ކޮވިޑް-19އާ ދެކޮޅަށް މަސައްކަތް ކުރާ ކޮންމެ އިދާރާއަކުން ވަނީ ވަކި ކޮންޓިންޖެންސީ ޕްލޭނެއް ހަދާފައިވާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް މިހެން ވިދާޅުވީ، މިރޭ ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ދަ ޕްރެސް'ގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އޭނާ ވިދާޅުވީ، ފްރޮންޓްލައިން ވޯކާސް (ކޮވިޑާ ގުޅިގެން މަސައްކަތް ކުރަމުންދާ ޓާސްކްފޯހުގެ އެކިއެކި ޓީމުތައް) ޕޮޒިޓިވް ވާނަމަ މަސައްކަތް ކުރާ ޓީމްތައް ސައިޒުން ކުޑަވާނެ ކަމަށެވެ. ނަމަވެސް އެ ޓީމްތަކުގެ މަސައްކަތް ކުރިއަށް ދަނީ އެ ގޮތަށްވެސް މަސައްކަތް ކުރެވޭނެ ޕްލޭންތައް ހެދިފައި ވާތީ ކަމަށެވެ.

މަބްރޫކް ވިދާޅުވީ، ކުރިއާލާ ހުރިހާ އިދާރާއަކުން މި ޕްލޭން ހަދާފައިވީ ނަމަވެސް މީހުން މަދުވީމައި މަސައްކަތް ސްލޯ (ލަސްވުން) ވާނެ ކަމަށެވެ. އަދި އެކަމަށް ކުރެވޭނެ މާބޮޑު ކަމެއް ނެތް ކަމަށާއި، ލަސް ވިޔަސް މަސައްކަތްތައް ނުހުއްޓި ކުރެވޭނެ ގޮތްތަކާ ބެހޭ ޕްލޭންތައް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވް ވާ ފްރޮންޓްލައިން ވޯކާސް، އަނބުރާ ދެން މަސައްކަތަށް ނިކުންނާނީ މި ބައްޔަށް އިމިއުން (އިތުރަށް ބަލި ޖެހުމުގެ ފުރުސަތު ކުޑަވުން) ވެސް ވެގެން، އެ ފަރާތްތަކުގެ ބޭނުން އިތުރަށް ހިފޭނެހެން ކަމަށެވެ.

މަބްރޫކް ވިދާޅުވީ، މިކަންތަށް ފެށިގެން އައި އިރުވެސް ކޮމިއުނިޓީ ސްޕްރެޑެއް އަތުވެއްޖެނަމަ، ފްރޮންޓްލައިން ވޯކާސްގެ ތެރެއިން ވެސް ޕޮޒިޓިވް މީހުން ފެންނާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ހުރިހާ އިދާރާތަކުން، މަސައްކަތް ކުރަމުން ދާ ފްރޮންޓްލައިން ވޯކާސް އެއްކޮށްލީމައި 199 މީހަކު ޖުމްލަ ޕޮޒިޓިވް ވެފައި ވާއިރު، މީގެ ތެރޭގައި ސިއްހީ ދާއިރާއާއި އަދި ސިއްހީ ދާއިރާއިން ބޭރު، ފްރޮންޓްލައިން ވޯކާސްވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ތެރެއިން އެންމެ ބޮޑު ދައްޗެއް ދިމާވީ ތަރައްގީ ކުރަމުން އައި ފެސިލިޓީއެއް (ކޮވިޑް ވިލެޖް) ތަރައްގީ ކުރުމުގައާއި މެޑިކަލް ރެސްޕޮންސްގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ. ކޮވިޑް ވިލެޖަކީ އެންމެ ގިނަ ބަޔަކު ޕޮޒިޓިވް ވި އެއް ކްލަސްޓާއެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، ފެށުނީއްސުރެ މަސައްކަތް ކުރަމުން ދަނީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތައް ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އަޅައިގެން ކަމަށާއި، އެ ފަރާތްތައް ޓެސްޓު ކުރުމާއި، ކަރަންޓީނު ކުރުމާއި އައިސޮލޭޓްވެސް ކުރަމުން ކަމަށެވެ. އެހެންކަމުން ފްރޮންޓްލައިން ސްޓާފެއް ޕޮޒިޓިވް ވުމާ ގުޅިގެން އޭނާގެ ކިބައިން ބަލި ޖެހޭ އެހެން ފްރޮންޓްލައިން ސްޓާފުންގެ އަދަދު މަދު ކުރެވޭނެ ކަމަށާއި، މިހާތަނަށް އައި އިރު އެގޮތަށް މަސައްކަތް ކުރެވި ރަނގަޅު ނަތީޖާތަކެއް ލިބިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ޑރ. އިބްރާހިމް އަފްޒަލް / ފޮޓޯ: ރައީސް އޮފީސް

