އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ މެޓާނިޓީ ވޯޑަކަށް އަމާޒުކޮށް ހަނގުރާމަވެރިން ދިން ހަމަލާ، އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ކުށްވެރި ކުރައްވައިފިއެވެ.
ހަތިޔާރުއެޅި ހަނގުރާމަވެރިން ތަކެއް ހޮސްޕިޓަލު ތެރެއަށް ގަދަކަމުން ވަދެގަތުމަށް ފަހު އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ދިން މި ހަމަލާގައި، 2 ތުއްތު ކުދިންގެ އިތުރުން 12 މައިންނާއި، ނަރުހުންތަކެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.
މީގެ އިތުރުން، އަފްގާނިސްތާނުގެ އިރުމަތީ ނަންގަރުހާރު ޕްރޮވިންސްގައި ކުރިއަށްދިޔަ ޖަނާޒާއެއްގައި ދިން ބޮމުގެ ހަމަލާއެއްގައި 26 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.
މެޓާނިޓީ ވޯޑަށް ދިން ހަމަލާ ކުށްވެރި ކުރައްވަމުން ޕޮމްޕޭއޯ ވިދާޅުވީ، މައުސޫމު ބަޔަކަށް ދެވޭ ކޮންމެ އަނިޔާއަކީ މައާފު ދެވޭނެ ކަމެއް ނޫން ކަމަށާ، ވަކިން ހާއްސަކޮށް އަލަށް އުފަންވާ ކުދިންނާ، ވިހެއުމުގެ ވޭން ތަހައްމަލު ކުރަމުންދާ އަންހެނުންތަކެއް ތިބި ތަނަކަށް ހަމަލާ ދިނުމަކީ، އެ އަމަލު ހިންގި މީހުންގެ އިންތިހާ 'ނުބައިކަން' ކަމަށެވެ.
ޖަނާޒާއަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ޕޮމްޕޭއޯ ވިދާޅުވީ، ކަށު ނަމާދަށް ބަޔަކު ސަފު ހަދައިގެން ތިބި ވަގުތު ޓެރަރިސްޓުންގެ ބަޔަކު އެ ހަމަލާ ދިނީ އާއިލީ އެއްބައިވަންތަކަން ދަމަހައްޓަމުންދިޔަ ގުޅުންތައް ކަނޑާލުމުގެ މަގުސަދުގައި ކަމަށް ވީ ނަމަވެސް، އެއީ ކާމިޔާބު ކުރެވޭނެ ކަމެއް ނޫންކަމަށެވެ.
މިއީ ރަމަޟާން މަސް ކަމަށްވެފައި، މީގެ އިތުރުން މި ދުވަސްވަރަކީ ނުރައްކާތެރި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ވަގުތަކަށް ވާއިރު، މިފަދަ ދަނޑިވަޅެއްގައި މިފަދަ ހަމަލާތަކެއް ދިނުމަކީ ސިހުން ގެނުވަނިވި ކަމެއްކަމަށްވެސް އެމެރިކާގެ ހާރިޖީ ވަޒީރު ވަނީ ސިފަކުރައްވާފައެވެ.
މި ހަމަލާތަކާ ގުޅިގެން އަފްގާނިސްތާނުގެ ރައީސް އަޝްރަފު ގަނީ ވަނީ، ތޯލިބާނު ޖަމާއަތާ އަދިވެސް އެނޫން އެފަދަ ހަނގުރާމަވެރިންނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތައް އަލުން ފެށުމަށް އަމުރުކުރައްވަމުން ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.
އަދި ހަމަލާތަކާ ހަމަނުޖެހުންތައް މަދު ކުރުމަށް ތަކުރާރުކޮށް ގޮވާލަމުންދާ ގޮވާލުންތަކަށް، ހަނގުރާމަވެރިން ބީރު ކަންފަތެއް ދެމުންދާކަމަށްވެސް ގަނީ ވަނީ ސިފަކުރައްވާފައެވެ.