ކޮވިޑް19 އާ ގުޅިގެން ޒަރޫރީ ބޭނުމަށް މީގެ ފަހުން ފިހާރައަށް ދިއުމަށް ހުއްދަ ދެވޭނީ ހަފްތާއަކު އެންމެ ފަހަރަކު ކަމަށް ފުލުހުން ބުނެފިއެވެ.

މި އުސޫލަށް އަމަލުކުރަން ފަށާނީ މޭއި 17، 2020 ވާ ދުވަހުން ފެށިގެންނެވެ.

ފުލުހުން ބުނީ ބާޒާރު ކުރުމަށް ދޫކުރެވި ފައިވާ ހުއްދަތަކަށް މިއަދުން ފެށިގެން ބަދަލެއް ގެނެވޭނެ ކަމަށެވެ. އެގޮތުން، ކުރިއަށް އޮތް ތަނުގައި ބާޒާރު ކުރުމަށް ހުއްދަ ދެވޭނީ ހަފްތާއަކު އެއް ފަހަރު ކަމަށެވެ. އާއްމުންނަށް ބާޒާރު ކުރުމަށް ކަނޑައެޅިފައިވާ އާ ގަޑިތައް މެސެޖަކުން ލިބިގެން ދާނެ ކަމަށާއި އަލުން ރަޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކޮވިޑް19 މާލެއިން މިދިޔަ މަހުގެ 15ވަނަ ދުވަހު ފެނުމާ އެކުގައި މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފައެވެ. އަދި ޒަރޫރީ ބޭނުން ތަކަށް ތަކެތި ގަތުމަށް ބޭރަށް ނިކުމެވެނީ ފުލުހުންގެ ފަރާތުން ލިބޭ ހާއްސަ ހުއްދައެއް ލިބިގެންނެވެ. އެ ހުއްދަ ފުލުހުން ދޫކުރަނީ ފޯނަށް ފޮނުވާ މެސެޖަކުންނެވެ.

މިހާތަނަށް 28،000 އަށްވުރެ ގިނަ މީހުންނަށް ގްރޯސަރީ ހުއްދަ ދޫކޮށްފައި ވާ ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް ފޯރު ކޮށްދެވޭނީ ފުލުހުންގެ ފަރާތުން ދޫކުރާ ހުއްދައެއް ލިބިގެންނެވެ.