މިކަމާ ގުޅިގެން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ޓްރެންޑް (ބަލި ޖެހޭ ގޮތް) ތަކަށް ބަލާއިރު، މޭ މަހުގެ 8 އަދި 9 ހިސާބުގައި ފްރޮންޓްލައިން ވޯކާސްގެ އަދަދު އިތުރުވެގެން ގޮސްފައި ވަނީ ފެނުނު ކްލަސްޓާ (ކޮވިޑް ވިލެޖް) އަކާ ގުޅިގެން ކަމަށެވެ. އަދި އެންމެ ގިނައިން ފެނުނު ދުވަހު ފެނިފައި ވަނީ 51 ކޭސް ކަމުގައި ވީ ނަމަވެސް އެއަށް ފަހު ފެނިގެން މިދަނީ އެ ނަންބަރު ދުވަހެއް ދުވަހަކަށް މަދުވަމުން އަންނަތަން ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިކަމާ ގުޅިގެން ހަރަކާތްތައް އިތުރުވި ކަމަށާއި، އެއީ ފްރޮންޓްލައިން ވޯކާސްއަށް އިތުރު ސަމާލުކަމެއް ދޭ ކަމުގެ އިންޑިކޭޝަނެއް (ނިޝާނެއް) ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ، އެންމެ ބޮޑަށް ނުރައްކަލަށް ހުށަހެޅޭނެ ބަޔަކީ ފްރޮންޓްލައިން ވޯކާސް ކަމަށެވެ. އަދި ކިތަންމެ ވަރަކަށް ސަލާމަތީ ފިޔަވަޅުތައް އެޅިކަމުގައި ވިޔަސް ބަލި ޖެހުމުގެ ޗާންސެއް (ފުރުސަތެއް) އޮންނާނެ ކަމަށާއި އެއްވެސް ފިޔަވަޅަކުން 100 ޕަސެންޓް ރައްކާތެރި ކަން ޔަގީން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ، ނަންބަރުތަކުން ފެންނަނީ ދުވަހެއް ދުވަހަކަށް ރޭޓް ދަށް ވަމުން ދާތަން ކަމަށެވެ. އަދިވެސް ރޭޓް ދަށަށް ދާތަން ފެންނާނެ ކަމަށާއި، ފްރޮންޓްލައިން ވޯކާސް، މި ބައްޔަށް (ކޮވިޑަށް) ހުށަހެޅުނު ކަމުގައި ވިޔަސް ބަލީގެ ޝިކާރައަކަށް ވެގެން ދާނީ މަދު ބަޔަކު ކަމަށް އޭނާ ވިދާޅުވިއެވެ. ޑރ. އަފްޒަލް ވިދާޅުވީ އެއީ މަސައްކަތުގެ ހަގީގަތް ކަމަށެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގައި ފްރަންޓްލައިންގައި ސިއްހީ ދާއިރާގެ ފަރާތްތަކުގެ އިތުރުން، ރެޑްކުރެސެންޓާއި، ސަލާމަތީ ބާރުތަކާއި، ކައުންސިލްތަކާއި، ކޮންސްޓްރަކްޝަން ބައެއް ކުންފުނިތަކާއި، ބިދޭސީންނާއި ލޭބަރުން މަސައްކަތް ކުރަމުން އެބަގެންދެއެވެ. އަދި ސަރުކާރުގެ ގިނަ އޮފީސްތަކަކުން ވޮލަންޓިއާ ކުރި މުވައްޒަފުންނާއި އޮފީސްތަކުން އަންގައިގެން ޓެގް ޓީމުތަކާއެކު މަސައްކަތް ކުރާ މީހުންނާއި އަމިއްލް ވޮލަންޓިއަރުންވެސް ހިމެނެއެވެ.