ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން އިތުރު އެކަކު ރަނގަޅު ވެއްޖެއެވެ.

މިއަދު ކުރިން ވަނީ 9 މީހަކު ބަލިން ރަނގަޅު ވި ކަން އިއުލާން ކޮށްފައެވެ. ނަމަވެސް މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވަނީ މިއަދު ބަލިން ރަނގަޅުވި މީހުންގެ އިތުރުން، އިތުރު އެކަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ވިދާޅުވެފައެވެ. އެހެން ކަމުން މިއަދު ވަނީ ޖުމްލަ 10 މީހަކު ބަލިން ރަނގަޅު ވެފައެވެ.

އިތުރު 10 މީހަކު ރަނގަޅު ވެފައި ވާއިރު، ރޭ ވަނީ ހަތަރު މީހަކު ރަނގަޅު ވެފައެވެ. އަދި މިމަހުގެ 14 ވަނަ ދުވަހުވެސް ވަނީ 8 މީހުން ރަނގަޅު ވެފައެވެ. އަދި އެއީ ހުސް ދިވެހިން ކަމަށް އެޗްޕީއޭން ބުނެއެވެ.

މި ބަލިން 58 މީހަކު މިހާތަނަށް ރަނގަޅުވި އިރު މިއަދުވެސް 47 މީހަކަށް ރާއްޖެއިން ވަނީ ކޮވިޑް ޖެހިފައެވެ. އެއާ އެކު މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1078 އަށް ވަނީ އަރާފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން ހަތަރު މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.