ނިއު ނޯމަލް އަށް މާލެ ތައްޔަރު ވުމުގެ ގޮތުން މާލޭގެ އާންމު ތަންތަނުގައި ސޯޝަލް ޑިސްޓެންސިން އަންގައިދޭ ފާހަގަ ތަކެއް މާލޭ ސިޓީ ކައުންސިލުން މިއަދު ޖަހަން ފަށައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ އާންމު ތަންތަނުގައި ސޯޝަލް ޑިސްޓެންސިންގެ މިންގަނޑު ހިފެހެއްޓުމަށް އަންގައިދިނުމުގެ ގޮތުން މާލޭގެ މަގުތަކުގައި ޖަހާ ފާހަގަ ތައް ޖަހަންފަށާފައި ވަނީ ނިއު ނޯމަލް އަށް ތައްޔާރު ވުމުގެ ގޮތުންނާއި ގިނަ އާންމުން އެކަކަމަށް އެދެމުންދާތީ ކަމަށެވެ.

މިއަދު ފަށާފައިވާ އެ މަސައްކަތް ހުއްޓާ ނުލާ މަޑުމަޑުން ކުރިއަށް ގެންދާނެ ކަމަށާއި މިއަދު އެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ މަޖީދީމަގާއި ސޯސަން މަގުގައި ކަމަށް ޝިފާ ވިދާޅިވިއެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި މާލޭގެ ބޮޑެތި ހުރިހާ މަގުތަކެއްގައި އެ މަސައްކަތް ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި ކުދި މަގުތައް ނުވަތަ ޕޭމަންޓް ނުހުންނަ މަގުތަކުގައި އެގޮތަށް އަމަލު ކުރަން އުނދަގޫ ނަމަވެސް އެކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޝިފާ ވިދާޅުވިއެވެ.

ފާހަގަ ތައް ޖަހުމުގައި އެންމެ އިސްކަމެއް ދެނީ އާންމުން އެންމެ ގިނައިން އެއްވެ އުޅެ، ޒަރޫރީ ބޭނުންތަކަށް ގޮސް އުޅޭ ތަންތަނުގައި ކަމަށް ޝިފާ ވިދާޅުވިއެވެ. އޭގެ ތެރެއިން މާރްކޭޓް ތަކާއި މޯލްފަދަ ތަންތަން ހިމެނެއެވެ.

އެކަކު އަނެކަކާ ބަހައްޓަންޖެހޭ ދުރުމިން އަންގައިދޭން ރީނދޫ ކުލައިން ވަށް ބުރުތަކެއް މަގުމަތީގައި ކުރަހާފައި ވާއިރު، ޒަރޫރީ ބޭނުންތަކަށް ފިހާރަތަކަށް ދާމީހުން ދެން އުޅެންވާނީ ގައިދުރު ކަމާއެކުގައެވެ.

ކުރިއަށް އޮތް ދުވަސްތަކުގަައި ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކޮށް، ޕީކް އެއް އައިސްދާނެ ކަމަށް ބަލާ ފިހާރަތަކަށް ދިއުމަށް ހުއްދަ ދޭ އުސޫލު މިހާރު ވަނީ ހަރުކަށިކޮށްފައެވެ. މިއީ މާލެ ސަރަހައްދު ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ.

ކޮވިޑް-19ގެ ސަބަބުން މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި ވަނީ ކޮވިޑް.19 އަކީ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔަކަށް ވާތީއެވެ. އާންމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމާ އެކު، އާންމު ގައިދުރު ކަމަށް ސިއްހީ މާހިރުންވެސް ދަނީ ލަފާ ދެމުންނެވެ.