އައްޑޫ ސިޓީގައި ވިޔަފާރި ކުރުމުގެ އުސޫލުތަކަށް ބަދަލު ގެނެސްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ، އައްޑޫގައި ހުޅުވާފައި ބެހެއްޓޭނީ، އައްޑޫގެ ސޯޝަލް ސަޕޯޓް ޑެސްކް (އެސްއެސްޑީ) ތަކުން ހުއްދަދޫކުރާ ފިހާރަތައް ކަނޑައެޅޭ ވަކި ވަގުތުތަކުގައި ހުއްދައާއެކު ކަމަށެވެ.

އެގޮތުން ފިހާރަތައް ހުޅުވައިގެން ހިދުމަތް ދެމުން ގެންދެވޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ހަވީރު 3:00 އަށަ ކަމަށާއި، ހުކުރު ދުވަހު ހެނދުނު 08:00 އިން 11:00 އަށް، އަދި މެންދުރުފަހު 1:30 އިން ހަވީރު 3:00 އަށް ކަމަށް އެ އިއުލާނުގައިވެއެވެ. އެ އިއުލާނުގައި ބުނީ، މިވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި އެއަވަށެއްގެ ސޯޝަލް ސަޕޯޓު ޑެސްކުގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށެވެ.

މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުން ވަނީ ވިޔަފާރިކުރުމުގެ ބޭނުމަށް އެއްއަވަށުން އަނެއްއަވަށަށް ދަތުރުފަތުރު ކުރުމާއި އާއްމު ފަރާތްތަކުންނާއި ވިޔަފާރިތަކުން ވިޔަފާރި ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގައިޑްލައިނެއް ވެސް އެކުލަވާލާފައެވެ. އެގޮތުން ހިތަދޫގައި އުޅޭ ރައްޔިތުންނަށް ގުޅިފައިވާ އަވަށްތަކަށް ދަތުރުކުރެވޭނި ހަމައެކަނި ހޮނިހިރު، ހޯމަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 3:00 އާ ދެމެދުއެވެ. އަދި މަރަދޫ، މަރަދޫފޭދީ އަދި ފޭދޫ ރައްޔިތުންނަށް ގުޅިފައިވާ އަވަށްތަކަށް ދަތުރުކުރެވޭނީ އާދިއްތަ، އަންގާރަ އަދި ބުދަ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 3:00 އާ ދެމެދު ކަމަށް އެ އިއުލާނުގައިވެއެވެ.

ވިޔަފާރިތަކުން އަމަލުކުރަންޖެހޭ ކަންތައްތައް:

  • ނިސްބަތުން ބޮޑެތި ފިހާރަތަކުން ހިދުމަތް ދިނުމުގައި ގިނަ ކަސްޓަމަރުން އެއްފަހަރާ ފިހާރައިގެ ތެރެއަށް ވެއްދުމުގެ ބަދަލުގައި ގިނަވެގެން 4 ކަސްޓަމަރުން ވެއްދުމަށް އިހްތިޔާރުކުރުން. އަދިކަންމަތީ ފިހާރަތަކުން ހިދުމަތް ދިނުމުގައި ގިނަ ކަސްޓަމަރުން އެއްފަހަރާ ފިހާރައިގެ ތެރެއަށް ވެއްދުމުގެ ބަދަލުގައި ގިނަވެގެން 2 ކަސްޓަމަރުން ވެއްދުމަށް އިހްތިޔާރުކުރުން
  • ކަސްޓަމަރުންނާއި ފިހާރައިގެ ކޭޝިޔަރުންނާއި ދެމެދު 3 ފޫޓަށް ވުރެ ދުރުގައި ތިބެ މުއާމަލާތްކުރެވޭނެގޮތް ހަމަޖައްސާފައި ހުރުން
  • ފިހާރައިގައި މަސައްކަތްކުރާ ފަރާތްތަކައް ހޭންޑް ސެނަޓައިޒް ނުވަތަ އަތްދޮވެވޭނެ އިންތިޒާމް ހަމަޖައްސާފައިހުރުން.
  • ފިހާރައަށްދާ ފަރާތްތަކަށް ހޭންޑް ސެނަޓައިޒް ނުވަތަ އަތްދޮވެވޭނެ އިންތިޒާމް ފިހާރައިން ހަމަޖައްސާފައި ހުރުން.
  • ފިހާރައިގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކުވެސް ޚިދުމަތްދޭ ގަޑީގައި މާސްކު އަޅައި އަންގިލައްވައިގެން ހުރުން.
  • ކަސްޓަމަރުން އޯޑަރުކުރުމުން އެ ކަސްޓަމަރު އަންނަ ގަޑިއަށް މުދާ ތައްޔާރަށް ބެހެއްޓުން.
  • ފިހާރަތަކުން ގަންނަ ތަކެއްޗަށް ފައިސާ ދެއްކުމުގައި އޮންލައިން އިންތިޒާމްތައް ހަމަޖައްސާފައި ހުރުން.
  • ކޮންމެ ދުވަހެއްގެވެސް ވިޔަފާރި ވަގުތު ނިމުމުން، ފިހާރައިގެ ތަޅުންގަނޑާއި ކަސްޓަމަރުން އަތްޖެހޭ ތަންތަން ހެލްތް ޕޮރެޓެކްޝަން އެޖެންސީގެ ގައިޑްލައިނާއި އެއްގޮތަށް ޑިސްއިންފެކްޓްކުރުން.
  • ފިހާރައަށް އަންނަ ކަސްޓަމަރުންގެ ކިއު ހަދަންޖެހޭނަމަ ފިހާރައިގެ ބޭރުގައި ކިއު ރޮނގު ދަމައި ކިއު ހެދުމުގެ އިންތިޒާމްކުރަންވާނެ.

މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުން ވަނީ ފިހާރަތަކުން ތަކެތި ގަތުމަށްފަހު ލަސްނުކޮށް ގެއަށްދިއުމާއި، މަގުމަތީގައި ތަންތަނުގައި އަތްނުލައި މަދުވެގެން 3 ފޫޓުގެ ގައިދުރުކަން ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ. އަދި ފިހާރައިން ގެނައި ކޮތަޅެއްނަމަ އެ ކޮތަޅުން ތަކެތި ނެގުމަށްފަހު، ކޮތަޅު ޑަސްބިނަށްލުމަށާއި، ސައިބޯނި ލައިގެން އަތް ދޮންނަން ހާއްސަ ސަމާލުކަމެއްދިނުމުގެ އިތުރުން ފިހާރައިން ގަތް ތަކެތި ރަނގަޅަށް ސާފުކުރުމަށްފަހު ފްރިޖްގަޔާއި އެހެނިހެން ތަންތަނުގައި ބެހެއްޓުމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.