ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި ބަންގްލަދޭޝް މީހުންގެ އަދަދު 500 އިން މައްޗަށް އަރާފައިވާ ކަމަށް ހެލްތް ޕްރޯޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ ރާއްޖޭގައި ކޮވިޑް ޖެހިފައިވާ ބަންގްލަދޭޝް މީހުންގެ އަދަދު 506 އަށް އަރާފައިވާ ކަމަށެވެ.

މިހާ ގިނަ އަދަދެއްގެ ބިދޭސީން ޕޮޒިޓިވް ވެފައި ވާއިރު، މިދިޔަ މަހުގެ 30 ވަނަ ދުވަހު އެޗްޕީއޭ އިން ބުނެފައި ވަނީ 1085 ބިދޭސީން ދިރިއުޅޭ 23 ތަނެއް މިހާރު ކަރަންޓީނު ކޮށްފައިވާ ކަމަށެވެ. އަދި މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް ބިދޭސީން ދިރިއުޅޭ 33 ތަނެއް މޮނިޓަރިންނަށް ލާ 30 ތަނަކުން ސާމްޕަލް ނަގައިފއިވާ ކަމަށް އެޗްޕީއޭން ވަނީ ބުނެފައެވެ.

އަދި އެތަންތަނުގައި ތިބި މީހުންގެ ކަންކަން ރެޑް ކްރެސެންޓުން ބަލަހައްޓަމުން ގެންދާ ކަމަށް ވެސް އެޗްޕީއޭން ބުނެފައި ވެއެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން މިހާ ގިނަ އަދަދަކަށް ޕޮޒިޓިވް ވެފައި ވާއިރު، ވޯކް ވިސާ އަދި ޓްރެވެލް ޑޮކިއުމެންޓް ނެތި ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ 1500 މަސައްކަތް ތެރިން، އެމީހުންގެ ގައުމަށް އަނބުރާ ފޮނުވާލަން ސަރުކާރުން ވަނީ ނިންމައިފައެވެ.

ރައްޖޭގައި އުޅޭ ބިދޭސީންގެ އަދަދު މައްޗަށް އަރާފައިވާއިރު، ކޮވިޑް ޖެހިފައިވާ ދިވެހިންގެ އަދަދު ވަނީ 300 އިން މައްޗަށް އަރާފައެވެ. ޖުމްލަ 316 ދިވެއްސަކު މިހާތަނަށް ޕޮޒިޓިވް ވެފައި ވާއިރު، އިންޑިއާގެ 98 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. ނޭޕާލްގެ 11 މީހަކާއި އިޓަލީގެ 11 މީހަކާއި ސްރީލަންކާގެ 6 މީހަކާއި ޕާކިސްޓަންގެ 3 މީހެއްގެ އިތުރުން އިތުރު ގައުމުތަކެއްގެ 4 މީހަކު، ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެއެވެ.