އއ ވެލިދޫ ކަރަންޓީން ފެސިލިޓީގައި ސިފައިންގެ މޭރަކާއި އެތާ މަސައްކަތް ކުރި ޑޮކަޓަރަކު އެކަހެރިކޮށް ތިބި މައްސަލައެއް ނުބަލާކަމަށް ކުރިން ބުނެފައި މިހާރު އެމައްސަލަ ބަލަން ފަށައިފި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ބަލަމުން ދަނީ ރޭގަނޑު ދަންވަރު އެ ދެމީހުން އެކަހެރިކޮށް ތިބި މައްސަލައެއް ކަމަށެވެ.

ބައެެެއް މަސްދަރުތަކުން އެނގިފައިވާ ގޮތުގައި، އެސިފައިންގެ މީހާއަކީ ވެލިދޫ ފެސިލިޓީއާ ހަވާލުވެ ހުރި މީހާއެވެ. އަދި ޑޮކްޓަރަކީ އެތާަނގައި މަސައްކަތް ކުރާ އަންހެން ޑޮކްޓަރެކެވެ. އެދެމީހުން ކޮޓަރިއެއްގައި އެކަހެރިކޮށް ތިބިކަން ރޭ ދަންވަރު ފުލުހަށް އެންގިކަންވެސް ވަނީ އެނގިފައެވެ.

ނަމަވެސް މިފަދަ އެއްވެސް މައްސަލައެއް ނުބަލާ ކަމަށް ބުނެ، މިއަދު ހަވީރު ވި ފަހުން ފުލުހުން ބުނީ މައްސަލަ ބަލަމުން ދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އއ ވެލިދޫ ފެސިލިޓީގައި ހުރި ޑޮކްޓަރު މިހާރު ވަނީ މާލެ އައިސްފައެވެ. އަދި ވެލިދޫ ފެސިލިޓީގައި ތިބި ފުލުހުންގެ ތެރެއިން ފުލުހަކު އެހެން ރަށަކަށް ބަދަލުކޮށްފި ކަމަށްވެސް ބައެއް މަސްދަރުތަކުން ބުނެއެވެ.

ނަމަވެސް މިއިން އެއްވެސް ކަމެއް ފުލުހުން ސާފު ކޮށެއް ނުދިނެވެ. އަދި ކުރިން ނުބަލާ ކަމަށް ބުނި މައްސަލަ ބަލަން ފެށި ކަމަށް ބުނީ ކޮން ފަރާތަކުން. ކޮން އިރަކު މައްސަލަ ހުށަހަޅައިގެން ކަމެއްވެސް ނުބުންޏެވެ.