ބަންގަލަދޭޝް ސަރުކާރުން ރާއްޖެ އަށް ކާބޯތަކެއްޗާއި ބޭހާއި މެޑިކަލް އިކުއިޕްމަންޓް ހަދިޔާ ކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މިއަދު ރާއްޖެ އައި ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓުގައި ގެނައި ތަކެތީގެ ތެރޭގައި ހިމެނެނީ ފިޔައާއި ބިހާއި މުގާއި އަލުއްވާއި ކުކިން އޮއިލް އާއި ބަރަބޮލާއި ކަރައާއި ތޮރާ އަދި އަލަނާސިއެވެ. އޭގެ އިތުރުން އެ ފްލައިޓުގައި ރާއްޖެއަށް ބޭހާއި ބައެއް މެޑިކަލް އިކުއިޕްމަންޓުވެސް ބަންގްލަދޭޝުން ފޮނުވިއެވެ. އޭގައި 9 ޓަނުގެ ކާބޯތަކެތި ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވަނީީ ބަންގްލަދޭޝްގެ ސަރުކާރާއި ރައްޔިތުންގެ ދީލަތިކަމާއި ހިތްހެޔޮކަމަށްޓަކައި އެގައުމުގެ ބޮޑުވަޒީރު ޝެއިހް ހަސީނާއާއި ފޮރިން މިނިސްޓަރު އޭކޭއޭ އަބްދުލް މޫމިންއަށާއި ބަންގްލަދޭޝްގެ އެއާފޯސްއަށް ޝުކުރު އަދާކުރައްވާފައެވެ.

ބަންގަލަދޭޝުން މީގެ ކުރިން ވެސް ވަނީ ރާއްޖެ އަށް 100 ޓަނުގެ ބޭހާއި ކާބޯތަކެތި އަދި މެޑިކަލް ސާމާނު ހަދިޔާ ކޮށްފައެވެ.

ކާބޯތަކެއްޗާއި ބޭހާއި މެޑިކަލް އިކުއިޕްމަންޓް ހިފައިގެން މިއަދު އައި އަސްކަރިއްޔާގެ ފްލައިޓުގައި، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝްގެ 70 މީހަކު އަނބުރާ ގައުމަށް ފޮނުވާލާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.