރި ފުރަތަމަ ރޭވެސް އޭނާ ވަނީ ނުއުފަންނަ 4 ދަރިއަކަށް އޭނާގެ ގާތުން ކިރު ދީފައެވެ. ފައިރޫޒާ ކިޔައިދިން ގޮތުގައި މިކަމުން އޭނާއަށް ހިތްހަމަޖެހުން ލިއްބައިދިނެވެ. އަދި އެހީތެރިކަމެއް ފޯރުކޮށްދެވޭތީ އުފާވާކަމަށްވެސް އޭނާ ބުންޏެވެ.

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ ދާޝްތީ ބާޗީ ހޮސްޕިޓަލުގެ މެޓާނިޓީ ވޯޑަށް ދިން ހަމަލާއަށްފަހު ސިއްހީ ފަރުވާ ހޯދާ ތުއްތު ކުދިންތަކެއް/ފޮޓޯ: ރޮއިޓާޒް

"އެ ދަރިންގެ މައިންގެ އަތު ތެރޭގައި އޮވެލަން ނުލިބި، އެކުދިން ވަގުތުތައް ގުނަމުން އެދަނީ ހޮސްޕިޓަލެއްގަ. ކިރު ބޮމުން އެދަނީ ނުވެސް ދަންނަ ބީރައްޓެހިންތަކެއްގެ ގާތުން" ފައިރޫޒާ، އޭނާގެ ހިތުގައި އަޅަމުންދިޔަ ވޭން ބޭރުކޮށްލިއެވެ.

ޖެހިގެން އައި ދުވަސްތައްވެސް ހޭދަވެގެން ދިޔައީ މިފަދަ ގޮތަކަށެވެ. އޭނާގެ ފިރިހެން ދަރިފުޅަށް ގޭގައި ގާތުން ކިރު ދިނުމަށްފަހު ފައިރޫޒާ މިސްރާބު ޖަހަނީ ހޮސްޕިޓަލަށެވެ.

މިކަމުގައި އޭނާއަށް ކުރެވުނު ތަޖުރިބާތައް ބަޔާންކޮށް، ވީހާވެސް ގިނަ ބަޔަކަށް މިކަމަށް ހިތްވަރު ދިނުމުގެ ގޮތުން ފައިރޫޒާވަނީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓަށް ޕޯސްޓެއްވެސް ދޫކޮށްލާފައެވެ. މިއާއެކު ކޮންމެވެސް ވަރަކަށް ދަރުމަވެރިން އެހީވާން އައިކަންވެސް ފައިރޫޒާ ފާހަގަކުރިއެވެ.

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ ދާޝްތީ ބާޗީ ހޮސްޕިޓަލުގެ މެޓާނިޓީ ވޯޑަށް ދިން ހަމަލާގައި ޒަހަމްވި ތުއްތު ކުއްޖަކަށް ފަރުވާ ދެނީ/ފޮޓޯ:ފްރާންސް 24

ފައިރޫޒާގެ މަސައްކަތަކަށްވީ ހަމައެކަނި ކިރުމައެއްގެ ގޮތުގައި ހިދުމަތް ކުރުމެއް ނޫނެވެ. އޭނާ ދިޔައީ ރަހުމަތްތެރިންނަށްވެސް ގުޅަމުންނެވެ. އެއީ ތުއްތު ކުދިންނަށް ބޭނުންވާ ނެޕީއާއި، އޭނާގެ ގާތުން ކިރު ނުދެވި ތިބި ކުދިންނަށް ބޭނުންވާ ތައްޔާރީ ކިރުގެ އުފެއްދުންތައް ގަތުމަށް ބޭނުންވާ ފައިސާ އެއްކުރުމަށެވެ.

އަފްގާނިސްތާނަކީ ލާއިންސާނީ އަނިޔާތަކާ ޖަރީމާތައް އާންމު ގައުމެކެވެ. ނަމަވެސް މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ ހަމަލާއައިއެކު މުޅި ގައުމުހެން އޮތީ ބަސް ހުއްޓިފައެވެ. މުޅި ދުނިޔެ އޮތީ ސިހިފައެވެ.