ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އަޅުވައި މީހަކު އިންޓަވިއުއެއް ދިން މައްސަލައެއް ތަހުގީގުކޮށް ދައުވާ ކޮށްދިނުމަށް އެދި ހުށަހެޅުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު ބަޔާނުގައި ބުނީ، ރައީސް ނަޝީދު، ސަލާމާއި ސަލަވާތްލެވި ކީރިތި ރަސޫލާއާމެދު އިހާނެތި ބަސް ވިދާޅުވެފައިވާ ކަމުގެ ދޮގު އިލްޒާމު އަޅުވައި މި ރޯދަމަހުގެ ފަހު 10 އެއްގައި މީހަކު ވާހަކަ ދައްކާފައިވާ ކަމަށެވެ. އެއީ ރ. އަނގޮޅިތީމު، ޖީޒާގެ އަލީ އިބްރާހިމް ކަމަށް އެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ބުނީ، އަލީ އިބްރާހީގެ ދައްކާފައިވާ ދޮގު އިލްޒާމުތައް ތަހުގީގުކޮށް، އޭނާއާއި އޭނާގެ އިންޓަވިއު ގެނެސްދިން މީޑިއާމެދު ޖިނާއީ ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސަސްއަށް މައްސަލަ ހުށަހެޅުމަށް ރައީސް ނަޝީދު ނިންމަވާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

ގާނޫނުލްއުގޫބާތުގެ 617 ވަނަ މާއްދާގެ (ހ) ގެ (5) އާ ހަވާލާދީ އެ ބަޔާނުގައި ބުނެފައި ވަނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި، މީހުންގެ މެދުގައި ދީނީގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި އެފަދަ ގޮތްގޮތަށް އަމަލުކުރުމަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ.

އަލީ އިބްރާހިމް ދައްކާފައިވާ ވާހަކައަކީ މިފަދަ ކުށެއްކަމަށް ބުނެ، ރޯދަމަހުގެ ފަހު 10 ގައި މި މައްސަލަ ކުރިމަތި ކުރުވި ބަޔަކު އެކަން ކުރަނީ މި މާތް މައްސަރުގައި ރައީސް ނަޝީދު ގަތުލު ކޮށްލުމަށް ލޭ ހުއްދަ ކަމަށް ދެއްކުމުގެ ބޭނުމުގައި ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށް އެ ބަޔާނުގައިވެއެވެ.