އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ހައިވޭއެއްގައި 2 ޓްރަކެއް ޖެހިގެން ހިނގި އެކްސިޑެންޓްގައި މަރުވި މީހުންގެ އަދަދު 23 އަށް އަރައިފިއެވެ.

ހިޖުރަވެރި މަސައްކަތްތެރިން ދަތުރު ކުރަމުންދިޔަ ޓްރަކްއަކާ، ސްކޫލާ އޮފީސްތަކުގައި ބޭނުން ކުރާ ސާމާނު އުފުލާ ޓްރަކެއް ޖެހިގެން މިއަދު ހިނގި އެކްސިޑެންޓްގައި މަރުވެފައިވަނީ މުޅިންވެސް ހިޖުރަވެރި މަސައްކަތްތެރިން ކަމަށް މައުލޫމާތު ލިބެއެވެ.

މެޖިސްޓްރޭޓް އަބީޝޭކް ސިންހް ވިދާޅުވީ މި ހާދިސާގައި އިތުރު 20 މީހަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާކަމަށެވެ. އޭނާ ވިދާޅުވީ، ހިޖުރަވެރި މަސައްކަތްތެރިންނަކީ ވެރިރަށް ނިއު ދިއްލީއާއި، ބިހާރު އަދި ޖާރުހާންދްއާއި ވެސްޓް ބެންގޯލްގައި ހުރި އެމީހުންގެ އަމިއްލަ ގެދޮރަށް ދަތުރުކުރަމުންދިޔަ މީހުން ކަމަށެވެ.

ބޮޑެތި ސިޓީތަކުގައި މަސައްކަތް ކުރަމުންދާ ގިނަ އަދަދެއްގެ ހިޖުރަވެރި މަސައްކަތްތެރިން އެނބުރި އެމީހުންގެ އަމިއްލަ ވަޒަންތަކަށް ބަދަލުވާން ފަށާފައިވަނީ ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް އިންޑިއާގައި ތަންފީޒު ކުރަމުންދާ ލޮކްޑައުން އަމުރާއެކު އިގުތިސޯދީ ހަރަކާތްތައް ހުއްޓި، ވަޒީފާ ގެއްލުމުގެ ސަބަބުންނެވެ.