ކޮވިޑް-19 ނުފެތުރޭ ރަށްތަކުގެ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުމުގެ ހުއްދަ ދިނުމަށް އިދިކޮޅު ކޯލިޝަން މިރޭ ސަރުކާރަށް ގޮވާލައިފިއެވެ.
އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، މި ރޯދަ މަހު ރާއްޖޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ފަރުޟު ނަމާދު ތަކާއި ސުންނަތް ނަމާދުތައް ކުރުމުގެ ފުރުސަތު ނުލިބުމަކީ އެ ކޯލިޝަނުން ކަންބޮޑުވާ ކަމެއް ކަމަށެވެ.
ރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ހުރިހާ ރަށެއްގެ މިސްކިތްތައް ބަންދުކޮށްފައި ހުރުމަކީ ރައްޔިތުންނަށް އޭގެ ސަބަބުން އަސަރު ކުރުވާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. ކޮވިޑް-19 ގެ އަސަރެއް ނުކުރާ އެތައް ރަށެއް ރާއްޖޭގައި އޮތްއިރު، އެ ރަށްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރެވެންވީ ސަބަބެއް ނެތް ކަމަށް އިދުކޮޅުން ބުނެއެވެ.
އެހެންކަމުން ކޮވިޑް-19 ނުފެތުރޭ ރަށްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ފުރުސަތު ދިނުމަށް ސަރުކާރަށް އެ ކޯލިޝަނުން ވަނީ ގޮވައިލާފައެވެ. އެ ފުރުސަތު ދޭއިރު ރައްޔިތުންގެ ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް ވެސް އެ ކޯލިޝަނުން ނެރުނު ބަޔާނުގައި ވަނީ ގޮވާލާފައެވެ.
ޖަމާއަތުގައި ނަމާދު ކުރެވޭ ގޮތް ހަދަން އިދިކޮޅު ކޯލިޝަނުން ގޮވާލާފައި ވާއިރު، މިސްކިތުގެ ޖަމާއަތުގައި ނަމާދު ނުކުރާ ނަމަވެސް ހުރިހާ މިސްކިތެއްގައި ވެސް ވަގުތަށް އަންނަނީ ބަންގި ގޮވަމުންނެވެ. ބަންގި އަށް ފަހު، ގޭގައި ނަމާދު ކުރުމަށް ދިވެހި ބަހުން ގޮވުމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ އަންގައިފައެވެ.
ހަލުވި ކަމާއެކު ފެރުރެމުންދާ ކޮވިޑް-19 ރާއްޖޭގައިވެސް ފެތުރެމުން ދާއިރު، މާލެ ފިޔަވައި ކޮވިޑް-19 ޖެހިފައިވާ މީހުން ފެނިފައިވަނީ ކ. ހިންމަފުޓާއި ނ. މަނަދޫގެ އިތުރުން ހއ. އުލިގަމާއި އެ އަތޮޅު ތަކަންދު އާއި ށ. ނަރުދޫ އާއި އެ އަތޮޅު މިލަންދޫގެ އިތުރުން ކ. ތުލުސްދޫންނެވެ.