ކޮވިޑް-19 އާ ގުޅިގެން އެއްވެސް ފަރާތެއް ކަރަންޓީން ކުރުމުގެ ނުވަތަ އެކަހެރި ކުރުމުގެ ބާރު ކައުންސިލްތަކަށް ލިބިދީފައި ނުވާކަމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީން އަންގާފައި ވާތީ ކަރަންޓީން އަދި އެކަހަހެރި ކުރުމަށް މަޑުއްވަރީ ކައުންސިލްގެ ފަރާތުން މިހާތަނަށް އަންގާފައިވާ އެންގުން ތަކަކީ ބާތިލް އެންގުން ތަކެއް ކަމަށް އެ ކައުންސިލުން ބުނެފިއެވެ.

މަޑުއްވަރީ ކައުންސިލުން މިއަދު ނެރުނު އިއުލާނުގައި ބުނެފައި ވަނީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިދިޔަ އޭޕްރިލް މަހުގެ 20 ވަނަ ދުވަުގައި ނެރެފައިވާ އެންގުމުގައި ވާ ގޮތުގެ މަތިން ލޯކަލް ކައުންސިލް އިހްތިސޯސް ހިނގާ ސަރަހައްދުތަކުގައި ކޮވިޑް-19 ފެތުރުމުގެ ފުރުސަތު އޮތް މިންވަރާއި ހާލަތަށް ރިއާއަތްކޮށް އެޗްޕީއޭއިން ކަނޑައަލާފައިވާ އުސޫލުތަކާ ހިލާފު ނުވާނެ ގޮތުގެ މަތިން ލޯކަލް ކައުންސިލް އިހްތިސޯސް ހިނގާ ސަރަހައްދުތަކުގައި އެއްވެ އުޅުން ހުއްޓުވުމަށާއި ގައި ދުރުކަން ގާއިމް ކުރުމަށް ފިޔަވަޅުތައް އެޅުމަށް ކައުންސިލް ތަކަށް އަންގާފައިވާ ކަމަށެވެ.

އެގޮތުގެ މަތިން މަޑުއްވަރީ ޓާސްކް ފޯހުގެ ފަރާތުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ މަގްސަދުގައި މީހުން ދިރިއުޅޭ ރަށެއްގައި ގާއިމްވެ ހުރުމަށް ފަހު އަންނަ ފަރާތްތައް 14 ދުވަހު ގޭގައި މަޑުކުރުމަށް އެންގި ކަމަށެވެ. އަދި މަޑުއްވަރީ ޓާސްކް ފޯހުގެ ފަރާތުން އެ ނިންމުން ނިންމީ ވަނީ ކޮވިޑް-19 ރޯގާ މާލެއާއި އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ހަލުވިކަމާއެކު ފެތުރެމުންދާ މިންވަރަށް ރިއާއަތް ކުރުމަށް ފަހުގައި ކަމަށް އެ ކައުންސިލުން ބުނެއެވެ.

އަދި މީގެ ކުރިން އެ ރަށުން ވަނީ މީހުން އެކަހެރިކޮށް ނުވަތަ ކަރަންޓީން ކުރުމަށް ނިންމާ އެންގުން ދީފައެވެ. ނަމަވެސް އެ އެންގުންތައް އެންގުމާ އެކު ލޯކަލް ގަވަމަންޓް އޮތޯރިޓީން ވަނީ އެ ކައުންސިލަށް ސީޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ވަނީ އެއްވެސް ފަރާތެއް ކަރަންޓީން ކުރުމުގެ ނުވަތަ އެކަހެރި ކުރުމުގެ ބާރު ކައުންސިލުތަކަށް ލިބިދީފައި ނުވާ ކަމަށެވެ.