ކޮވިޑް19 ޖެހިފައިވާ މާބަނޑު މީހާ ވިހޭ ދަރިފުޅުގެ ސާމްޕަލް ނެގެޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑޮކްޓަރު ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އެ ކުއްޖާ ވިހާފައި ވަނީ މި މަހުގެ 12ވަނަ ދުވަހުއެވެ. އެޗްޕީއޭ އިން ކުރިން ބުނެފައި ވަނީ ތައްޔާރު ކުރެވިފައި ވާ ޕްރޮޓޮކޯލްގެ ދަށުން އެ އަންހެން މީހާ ވިހޭ ދަރިފުޅު، ވިހޭތާ 24 ގަޑިއިރު ތެރޭ ކޮވިޑަށް ޓެސްޓް ކުރެވޭނެ ކަމަށެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ދަ ޕްރެސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެޗްޕީއޭގެ ޑޮކްޓަރު ނަޒްލާ ރަފީގު ވިދާޅުވީ އެކުއްޖާގެ ސާމްޕަލް ނަގާފައިވާ ކަމަށާއި އަދި އެކުއްޖާ ކޮވިޑަށް ނެގެޓިވް ވެފައިވާ ކަމަށެވެ.

އެމީހާ ވިހާފައި ވަނީ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. އަދި ކުއްޖާ ނެގީ ސިޒޭރިއަން ހަދައިގެންނެވެ. މި އަންހެން މީހާ ކޮވިޑަށް ޕޮޒިޓިވް ވިކަން އެނގުނީ މި މަހު ކުރީ ކޮޅުއެވެ. އެއީ މި މަހުގެ ފަސްވަނަ ދުވަހުއެވެ.

އެ ކޭސް އާ ގުޅިގެން އެ މީހާއަށް ފަރުވާ ދިން އައިޖީއެމްއެޗްގެ ނަރުހުންނާއި ޑޮކްޓަރުންވެސް ކަރަންޓީން ކުރެވި ޓެސްޓް ވަނީ ހަދާފައެވެ. އަދި އެންމެންގެ ނަތީޖާވެސް ވަނީ ކޮވިޑަށް ނެގެޓިވް ވެފައެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރޭގައި މާބަނޑު ދެ މީހަކު ހިމެނެއެވެ.