ޕެންޝަން ފަންޑުން ހައްޖަށް ދިއުމަށް ފައިސާ ނަގާކަމަށާއި މިވަގުތު ފުރާނަ ސަލާމަތް ކުރުމަށް ވެސް އެ ފަންޑު ހުޅުވާލަން އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ގޮވާލައްވައިފިއެވެ.

ސަލީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕެންޝަން ފަންޑު މިހާރުވެސް ވަނީ ހައްޖަށް ދިއުމަށް ހުޅުވާލައިފައި ކަމަށެވެ. ކަން މިގޮތަށް އޮތް އިރު ފުރާނަ ސަލާމަތް ކުރުމަށް ހުޅުވާ ނުލެވެންވީ ކީއްވެތޯ ސަލީމް ވަނީ ސުވާލު ކުރައްވާފައެވެ. ސަލީމް އިޝާރާތް ކުރައްވަނީ ކޮވިޑާ ގުޅިގެން ރައްޔިތުން އުޅެންޖެހިފައިވާ ދަތި ހާލަށެވެ.

އެންމެ އިސްކަމެއް މިވަގުތު ދޭން ޖެހެނީ ފުރާން ސަލާމަތް ކުރުމަށް ކަމަށާއި އޭގެ ފަހުން އިތުރު ކަމެއް ކުރުން ކަމަށް ވާއިރު މިއީ އެ ފައިސާ ދޭންވީ ވަގުތު ކަމަށްވެސް ސަލީމް ވިދާޅުވެއެވެ.

ޕްނެޝަން ފަންޑުން ފައިސާ ނެގުމަށް ސަލީމް ގޮވާލައްވައިފައި ވާއިރު، ޕެންޝަން ފަންޑުގައި ހުރި ފައިސާ ނެގޭ ގޮތް ހެދުމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މިއަދުގެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލު ވަނީ ބޭރު ކޮށްލާފައެވެ. ޕެންޝަން ފަންޑާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ ގައުމެއްގެ ޕެންޝަން ފަންޑުގައި އަތްލައިފިނަމަ އެ ގައުމެއްގެ މާޒީ އެކީގައި ދިޔައީ ކަމަށެވެ.

ކޮވިޑް ރޯގާ އާ ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ މާލީ ހާލަތާއި ވަޒީފާ ގެއްލި މީހުންގެ އާމްދަނީ ހުއްޓުމަކަށް އައިސްފައި ވާތީ ޕެންޝަން ފަންޑުގައި ހުރި ފައިސާ ނެގޭނެ ގޮތެއް ހޯދައި ދިނުމަށް ބައެއް ފަރާތްތަކުން ދަނީ އެދެމުންނެވެ. ސަރުކާރުން ބުނެފައި ވަނީ ކިރިޔާވެސް ގޮތެއް އޮތްނަމަ ޕެންޝަން ފަންޑުގައި އަތްނުލާނެ ކަމަށެވެ.