ކޮވިޑް-19 ފެތުރެމުންދާތީ މާލެ ލޮކްޑައުން ކޮށްފައިވާ ހާލަތުގައި ލޮކްޑައުންގެ އަމުރާ ހިލާފުވެ ކޮންމެ ދުވަހަކު އެތައް ބަޔަކު ޖޫރިމަނާކޮށް މިއަދާ ހަމައަށް ޖުމްލަ 3892 މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ލޮކްޑައުންގެ އަމުރާ ހިލާފުވެގެން ޖޫރިމަނާ ކޮށްފައިވާ ޖުމްލަ މީހުންގެ އަދަދަކީ 3892 ކަމަށާއި އެއީ މާލެއިން 3349 މީހުންނާއި، ހުޅުމާލެއިން 451 މީހުންނާއި، ވިލިމާލެއިން 92 މީހުން ކަމަށެވެ. އަދި މިހާތަނަށް ލޮކްޑައުންގެ ހާލަތުގައި މަގުމަތީ އުޅެގެން ހައްޔަރުކޮށްފައި ވަނީ ޖުމްލަ 210 މީހުން ކަމަށްވެސް ފުލުހުން ބުނެއެވެ. އެއީ މާލެއިން 191 މީހުންނާއި ހުޅުމާލެއިން 17 މީހުންނާއި ވިލިމާލެއިން 2 މީހުންނެވެ.

އިއްޔެ ލޮކްޑައުންގެ އަމުރާ ހިލާފުވެގެން 3 މީހަކު ހައްޔަރު ކޮށް 68 މީހަކު ޖޫރިމަނާ ކޮށްފައިވެއެވެ. އެ ގޮތުން އިއްޔެ ހައްޔަރު ކުރި 3 މީހުނަކީ މާލެއިން 2 މީހުންނާއި ހުޅުމާލެއިން އެކަކެވެ. އިއްޔެ ޖޫރިމަނާ ކުރި 68 މީހުންގެ ތެރެއިން މާލެއިން ޖޫރިމަނާ ކޮށްފައި ވަނީ 62 މީހުންނެވެ. ހުޅުމާލެއިން ޖޫރިމަނާ ކޮށްފައި ވަނީ 2 މީހުން އަދި ވިމާލެއިން 4 މީހުންނެވެ.

މާލެ ސިޓީ ލޮކްޑައުން ކޮށްފައިވަނިކޮށް، ބޭރުގައި އުޅުނު މީހަކު ހުއްޓުވާފައި / ފޮޓޯ: ޕޮލިސް

މާލެ ލޮކްޑައުންގެ ހާލަތަށް ގެންގޮސްފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހެވެ.

ލޮކްޑައުންގެ އަމުރާ ހިލާފުވެގެން ވޭތުވެ ދިޔަ 10 ދުވަހުގެ ރެކޯޑު:

  • 14 މެއި - 68 މީހުން ޖޫރިމަނާކޮށް، 3 މީހުން ހައްޔަރު ކުރި
  • 13 މެއި - 114 މީހުން ޖޫރިމަނާކޮށް، 10 މީހުން ހައްޔަރު ކުރި
  • 12 މެއި - 151 މީހުން ޖޫރިމަނާކޮށް، 4 މީހުން ހައްޔަރު ކުރި
  • 11 މެއި - 137 މީހުން ޖޫރިމަނާކޮށް، 6 މީހުން ހައްޔަރު ކުރި
  • 10 މެއި - 157 މީހުން ޖޫރިމަނާކޮށް، 7 މީހުން ހައްޔަރު ކުރި
  • 9 މެއި - 201 މީހުން ޖޫރިމަނާކޮށް، 9 މީހުން ހައްޔަރު ކުރި
  • 8 މެއި - 220 މީހުން ޖޫރިމަނާކޮށް، 9 މީހުން ހައްޔަރު ކުރި
  • 7 މެއި - 170 މީހުން ޖޫރިމަނާކޮށް، 9 މީހުން ހައްޔަރު ކުރި
  • 6 މެއި - 177 މީހުން ޖޫރިމަނާކޮށް، 13 މީހުން ހައްޔަރު ކުރި
  • 5 މެއި - 140 މީހުން ޖޫރިމަނާކޮށް، 3 މީހުން ހައްޔަރު ކުރި
މާލެ ސިޓީ ލޮކްޑައުން ކޮށްފައިވަނިކޮށް، ބޭރުގައި އުޅުނު ބަޔަކު ހުއްޓުވާފައި / ފޮޓޯ: ޕޮލިސް

ވޭތުވެ ދިޔަ 10 ދުވަހުގެ ރެކޯޑަށް ބަލާއިރު ލޮކްޑައުންގެ އަމުރާ ހިލާފަށް ހުއްދަ ނެތި މަގުމަތީ އުޅެގެން އެންމެ ގިނަ މީހުން ހައްޔަރު ކޮށްފައިވަނީ 13 މީހުން އެއީ މެއި މަހުގެ 6 ވަނަ ދުވަހެވެ. އަދި އެންމެ ގިނަ މީހުން ޖޫރިމަނާ ކޮށްފަިއވަނީ 220 މީހުން، އެއީ މެއި މަހުގެ 8 ވަނަ ދުވަހެވެ.

ހާއްސަ ހުއްދައެއް ނަަގައިގެން ބޭރަށް ދިއުމުގެ ފުރުސަތު ހުޅުވާލައި، އަދި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ގޭގެއަށް ޑެލިވަރީ ކޮށްދެމުން ދާއިރުވެސް ކޮންމެ ދުވަހަކު އެހާ ގިނަ އަދަދަކަށް މީހުން ލޮކްޑައުންގެ އަމުރާ ހިލާފް ވަމުން އަންނަ ކަން ވަނީ ފާހަގަވެފައެވެ. ސިއްހީ މާހިރުން ގޭގައި ތިބުމަށް ނަސޭހަތް ދެމުން އަންނަ އިރު ރާއްޖޭގައި މިހާރު މި ބަލި ޖެހޭ މީހުންގެ އަދަދު ވަނީ 982 އަށް އަރާފައެވެ.

އަދި ބަލިން ރައްކާތެރި ވުމުގެ ގޮތުން މާލެ ލޮކްޑައުންކޮށްފައިވާ މުއްދަތު ވަނީ މި މަހުގެ 28 އަށް އިތުރުކޮށްފައެވެ. ހަމައެއާއެކު ކުރިއަށް އޮތް ދެ ހަފްތާގެ މުއްދަތަށް މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ ސިނަމާލެ ބްރިޖް 8 ގަޑިއިރަށް އާންމުންންށް ދަތުރު ނުކުރެވޭނެ ގޮތަށް ވެސް ވަނީ ބަންދުކޮށްފައެވެ. އެ ގޮތުން ކޮންމެ ރެއެއްގެ ދަންވަރު 1:00 އިން ފެށިގެން ހެނދުނު 9:00 އަށް ބްރިޖު މަތިން އާންމުންނަށް ދަތުރު ނުކުރެވޭނެއެެވެ. އަދި ކުރިއަށް އޮތްތަނުގައި ބަޒާރުކުރުމަށް ދޭ ހުއްދަ ދެވޭނީ ހަފްތާއަކު އެއްފަހަރު ކަމަށްވެސް ވަނީ ނިންމާފައެވެ.