އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ ހޮސްޕިޓަލެއްގެ މެޓާނިޓީ ވޯޑަށް ދިން ހަމަލާގައި 24 ފުރާނަ ގެއްލިދިޔައިރު އޭގެ ތެރޭގައި އަންހެނުންނާ، ކުޑަކުދިންގެ އިތުރުން އަލަށް އުފަންވި ކުދިންވެސް ހިމެނެއެވެ.

ހަމަލާ ދިން ފަރާތުން ޖެހި އުންޑަތައް އަރާފައިވާ ހޮސްޕިޓަލުގެ ވޯޑު ތެރެއަށް، އަފްގާނިސްތާނުގައި ހަރަކާތްތެރިވާ މެޑިސިން ސާންސް ފްރޮންޓިއާޒް (އެމް.އެސް.އެފް)ގެ ހެޑް އޮފް ޕްރޮގްރާމްސް ފްރެޑެރިކް ބޯނޮޓް ވަދެގެން ދިޔައިރު އޭނާއަށް ފާހަގަވީ އާދަޔާ ހިލާފު ކަންތައްތަކެކެވެ.

ކާބުލްގެ ދާޝްތީ ބާޗީ ހޮސްޕިޓަލުގެ މެޓާނިޓީ ވޯޑަށް ދެވެން އޮންނަނީ ގިނަ އަދަދެއްގެ އެހެން ވޯޑުތަކެއް ކަޑަތު ކުރުމަށް ފަހުގައެވެ.

މިކަމުން ބޯނޮޓްއަށް ލިބުނީ އެންމެ މެސެޖެކެވެ. އެއީ މި ހަމަލާގެ އަމާޒަކީ "އޮޅުމަކަށް" ނުވާ ކަމެވެ.

"ކަނޑައެޅިގެން މައިންނަށް އަމާޒުކޮށް ހަމަލާ ދީފައި ހުރިކަން ފާހަގަކުރެވޭ" ބޯނޮޓް ބުންނެވެ.

"ހޮސްޕިޓަލު ތެރެއަށް ވަދެގެން ގޮސް މެޓާނިޓީ ވޯޑުގެ ކޮޓަރިތަކުގައި ތިބި މައިންނަށް ހަމަލާދީފައިވަނީ އެމީހުންގެ އެނދުތަކުގައި ތިއްބާ. އެއީ ވަރަށް ރާވައިގެން ކުރި ކަމެއް. އެމީހުން އައީ ހަމަ މައިން މަރަން" ބޯނޮޓް އިތުރަށް ތަފްސީލުކޮށްދިނެވެ.

ހަމަލާތައް ފެށުނުއިރު އަމީނާގެ އުމުރުން އަދި ވީ އެންމެ 2 ގަޑިއިރެވެ.

އެއީ ބީބީ ނާޒިއާއާއި އޭނާގެ ފިރިމީހާ ރާފިއުﷲގެ 3 ވަނަ ދަރިފުޅެވެ. ދޮއްޓަށް ހުރީ އަންހެން ކުއްޖަކާ ފިރިހެން ކުއްޖެކެވެ.

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ މެޓާނިޓީ ވޯޑަކަށް ދިން ހަމަލާއާއި ގުޅިގެން އެ ވޯޑުގެ ތަޅުންގަނޑުގައި ލޭގެ ކޯރެއް ހެދިފަ/ފޮޓޯ: ހެރާލްޑް ސަން

ނާޒިއާ ހޮސްޕިޓަލަށް ދިޔައީ އޭނާގެ މަންމައާއިއެކުގައެވެ. އަމީނާ ވިހެއީ 08:00 ހާއިރުއެވެ. އެ ދުވަހަކީ ރާފިއުﷲގެ ހާޔަތުގައި މުނާސަބު ދުވަހަކަށް ވާން އޮތް ދުވަހެކެވެ. ނަމަވެސް 10:00 ހާއިރު ހޮސްޕިޓަލު ގުގުމާލީ ބަޑީގެ އަޑުފަށްގަނޑުންނެވެ. އާއިލާއާއި ރަހުމަތްތެރިން ތިބި މީހުން ކޮޅުކޮޅު މައްޗަށް ދުވަން ފެށިއެވެ. އޭގެ ތެރޭގައި ރާފިއުﷲ ވެސް ހިމެނެއެވެ.

"އޭނަ އެއްކޮޅަށް ގޮސް އަނެއް ކޮޅަށް ގޮސް... އެކަހަލަ ގޮތަކަށް އުޅުނީ. އެކަމަކު ކުރެވުނު ހަމަ އެއްކަމެއްވެސް ނެތް. އެއްވެސް މީހަކު އޭނާ އެތެރެއަށް ނުވެއްދި" ރާފިއުއްﷲގެ ދެބެންގެ ދެދަރި ހާމިދުﷲ ހާމިދީ، ބައިނަލްއަގުވާމީ މީޑިއާއަށް ކިޔައިދިނެވެ.

2014 ވަނަ އަހަރުން ފެށިގެން އެމް.އެސް.އެފްއިން ބަލަހައްޓަމުންދާ ހޮސްޕިޓަލުގެ 55 އެނދުގެ މެޓާނިޓީ ޔުނިޓް ތެރޭގައި ހަމަލާދެމުން ދިޔައީ 3 މީހެކެވެ. އޭރު އެތަނުގައި މާބަނޑު މީހުންނާ، ވިހައިގެން ތިބި މީހުން ހިމެނޭ ގޮތަށް 26 "މަންމައިން" ވެސް ތިއްބެވެ. ސަލާމަތުން ކޮޓަރިތަކެއްގެ ތެރެއަށް ވަދެވުނީ މީގެ ތެރެއިން 10 މީހަކަށެވެ. އަނެއް 16 މީހުންނަށް އެ ނަސީބެއް ނުލިބުނެވެ. ބީބީ ނާޒިއާއާއި އޭގެ 2 ގަޑިއިރެއްހާއިރު ކުރިން ވިހޭ އާމިނާ ހިމެނުނީ ފަހުން މި ދެންނެވި ގިންތީގައެވެ.

