ކ. ކާށިދޫން ފުރައިގެން މާލެ އައި ދޯންޏެއް އިންޖީނު ހުއްޓި މާލެ ހުޅަނގު ފަރާތުން ވެސްޓްޕާކު ތޮށިގަނޑަށް ލައްވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ އެ ދޯނި މާލެ އައީ 4 މީހުންނާ ބައެއް ކަހަލަ ކާބޯތަކެއްޗާ އެކު ކަމަށެވެ. އެދޯނި އިންޖީނު ހުއްޓި އޮޔާ ލައްވަމުން ގޮސް މާލޭ ވެސްޓް ޕާކާ ދިމާ ތޮށިގަނޑަށް ލައްވާތައް ވީޑިއޯއިން ފެނެއެވެ. އޭރު އެ ދޯނީގައި ހުރި ކާބޯތަކެތީގެ ބާވަތްތައް ކަނޑަށް އެޅި އޮޔާ ދެއެވެ.
އޭގެ ތެރޭގައި ގިނަ އަދަދެއްގެ ބިލެތާއި ފަތްކެޔޮ ހިމެނެއެވެ. އަދި ފަތްކެޔޮ ގަނޑުތައް މޫދަށް ފައިބައިގެން ދާއިރު ދޯނީގައި ގިނަ އަދަދެއްގެ ފަތްކޭލާއި އެޒާތުގެ ބައެއް އެއްޗެހި ހުރިތަންވެސް ފެނެއެވެ.
އެންއެންޑީއެފުން ބުނީ، އެދޯނިން ކަނޑަށް އެޅުނު ތަކެތި އެސަރަހައްދުން އޮޔާ ދާތީ، އެ ސަހަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށެވެ. ހަމަ އެއާއެކު އޮޔާދާ ބައެއް ތަކެތި އެމްޕީއެލް ސަރަހައްދަށްވެސް ދަނީ ލައްގަމުންނެވެ. އޭޑީކޭ ކުންފުނީގެ ވެރިޔާ (އޭޑީކޭ ނާޝިދު) ވަނީ ވީ އެތަކެތި ލައްގާ ވީޑިއޯ ޓްވިޓާގައި ހިއްސާ ކުރައްވާފައެވެ.
އެމްއެންޑީއެފުން ބުނީ، ދޯނި އިންޖީނު ހުއްޓި ލައްވަމުން ދާ ކަމުގެ މައުލޫމާތު ލިބިގެން މިއދު 1 ޖހާ ހާއިރުން ފެށިގެން ހަރަކާތްތެރިވަމުން ދާ ކަމަށެވެ.
އަދި އެދޯނީގައި 4 މީހުން ތިބި އިރު އެ އެންމެންވެސް ވަނީ ސަލާމަތުން އެއްގަމަށް އަރާފައި ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މިންވަރު ނަމަކަށް ކިޔާ އެދޯނި ސަލާމަތް ކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފުން ކޯސްޓްގާޑުން ދަނީ ހަރަކާތްތެރި ވަމުންނެވެ.
އެމްއެންޑީއެފުން ބުނީ މިދުވަސްވަރަކީ މޫސުން ގޯސް ދުވަސް ވަރަކަށް ވުމާއެކު ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށެވެ. މޫސުން ގޯސްވުމާ ގުޅިގެން ކަނޑުމަތީގެ ތަފާތު ހާދިސާތަައް ހިނގަމުންދާ ކަމުގެ މައުލޫމާތު ލިބޭ ކަމަށާއި، ކަނޑުދަތުރު ކުރާ އުޅަނދުގެ އޮޑިވެރިންނާއި، ކެޕްޓަނުން، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމަތު ސާފު ކުރުމަށްވެސް އިލްތިމާސް ކުރާ ކަމަށެވެ.
އަދި އުނޅަދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި، ދިޔަ ހިއްކާ ޕަންޕު ފަދަ ނިޒާމްތައް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި އުނޅަދުގައި މީހުން އުފުލުމަށް ހުއްދަ އޮތް މިނަވަރަށް ވުރެއް ގިނައިން މީހުން ނޫފުލުމާއި، އުނޅަދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ ބޮޑަށް ބަރު ނުކުރުމަށް ވެސް އެމްއެންޑީއެފުން އިލްތިމާސް ކުރެއެވެ. އަދި ހާއްސަ ކޮށް އަނގަމަތީ ކުދި އުޅަނދުތަކާއި ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ދަތުރު ކުރާ އިރު ސަމާލު ވުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
ކަނޑު މަތީ ގައި އެއްވެސް ހާދިސާއެއް ހިނގާފިނަމަ ލަސް ނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑް ހިލޭ ގުޅޭ ނަމްބަރު 191 އަށް ގުޅުމަށް އެމްއެންޑީއެފުން އެދެއެވެ.