ރާއްޖެއިން ކޮވިޑް19 އަށް އިތުރު 51 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް ވިދާޅުވީ މިއަދު އަލަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 51 ކަމަށެވެ.

ޕޮޒިޓިވް ވެފައިވާ މީހުންނަކީ 12 ދިވެހިންނާއި ބަންގްލަދޭޝް 11 މީހުންނާއި އިންޑިއާ އަށް ނިސްބަތްވާ 26 މީހުންނާއި ލަންކާ އަދި ނޭޕާލް އަށް ނިސްބަތްވާ މީހެކެވެ.

މިއާއި އެކު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިވަނީ 955 އަށް އަރާފައެވެ.

ރާއްޖޭގައި މިބަލި އެންމެ ގިނައިން ފެތުރެމުން ދަނީ ބިދޭސީންގެ ތެރޭގައި ކަމަށް ވީއިރު، ބިދޭސީން ދިރިއުޅޭ 28 ތަނެއް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައެވެ. މިހާރު މި ބަލި ޖެހިފައިވާ ބަންގްލަދޭޝް މީހުންގެ އަދަދު ވަނީ 506 އަށް އަރާފައެވެ. އަދި މިބަލި ޖެހުނު ދިވެހިންގެ އަދަދު ވަނީ 316 އަށް އަރާފައެވެ. ތިންވަނަ އަށް އެންމެ ގިނައިން ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އިންޑިއާ މީހުންނެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން ތިން މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އަދި މީގެ އިތުރުން މި ބަލި ޖެހުނު މީހުންގެ ތެރެއިން 40 މީހަކު މިހާރު ވަނީ ރަނގަޅުވެފައެވެ.