ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއުން ހަތަރު މީހަކު ވެންޓިލޭޓަރުގައިވާ ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މުރާދު ވިދާޅުވީ އޭގެތެރެއިން އެކެއްގެ ހާލަތު ސީރިއަސް ކަމަށެވެ.

ޑރ. މުރާދު ވިދާޅުވީ ކޮވިޑަށް ފަރުވާ ދެމުން ގެންދާ މީހުންގެ ތެރެއިން ސީރިއަސް ހާލަތުގައިވާ މީހުން ބަލަހައްޓަމުން ގެންދަނީ ދަރުމަވަންތަ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލުގައި ކަމަށެވެ.

މިވަގުތު ދަރުމަވަންތައިގައި ތިބީ ތިން ބަލި މީހުން ކަމަށާއި އޭގެތެރެއިން ދެ މީހަކު ވެންޓިލޭޓަރުގައިވާއިރު ތިންވަނަ މީހާގެ ހާލަތު ރަނގަޅު ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ތިންވަނަ މީހާ ބަލިން ރަނގަޅުވާ ހިސާބަށް ދާ ކަމަށްވެސް ޑރ. މުރާދު ވިދާޅުވިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގައި 10 މީހަކު އެޑްމިޓު ކޮށްފައިވާ ކަމަށާއި އޭގެތެރެއިންވެސް ދެ މީހަކު ވެންޓިލޭޓަރުގައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މުރާދު ވިދާޅުވީ ވެންޓިލޭޓަރަށް ނުލާ އޮތް މީހެއްގެ ހާލަތު ސީރިއަސް ކަމަށެވެ. އެހެންކަމުން އެމީހާ ވަރަށް ގާތުން މޮނީޓާ ކުރަމުން އަންނަ ކަމަށްވެސް ޑރ. މުރާދު ވިދާޅުވިއެވެ.

ރާއްޖެއިން މިއަދު އެކަނިވެސް ވަނީ 51 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު 955 އަށް އަރާފައިވާއިރު އެވްރެޖު ގޮތެއްގައި ބަލި ޖެހުނު މީހުންގެ އުމުރަކީ 20 އަހަރާއި 40 އަހަރާއި ދެމެދެވެ.