މިހާތަނަށް ލޮކްޑައުންއާ ހިލާފުވެގެން 197 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ލޮކްޑައުންއާ ހިލާފުވެގެން 197 މީހަކު ހައްޔަރު ކޮށްފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ މާލެއިން ހައްޔަރުކުރި 181 މީހަކާއި، ހުޅުމާލެއިން ހައްޔަރުކުރި 14 މީހެއްގެ އިތުރުން ވިލިމާލެއިން ހައްޔަރުކުރި ދެ މީހެކެވެ.

އަދި މީގެ ތެރޭގައި އިއްޔެ ހައްޔަރު ކުރި 4 މީހަކު ހިމެނޭ ކަމަށް ވެސް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، އިއްޔެ ހައްޔަރު ކުރި 4 މީހުން ވެސް ހައްޔަރުކޮށްފައި ވަނީ މާލެއިން ކަމަށެވެ.

ލޮކްޑައުންގެ އަމުރާ ހިލާފުވެގެން 197 މީހަކު ހައްޔަރު ކޮށްފައި ވާއިރު، ލޮކްޑައުންގެ އަމުރާ ހިލާފުވި 3710 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެއިން ޖޫރިމަނާކުރި 3191 މީހުންނާއި ހުޅުމާލެއިން ޖޫރިމަނާކުރި 433 މީހުންގެ އިތުރުން ވިލިމާލެއިން ޖޫރިމަނާ ކުރި 86 މީހެކެވެ.

މީގެ ތެރޭގައި އިއްޔެ ޖޫރިމަނާ ކުރި 151 މީހަކު ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އިއްޔެ ޖޫރިމަނާ ކުރީ މާލެއިން 123 މީހުންނާއި، ހުޅުމާލެއިން 21 މީހުންގެ އިތުރުން ވިލިމާލެއިން 7 މީހަކު ކަމަށެވެ.

މާލެއިން ކޮވިޑް19 މިދިޔަ މަހުގެ 15ވަނަ ދުވަހު ފެނުމާއި އެކު މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފައެވެ. އަދި ޒަރޫރީ ބޭނުންތަކަށް ފިހާރައަށް ނުވަތަ ބޭރަށް ނިކުމެވޭނީ ފުލުހުން ދޭ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އެއާއި ހިލާފަށް އަމަލު ކުރާ ފަރާތްތަކާއި މެދު ފުލުހުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ.

ލޮކްޑައުންއާ ހިލާފުވާ މީހުންނަށް ގާނޫނީ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ވަނީ މީގެކުރިންވެސް ބުނެފައެވެ. އެގޮތުން ލޮކްޑައުންއާ ހިލާފުވެގެން ގިނަ ބަޔަކު މިހާތަނަށް ފުލުހުން ހައްޔަރުވެސް ކޮށްފައިވެއެވެ.