ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރި ވަމުން އަންނަ ޑޮކްޓަރުންނަށް އަމާޒު ކޮށްގެން ފުޅާ ދާއިރާއެއްގައި ސައިބާ އެޓޭކުތަކެއް މިރޭ ދެމުން އަންނަ ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ކޮވިޑް19 އާއި ގުޅިގެން ޑޮކްޓަރުންނަށް އަމާޒު ކޮށްގެން ދެމުން ގެންދާ ސައިބާ އެޓޭކުތައް އަންނަނީ ވަޓްސްއެޕް މެދުވެރިކޮށް ކޮންޓެކްޓެއްގެ ނަމުގައި ކޯޑެއް މެސެޖުކޮށް ނުވަތަ ކޮންޓެކްޓެއްގެ ނަމުގައި ފޯނު ކޮށްގެން ކަމަށެވެ. އަދި ޑޮކްޓަރުންގެ ފޯނުތަކަށް ކޯޑެއް ފޮނުވާ ކަމަށާއި އެ ކޯޑުތައް ފޮނުވައިގެން ޑޮކްޓަރުންގެ ފޯނުތައް ހެކް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.

ޑޮކްޓަރުންގެ ފޯނުތަކަށް އެ މެސެޖުތައް ފޮނުވަނީ ދަންނަ މީހުންގެ ނަމުގައި ކަމަށާއި އެ ކޯޑުތަކަކީ ޑުޕްލިކޭޓު ކޮށްފައި ހުންނަ ޕްރޮފައިލް ތަކުން ފޮނުވާ ސައިބާ އެޓޭކުތަކެއް ކަމަށް ފުލުހުން ބުންޏެވެ.

އެއްވެސް ފަރާތެއްގެ ފޯނަށް ޝައްކުވާ ޒާތުގެ ލިންކެއް މެސެޖެއްކޮށްފައިވާނަމަ އެ ލިންކު ނުހުޅުވައި އަދި ދަންނަ ކޮންޓެކްޓެއްގެ ފަރާތުން ވެސް އަންނަ މެސެޖެއްގައި އޮންނަ ކޯޑު އެއްވެސް މީހަކަށް ނުދިނުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.