އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ ހޮސްޕިޓަލެއްގެ މެޓާނިޓީ ވޯޑަށް ހަމަލާދީ 24 މީހެއްގެ ފުރާނަ ދުއްވާލި ޖަރީމާ ހިންގާފައިވަނީ، ހައްދު ފަހަނައަޅާފައިވާ ހަނގުރާމަވެރި އައިސިސް ޖަމާއަތުން ކަމަށާ، އެއީ ތޯލިބާނުންގެ ހަމަލާއެއް ނޫންކަމަށް އެމެރިކާއިން ބުނެފިއެވެ.
ތުއްތު 2 ކުއްޖެއްގެވެސް ފުރާނަ ގެއްލިދިޔަ މި ރަހުމުކުޑަ ހަމަލާއާއި ގުޅިގެން އެމެރިކާއިން ވަނީ، ހައިޖާނުގަނޑަކަށް ވެއްޓިފައިވާ ތޯލިބާން ޖަމާއަތާއެކު ސުލްހަ ގާއިމު ކުރުމުގެ މަސައްކަތައިގެން އަފްގާނިސްތާނުގެ މައި ސަރުކާރުން ކުރިއަށް ދިއުމަށްވެސް ގޮވާލާފައެވެ.
އެމެރިކާއިން މިފަދަ ވާހަކަތަކެއް ދައްކާފައިވާ މި ދަނޑިވަޅަކީ، މެޓާނިޓީ ވޯޑަށް ދިން ހަމަލާއާއި ގުޅިގެން، ތޯލިބާނު ހަނގުރާމަވެރިންނާ ދެކޮޅަށް ހިންގާ އޮޕަރޭޝަން ވަރުގަދަ ކުރުމަށް އަފްގާނިސްތާނުގެ ސަރުކާރުން ގޮވާލާފައިވާ ދަނޑިވަޅެކެވެ.
ކަންމިހެން އޮތްއިރު އެމެރިކާގެ ހާއްސަ މަންދޫބު ޒަލްމޭ ޚަލީލޫޒާދު ވަނީ، މެޓާނިޓީ ވޯޑަށް ދިން ހަމަލާއަކީ އައިސިސްގެ ހަމަލާއެއް ކަމަށާ، އެ ޖަމާއަތަކީ ތޯލިބާނުންނަށް އެއްވެސް ވަރެއްގެ ސުލްހައެއް އެދޭ ޖަމާއަތެއް ނޫން ކަމަށާ، އައިސިސްއިން ބޭނުންވަނީ އިރާގުގައި އުފެދިފައިވާ ފަދަ ފިކުރީ ހަނގުރާމައެއް އަފްގާނިސްތާނުގައިވެސް އުފެއްދުން ކަމަށް ވިދާޅުވެ ޓްވީޓްއެއް ކުރައްވާފައެވެ.
އައިސިސްގެ މި ދަންތުރާގައި ޖެހި ސުލްހަވުން ފަސްކޮށް އިތުރު ހައިޖާނުތަކެއް އުފެދުމުގެ ބަދަލުގައި އަފްގާނިސްތާނު އެކަތިގަނޑަކަށްވެ، މި ހަމަނުޖެހުން ހުއްޓުމަކަށް ގެނެސް، ސުލްހަ ގާއިމު ކުރުމަށް ލިބިފައިވާ މި ތާރީޚީ ފުރުސަތުގެ ބޭނުން ހިފުމަށްވެސް ޚަލީލުޒާދު ވަނީ ގޮވާލައްވާފައެވެ.
އަފްގާނިސްތާނުގެ ސަރުކާރުން ދެން ދައްކާނެ އިތުރު އުޒުރެއް ނެތްކަމަށާ، މުޅި ދުނިޔެއާއި އަފްގާނިސްތާނުގެ ރައްޔިތުންނަށްވެސް އަދަށްވުރެ އެތައް ގޮތަކުން ރަނގަޅު މާދަމައެއް ހައްގުވާ ކަމަށްވެސް ޚަލީލުޒާދު ވަނީ ވިދާޅުވެފައެވެ.
ހޮސްޕިޓަލެއްގެ މާޓިނީ ވޯޑަށް ދިން ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައި ނުވި ނަމަވެސް، ހަމަ އެދުވަހު ޖަނާޒާއަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ޒިންމާ، އައިސިސް އިން ވަނީ އުފުލާފައެވެ.
ތޯލިބާނު ޖަމާއަތުން ވަނީ މި ހަމަލާތަކުގައި އެ ޖަމާއަތުގެ އަތެއް ނުވާނެ ކަމަށް ބުނެފައެވެ. ނަމަވެސް އަފްގާނިސްތާނުގެ ސަރުކާރުން ވަނީ ޓެރަރިޒަމްގެ ތުހުމަތުތަކެއް ތޯލިބާނު ޖަމާއަތަށް އަމާޒު ކޮށްފައެވެ.
މި ހަމަލާތައް ވެފައިވަނީ އަފްގާނިސްތާނުގައި ވެރިކަން ކުރަމުން އަންނަ މައި ސަރުކާރާ، އަފްގާނިސްތާނުގައި ކުރިން ވެރިކަން ކުރި ތޯލިބާން ޖަމާއަތާ ދެމެދު ސުލްހަ ގާއިމު ކުރުމަށް އެމެރިކާގެ ސަރުކާރުން އިސްވެ އޮވެ ކުރަމުންދާ މަސައްކަތްތައް ކާމިޔާބު ކުރުމަށް އެޅުނު އިތުރު ހުރަހަކަށެވެ.