މަރުވި 16 މައިންގެ ތެރެއިން 3 މަޔަކަށް ހަމަލާ ދީފައިވަނީ ވިއްސާ ކޮޓަރި ތެރޭގައެވެ. އެމީހުންގެ ބަނޑަށް ދަރިންވެސް މަރާލީއެވެ.

ތުއްތު އާމިނާގެ ހަށިގަނޑަށްވެސް ބަޑީގެ ހަމަލާ އަމާޒުވިއެވެ. ވަޒަން އަރާފައި ހުރީ އާމިނާގެ ތުއްތު ތުއްތު ފަޔަށެވެ. މި ހަމަލާގައި ތުއްތު 5 ކުއްޖަކު ޒަހަމްވިއެވެ. 2 ފިރިހެން ކުއްޖަކު މި ދުނިޔެއަށް ފަހުގެ ނޭވާ ދުށްކޮލިއެވެ. ފޫޅުމައިމީހާވެސް މަރުވިއެވެ.

އެތަނުގައި ހުރި އެކަކީ ޚަދީޖާއެވެ. ހަމަލާ ދެމުންދިޔަ މީހުންގެ ތެރެއިން މީހަކު، އޭނާ ގެންގުޅުނު ހަތިޔާރު، ޚަދީޖާއަށް އަމާޒުކުރިއެވެ. އިރުކޮޅެއް ނުވެ އިތުރު ދެމީހެއްގެ ގަޔަށް ބަޑިޖެހިއެވެ.

އަފްގާނިސްތާނުގެ ރައީސް އަޝްރަފު ޣަނީ/ފޮޓޯ: ރޮއިޓާޒް

މެޓާނިޓި ވޯޑުގައި ތިބި ޕޭޝަންޓުންނާ ހޮސްޕިޓަލުގެ މުވައްޒަފުން ހިސާބެއްގެ ހިމާޔަތުގައި ތިބިއިރު، އަފްގާނިސްތާނުގެ ސަލާމަތީ ބާރުތަކާ ހަނގުރާމަވެރިންނާ ދެމެދު ހަމަލާ ބަދަލުކުރުންތައް ކުރިއަށްދިޔައެވެ. 4 ގަޑިއިރެއްހާއިރަށް ހަމަލާތައް ދެމިގެން ދިޔައެވެ. ހަމަލާ ބަދަލުކުރުން ތަކުގެ ތެރޭގައިވެސް ކުއްޖަކު އުފަންވިއެވެ.

"އަހަރަމެންގެ އަމިއްލަ އަތުން އެ މަންމައަށް އެހީވީ، އަހަރަމެން ހިމާޔަތަށް ވަދެތިބި ކޮޓަރިގަނޑުގެ ތެރޭގަ. ހުސް އަތާ ތިބީ. އިތުރު އެއްވެސް އެއްޗެއް ނެތް. ހުރިހާވެސް އެއްޗަކީ ޓޮއިލެޓް ޕޭޕަރާ، ބޮލުގައި އޮތް ބުރުގާ. ދަރިފުޅު އުފަންވުމުން ފޫޅު ބުރިކޮށްލީވެސް އަމިއްލަ އަތުން. މަންމައާއި ދަރިފުޅު ނިވާ ކުރީ ބުރުގާއިން" އެ ކޮޓަރީގައި ހުރި ފޫޅުމަޔަކު ކިޔައިދިނެވެ. ވިހެއުމުގެ ވޭންވަރުގައިވެސް ޗުއްޕުވެސް ނުބެނެވޭތޯ އެ މަންމަ ބެލިކަމަށްވެސް ފޫޅުމާ ކިޔައިދިނެވެ.

"ރައްކާތެރިކަމަށް ވަތް ކޮޓަރިތަކަށް ވަދެވުނު މީހުނ އެތަނުން ނިކުތް އިރު ފާރުތައް ވަނީ ލެއިން ފޯވެފަ. ތަޅުންގަނޑުގައި ދެމުންދިޔައީ ލޭގެ ކޯރުތައް. ވެހިކަލްތަކުގައި ވަނީ ހުޅުޖަހާ ރޯކޮށް، އަންދާލާފަ" ބޯނޮޓް ކިޔައިދިނެމެވެ

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަމަނުޖެހުންތައް ހިންގަމުންދިޔަ ކަމުގައި ވީ ނަމަވެސް އަފްގާނިސްތާނަކީ އެންމެ ހިތިކަން ތަޖުރިބާކުރި އެއް ގައުމެވެ. ނަމަވެސް މިއީ އަފްގާނިސްތާނަށްވެސް އިންތިހާ ހައިރާންކަން ގެނުވި ރަހުމްކުޑަ ހަމަލާއެކެވެ.

މި ހަމަލާގައި މަރުވެދިޔަ ބީބީ ނާޒިއާގެ ދަރިފުޅު އަމީނާ ދުނިޔޭގައި އެބައޮތެވެ. އޭނާއަށް މިހާރުވެސް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައެވެ. ސާޖަރީއެއްވެސް ވަނީ ހަދާފައެވެ.