ރައީސާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރަތަކުން އުނިކުރާ މިންވަރު މިނިސްޓްރީ އޮޮފް ފިނޭންސުން ނިންމި ގޮތަށް ދަމަހައްޓަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކޮށްފިއެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އިއްޔެ އެގޮތަށް ފާސްކުރީ މުސާރަތައް ކުޑަ ކުރަން ކުރިން ކަނޑައެޅި މުއްދަތު ހަމަވާތީ ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ ގޮތަށް، ކުރިން އުނި ކުރަން ނިންމާފައިވާ މިންވަރަށް ވުރެން އިތުރަށް ބައެއް މަގާމުތަކުގެ މުސާރަ ކުޑަ ކުރުމަށެވެ.
އެގޮތުން ކޮމިޓީން ނިންމީ ފިނޭންސުން ނިންމިގޮތަށް، 20،000 ރުފިޔާ އިން 30،000 ރުފިޔާ އާ ދެމެދުގެ މުސާރަ ކަނޑައެޅިފައިވާ މަގާމުތަކުން 20 ޕަސެންޓް ކުޑަ ކުރުމަށާއި 30،000 ރުފިޔާ އާއި 60،000 ރުފިޔާ އާ ދެމެދުގެ މުސާރަތަކުން 30 ޕަސެންޓް ކުޑަ ކުރުމުގެ އިތުރުން 60،000 ރުފިޔާ އިން މަތީގެ މުސާރަތަކުން 35 ޕަސެންޓް ކުޑަ ކުރުމަށެވެ.
މި މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް އެ އުސޫލަށް އަމަލު ކުރަން ހުށަހެޅި ހުށަހެޅުން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން ރައީސާއި ނައިބު ރައީސާއި ވަޒީރުންނާއި މަޖިލީހުގެ މެންބަރުންގެ އިތުރުން ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރަތަކުން ކުޑަކުރަން ކުރިން ފާސްކޮށްފައި އޮތީ 20 ޕަސެންޓް އެވެ. ނަމަވެސް އޭރު އެ މުސާރަތައް ކުޑަކޮށްފައި ވަނީ ދެ މަހަށެވެ.